ވުޖޫދުގައި ނެތްކަމަށްބުނި އެއްކޮޓަރީގެ ފްލެޓްތަކުގެ ވަގުތީ ލިސްޓު ހާމަކުރަނީ!

17 Jan 2021 | 16:15

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމެންޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިމަހުގެ ފަހުކޮޅު އާންމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ހާމަކޮށްފިއެވެ.

"ވޮއިސް"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެންބަރު އަލްއުސްތާޛު ތޯހާ މުހައްމަދު ވިދާޅުވީ އެއް ކޮޓަރީގެ އެޕާޓްމެންޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލަމުންދާ ކަމަށެވެ. އަދި އެފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިމަހުގެ ފަހުކޮޅުގައި އާންމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ތޯހާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ އެއްކޮޓަރީގެ ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ އެޗް11 އިން އެޗް 15 އާއި ދެމެދުގެ ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކެވެ.

ތޯހާ މައުލޫމާތު ދިންގޮތުގައި އެއް ކޮޓަރީގެ ހުރިހާ ކެޓަގަރީއެއްގެ ހާލު މިހާރު ބަލަމުން އަންނަކަމާއި ވަގުތީ ލިސްޓު މި މަހު ނެރެވޭން މަސައްކަތްކުރާކަމަށެވެ.

މީގެ ކުރިން ހައުސިން މިނިސްޓަރ އަސްލަމް ވަނީ ހިޔާ އެއްކޮޓަރީގެ ފްލެޓްތަކަކީ ވުޖޫދުގައި ނެތް ފްލެޓްތަކެއްކަމަށް ބުނެ އިތުރުފުޅު ހައްދަވާފައެވެ.

ހުޅުމާލެގައި ހިޔާގެ އެއްކޮޓަރީގެ ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރު ކުންފުނިތަކުން އަޅާ ފްލްޓް އިމާރާތްތަކުގެ 1 ވަނަ ފަންގިފިލާއިން ފެށިގެން 4 ވަނަ ފަނގިފިލާއާއި ދެމެދުގެ ހުރި އެއްކޮޓަޜީގެ އެޕާޓްމަންތަކެވެ. މީގެ ތެރެއިން އެމްޕީއެލްގެ އިމާރާތުގެ މަސައްކަތް މިހާރު ނިމުމާއި ގާތްވެފައިވާ އިރު އެއްކޮޓަރީގެ ފްލެޓްތަކާއި ބެހޭ އެއްވެސް މައުލޫމާތެއް މިނިސްޓަރ އަސްލަމް ހާމަކުރައްވާފައިނުވެއެވެ.

އެމްޕީއެލް ފްލެޓް

ތޯހާ އިތުރަށް ވިދާޅުވީ މިހާތަނަށް އާންމުކޮށްފައިވާ ކެޓަގަރީތަކުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްތައް މިމަހުގެ ފަހުކޮޅު އާންމުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ދާއިމީ ލިސްޓްތައް އާންމުކުރާނީ ވަގުތީ ލިސްޓްތަކަށް ހުށައެޅިފައިވާ ޝަކުވާތަކަށް ޖަވާބު ދިނުމަށްފަހުގައި ކަމަށްވެސް ތޯހާ ވިދާޅުވިއެވެ.

މިހާތަނަށް ސަރުކާރުން އާންމުކޮށްފައިވަނީ އެޗް4 އިން ފެށިގެން އެޗް10އާ ހަމައަށް ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓެވެ. މި ލިސްޓްތަކާ މެދު އާންމުން ދަނީ ބޮޑެތި ޝަކުވާތަކެއް ކުރަމުންނެވެ.

އެގޮތުން އެންމެ ބޮޑު އެއް ޝަކުވާއަކީ ދިރިއުޅުމުގެ ހާލަތުގެ ކެޓަގަރީއަށް މާކްސް ދީފައިވާ ގޮތެވެ. 

Advertisement

ކޮމެންޓް