Advertisement

މިއީ މާލެ ސިޓީއަށް "އެލް" ބޯޑު ޖެހި މޭޔަރަކު ހޮވަންވީ ވަގުތެއްނޫން: މުހައްމަދު އިސްމާއިލް

17 Jan 2021 | 21:12

މިއީ މާލެ ސިޓީއަށް އެލްބޯޑު ޖެހި މޭޔަރަކު ހޮވަންވީ ވަގުތު ނޫންކަމަށް ބުނެ، އެމްޑީޕީގެ ފަރާތުން މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ އަނަސް އަށް ހޯރަފުށީގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ފާޑުވިދާޅުވެއްޖެއެވެ.

މިރޭ މުހައްމަދު އިސްމާއިލް ކުރެެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާގޮތުގައި ޓްރެކް ރެކޯޑެއްނެތި ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވަން ޖެހުމުން ދެންކުރާނީ އެންޓި ކެންޕެއިންކަމަށާއި، މިއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްވެސް ކުޅުއްވި ކުޅިބައިކަމަށް ވިދާޅުވެފައެވެ.

"ޓްރެކް ރެކޯޑެއް ނެތި ކައުންސިލް އިންތިހާބުގައި ވާދަކުރަން ޖެހުމުން ދެންކުރާނީ އެންޓި- ކެންޕެއިން. މިއީ 18 ވަނައަހަރު ރިޔާސީ އިންތިހާބުގައި ޞާލިހް ވެސް ކުޅުއްވި ކުޅި ބައި. ތާރީހް އިޔާދަ ކުރަން ޖާގަ ނުދެއްވާވާ! މިއީ މާލެ ސިޓީއަށް އެލް ބޯޑު ޖެހި މޭޔަރަކު ހޮވަންވީ ވަގުތެއްނޫން!" މުހައްމަދު އިސްމާއިލްގެ ޓުވީޓުގައިވެއެވެ.

މުހައްމަދު އިސްމާއިލް މިފަދައިން ޓުވީޓު ކުރައްވާފައިމިވަނީ އެމްޑީޕީގެ އިސްވެރިންނާއި އެމްޑީޕީން މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އަނަސް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް ޑރ. މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓުވީޓު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އަނަސްގެ އިތުރުން މިހާރުގެ މޭޔަރު ޝިފާ ވެސް އަންނަނީ ޑރ. މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޓުވީޓު ކުރައްވަމުންނެވެ.

މި ބޭފުޅުންގެ ޓުވީޓަށް ރައްދު ދީފައިވާ ގިނަ އާންމުން ވަނީ މި ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ސިޓީ ކައުންސިލާއި، ހައުސިންގ މިނިސްޓްރީ އޮވެ، އެދެވޭ ތަރައްޤީއެއް ފާއިތުވި ދެއަހަރު ގެނެސްދެވިފައިނުވާކަމަށް ބުނެ ފާޑުކިޔަމުންނެވެ. އަދި ޑރ. މުއިއްޒުއަށް ފާޑު ކިޔުމުގެ ބަދަލުގައި މާލެ ސިޓީގައި ބޮއްސުންލާފައިވާ ކަންކަމަށް ހައްލު ގެނައުމަށް ގިނަބަޔަކު ޓުވީޓާގައި އަންނަނީ މިބޭފުޅުންގެ ޓުވީޓުތަކަށް ރައްދުދީ ފާޑުކިޔަމުންނެވެ.

Advertisement

ކޮމެންޓް

Advertisement