ދުނިޔޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕެއިން އިންޑިއާގައި ފަށައިފި

17 Jan 2021 | 14:10

ދުނިޔޭގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕެއިން އަވައްޓެރި އިންޑިއާގައި ފަށައިފިއެވެ.

1.3 ބިލިޔަން މީހުންނަށް ވެކްސިން ދިނުމުގެ އަމާޒުގައި ކުރިއަށްގެންދާ މި ވެކްސިން ދިނުމުގެ ކެމްޕެއިން ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. މި ކެމްޕެއިންގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށެވެ.

މި ވެކްސިން ކެމްޕެއިނަށްޓަކައި އެއްގަމާއި ވައިގެ މަގުން ވަނީ އެތައް މިލިޔަން ވެކްސިން ޑޯޒްތަކެއް އިންޑިއާގެ އެކި ހިސާބުތަކަށް ފޮނުވާލާފައެވެ. މި ކެމްޕެއިންގެ ތެރެއިން ޖެހުމަށް ހަމަޖެހިފައިވަނީ އިންޑިއާގައި ތަރައްގީކުރި ދެ ވެކްސިންކަމަށްވާ ކޮވިޝީލްޑް އަދި ކޮވެކްސިނެވެ. މީގެ ތެރެއިން ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނަަށް އިންޑިއާއިން ކިޔާ ނަމެވެ.

އިންޑިއާއިން ވަނީ ވެކްސިން ދިނުމުގެ މަސައްކަތާ ގުޅޭގޮތުން ގޮތުން ޚާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް ތައާރަފްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާއިން ޖަހަމުންގެންދާ ކޮވެކްސިންގެ ރައްކާތެރިކަމާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ އެ ބޭނުންކުރުމުގެ ހުއްދަދޭން ނިންމާފައިވަނީ ފޭސް3 ޓްރަޔަލް ނިމުމުގެ ކުރިންކަމުގައި ވާތީއެވެ. ނަމަވެސް ވެކްސިން އުފެއްދި ފަރާތާއި އިންޑިއާގެ ސަރުކާރުންވެސް ވަނީ އެ ވެކްސިން ރައްކާތެރިވާނެ ކަމަށާއި، އޭގެ އެފިކަސީ ޑޭޓާ މިއަންނަ މަހުގައި ލިބޭނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް