ދުނިޔެމަތީގެ ސުވަރުގެ، ދުނިޔެމަތީގެ ކުނިގޮނޑަކަށް؟

20 Jan 2021 | 10:56

އިންސާނުންގެ ދިރިއުޅުން ޒަމާނުއްސުރެ ގުޅިލާމެހިފައިވަނީ، އެބައިމީހުންގެ ވަށައިގެންވާ މާހައުލާއެވެ. ތިމާވެއްޓާއި އެވެ. އެހެނީ ވަށައިގެންވާ ވެށިން ތިމާ ދިރިހުރުމަށް ބޭނުންވާ އަސާސީ މުހުތާދުތައް ފުރިހަމަކުރުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި ބުއްދިއާާއި ގާބިލިއްޔަތުކަން ތަންދިން މިންވަރުން، އިންސާނީ ނަސްލު ތަރައްގީވެ ކުރިއަރައި ގޮސްފައިވެސް ވަނީ ތިމާވެށީގެ އެހީގައެވެ. އޭގެން ލިބޭ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެންނެވެ.

މި އުސޫލުން ވަކިބަޔަކު އިސްތިސްނާވުމެއް ނެތެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެވެސް ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީވަމުންދާ ގައުމުތަކުގެ ގިންތިއަށް އާދެވިފައިވަނީ ތިމާވެށިން ލިބެން ހުރި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައި، އިގްތިސާދީ އިންޖީނުގެ ދުވެލި ބާރުކޮށްގެންނެވެ. އެ އިންޖީނުގެ ދުވެލި ބާރުކޮށްދިން އެންމެ ވަރުގަދަ ދެ މަދަދުވެރިންނަކީ މަސްވެރިކަމާއި ފަތުރުވެރިކަމެވެ.

މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތަކީވެސް ވަރަށް ބޮޑަށް ވަށައިގެންވާ ވެއްޓާއި ގުޅިފައިވާ ކަމެކެވެ. އެ ސިނާއަތްތައް ދުނިޔޭގެ ފެންވަރުގައި އެހާ ކުރިއަރައި ގޮސްފައިވެސް ވަނީ ތިމާވެށިން ލިބެންހުރި ގުދުރަތީ ވަސީލަތްތަކުގެ އެހީގައެވެ. ވަކިން ޚާއްސަކޮށް، ދިވެހިރާއްޖޭގެ ގުދުރަތީގޮތުން ނަލަފެހި ރަށްތަކުގެ ދޮންވެލި ގޮނޑުދޮށްތަކާއި، އެ ގޮނޑުދޮށްތައް ވަށައިގެންވާ މަޑު އަދި ގަދަ ނޫކުލައިގެ މޫދާއި ކަނޑުގެ ރީތިކަމާއި އޭގެން ލިބޭ ވަސީލަތްތަކުގެ އެހީގައި، ދިވެހިރާއްޖެ ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފައެވެ.

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ދިވެހިރާއްޖެ ދެކެނީ އެފަދަ ދެވަނައެއް ނެތް ތަނެއް ފަދައިންނެވެ. "ޕެރެޑައިސް އޮން އާތު" ނުވަތަ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް، ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހިރާއްޖޭގެ "ޕްރޮޑަކްޓް" މުޅި ދުނިޔެއަށް ވިއްކަމުންދަނީ އެފަދަ ދެވަނައެއް ނުވާ ދުނިޔެމަތީގެ ސުވަރުގެއެއްގެ ގޮތުގައެވެ.

ކުރިންވެސް ދެންނެވި ފަދައިން މި ދުނިޔެމަތީގެ ސުވަރުގޭގެ ޝަރަފާއި ފަޚުރު ގުޅިލާމެހިފައިވަނީ ވަށައިގެންވާ ތިމާވެށިން ލިބޭ ވަސީލަތްތަކާ އޭގެ ރީތިކަމުގެ މައްޗަށެވެ. އެ ރީތިކަމާއި ވަސީލަތްތަކުގެ މަންފާ ދިވެހިން އެތަކެއް އަހަރުތަކެއް ވަންދެން މިދަނީ ނަގަމުންނެވެ. އެހެނަސް، އިންސާނީ އަމަލުތަކުގެ ސަބަބުން އެ ތިމާވެށީގެ ރީތިކަމާއި އޭގެން ލިބޭ ވަަސީލަތްތަކުގެ އެންމެ ހެޔޮ ބޭނުން ހިފުން އަތުން ބީވެގެންދާނެކަމުގެ ބިރުވެރިކަން މިވަނީ ބޮޑުވާން ފަށާފައެވެ.

އިންސާނުންގެ ދިރިއުޅުން އެބައިމީހުންގެ ވަށައިގެންވާ ތިމާވެއްޓާއި ގުޅިލާމެހިފައިވާއިރު، އެ ވެށި ރައްކާތެރިކުރުމުގެ ޒިންމާއަކީ އެންމެންގެ މައްޗަށް އޮތް ކަމެއްގެ ގޮތުގައި ގަބޫލުކުރަންޖެހެއެވެ. އެކަމުގައި ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް އަދި މުއްސަންޖެއް ފަގީރެއްގެ އިސްތިސްނާވުމެއް ނެތެވެ.

ތިމާވެށީގެ ދެމެހެެއްޓެނިވި ސާފުތާހިރުކަމަށް އެޅިގެންދާ އެންމެ ބޮޑު އެއް ހުރަހަކީ ކުންޏެވެ. ވަކިން ޚާއްސަކޮށް ޕްލާސްޓިކް ފަދަ ފަސޭހައިން ނައްތާނުލެވޭ ކުނިބުނި މޫދާއި ގޮނޑުދޮށަށް އަޅަން ފަށައިފިނަމަ ވަރަށް ފަސޭހައިން ވެށީގެ ރީތިކަން ނެތިގެންދެއެވެ. ކަނޑުގެ ދިރުންތަކުގެ ދިރިއުޅުމަށް އޭގެ އަސަރު ފޯރައި، އެންމެފަހުން އިންސާނުންނަށް ކާންލިބޭ މަހުންވެސް ކުނިބުނީގެ އަސަރު ފެނިގެންދާނެއެވެ. ކުނީގެ މައްސަލައަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ މައްސަލައަކަށް ވީހިނދު، މިކަން ހައްލުކުރެވޭނީ ކަމާއިގުޅޭ ހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތްކޮށް ވަށާޖެހޭ ފަދަ ނަތީޖާއެއް ނެރެން އެއްބަސްވެގެންނެވެ. 

އެގޮތުން ރަށްރަށުގައި ކުނިކޮށިތައް ގާއިމްކޮށް، ކުނިތައް ނައްތާލައި، މަދުކޮށް އަދި މެނޭޖްކުރާނެ އެކަށީގެންވާ ނިޒާމްތަކެއް ގާއިމްކުރެވެން ޖެހެއެވެ. ޒިންމާދާރުކަން ކުޑަގޮތަކަށް ކުނިއެއްލައިގެން ލިބޭ ގެއްލުމާއި މެދު ހޭލުންތެރިކަން އިތުރުކުރަންޖެހެއެވެ. އެއްޗެހި އަލުން ބޭނުންކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އުނދަގޫ ނަމަވެސް ބަދަލުތަކެއް ގެނެސްގެން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްތަކުން ދުރުވާން ހިތްވަރުދޭންޖެހެއެވެ. އަދި ކަމާއި ގުޅޭ މުއައްސަސާތައް އިތުރަށް ހޭލައި، ގަވާއިދުތައް ވަރުގަދަ ކުރާންޖެހެއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދުގެ "ރަންބިސްއަޅާ ކުކުޅު" ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތް ގުޅިލާމެހިފައިވަނީ ދިވެހި ރަށްތަކާއި އެ ރަށްތަކުގެ ވަށައިގެންވާ މާހައުލުގެ ގުދުރަތީ ރީތިކަމާއެވެ. އެއީ ލޯކަލް ޓޫރިޒަމް ނުވަތަ ރިސޯޓް ޓޫރިޒަމްކަމުގައި ވިޔަސްމެއެވެ. އެހެންކަމުން ލޯކަަލް ޓޫރިޒަމް ހިންގާ ރަށްތަކާއި ރިސޯޓްތައް ހިންގާ ފަރާތްތަކުން ރަނގަޅަށް ކުނި މެނޭޖް ނުކުރާނަމަ އެކަމުގެ ހިތި ނަތީޖާ އެންމެފަހުން ބައްދަލުކުރާނީ ހަމަ އެފަރާތްތަކާއިއެވެ.

ނަމަވެސް އެފަދަ އަމަލުތަކާ އެކު ވެށި ހަޑިކުރުން މިއަދު މިވަނީ އާންމުކަމަކަށްވެފައެވެ. އެފަދައިން ކުރާ އަމަލުތައް އެއްވެސް މިންވަރަކަށް ހުއްޓުވޭ ތަނެއް ނުފެނެއެވެ. އެފަދަ އަމަލުތަކަކީ ނުފެންނަ ކަމަކަށް ގިނަ ފަރާތްތަކަކުން މިއަދު މިވަނީ ހަދާފައެވެ.

ކާންލިބޭ މަހުންވެސް، ފަތާލަންދާ މޫދުންވެސް އަދި އަރާމުކޮށްލާ ގޮނޑުދޮށުންވެސް ފެންނަނީ ހުސް ކުނިބުންޏެވެ. އެކަން ކުރާބަޔަކަށް ހަމަހިލާ ލިބޭ އަދަބެއް ނެތެވެ. 

ދުނިޔެމަތީގެ ސުވަރުގޭގެ ތިމާވެށީގެ ރީތިކަމާއި އޭގެން ލިބޭ ވަސީލަތްތަކުގެ މަންފާ ދިވެހިން ނަގަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އޭގެން އިގްތިސާދު އަދި އަމިއްލަ ދިރިއުޅުމުގެ ފެންވަރު މިހާވަރަށް ކުރިއަރުވައިފިއެވެ. ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރަކީ ހަމަ އެ ވެއްޓާއި މެދު ޣާފިލްވަމުންދާ ތަނެވެ. އެ ވެއްޓާއި މެދު އިހުމާލްވެ، ހަޑިކުރަމުންދާ ތަނެވެ. ދުނިޔެމަތީގެ ސުވަރުގެ، މިހާރު ދުނިޔެމަތީގެ ކުނިގޮނޑަކަށް ބަދަލުވަމުންދަނީ ބާވައެވެ؟

ފޮޓޯ: ޑައިވް މެގަޒިން/ޔޫކޭ

Advertisement

ކޮމެންޓް