އިންޑިއާގެ ކޮވިޑްވެކްސިން ޖަހަން ޑޮކްޓަރުން ފަސްޖެހެނީ؟

20 Jan 2021 | 10:12

އިންޑިއާގެ އަމިއްލަ ކުންފުންޏަކުން އުފެއްދި ބާރަތު ކޯވެކްސިނާއިމެދު އެގައުމުގައި ޚާއްސަކޮށް ސިއްހީ ދާއިރާގެ މީހުންގެތެރޭގައި ވަރަށް ގިނަ ޝަކުވާތަކެއް އުފެދެމުންދާކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓްކުރަމުން އެބަދެއެވެ. 

މިވެކްސިނާއިމެދު މައްސަލަ ބޮޑުވެގެން އުޅެނީ ފޭސް ތިނެއްގެ ތަޖުރިބާތައް ކުރުމެއްނެތި ކުއްލިގޮތަކަށް އިންޑިއާގެ ޑްރަގް ރެގިއުލޭޓަރ މިވެކްސިނަށް ހުއްދަދީ، މީހުންނަށް ވެކްސިން ދޭން ފެށުމުން ވެކްސިންގެ ސައިޑްއިފެކްޓައް ގިނަވެ، ވެކްސިނާއިމެދު މީހުންގެ އިތުބާރަށް ގުޑުން އެރުމުންނެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެންމެ ބޮޑު ހެލްތު ކެއަރ ހަބްގެ ގޮތުގައި ބެލެވެމުންދާ ރާމް މަނޯހަރް ލޮހިއާ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނާކަމަށް އެންޑީޓީވީން ރިޕޯޓްކޮށްފައިވަނީ ބާރަތު ކޮވިޑް ވެކްސިންގެ ބަދަލުގައި އެމީހުން ބާރުއަޅަނީ އިންޑިއާއިން ހުއްދަކޮށްފައިވާ އެސްޓްރާޒެނިކާގެ ކޮވިޝީލްޑަށެވެ.

ވެކްސިންގެ ޓްރެއަލްތައް ފުރިހަމަކޮށްފައިނުވާ ވެކްސިނެއް ޖަހަން އިންޑިއާގެ ޑޮކްޓަރުން ބޭނުމެއްނުވެއެވެ. ބާރަތު ކޯވެކްސިން ޖެހުމުން ބައެއް މީހުން ހުންއައިސް، ބޮލުގައި ރިއްސުމާއި، އެބުރުންއެރުމާއި، ހޮޑުލެވުމާއި ގައިގައި ރިއްސުމާއި، ގައިން ވަރުދެރަވުމާއި އަދި ހިރުވުމާއި ބިހިނެގުންފަދަ އެލާޖިކް މައްސަލަތައް ރިޕޯޓްކުރެވިފައިވެއެވެ. 

މިބާވަތުގެ މައްސަލަތަކާއިހެދި ރޫމާސްތައް އިތުރުވެ ބާރަތު ވެކްސިނާއިމެދު މީހުންގެ އިތުބާރު ގެއްލި އެވެކްސިން ޖަހަން މީހުން ފަސްޖެހެންފެށުމުން ސަރުކާރުން މިއަދު ބުނެފައިވަނީ ކޮވިޑާއި ދެކޮޅަށް ހަގުރާމަކުރުމުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިން މިވެކްސިން ނެގުމުގައި ފަސްޖެހިގެން ނުވާނެކަމަށެވެ. ޑޮކްޓަރުންނާއި ނަރުހުން މިވެކްސިން ޖެހުމަށް އިންކާރުކުރާނަމަ އެހެންމީހުން ދެކޭނީ ކޮންގޮތަކަށް ހެއްޔެވެ. ކުދިކުދި މައްސަލަތައް ދިމާވިޔަސް މިވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށް ސަރުކާރުން ބުނެއެވެ.

މިވެކްސިނާއިމެދު ހެލްތު ކެއަރ ވޯކަރުން ފަސްޖެހޭ ފަސްޖެހުން ނިމުމަކަށްގެނެސް މުޖްތަމައުގެ ރޯލްމޮޑެލުންނަށް ވުމަށް ސަރުކާރުން ގޮވާލައެވެ. އެކަމަކު ރޯލް މޮޑެލްކަން ދައްކަން ސަރުކާރުގެ އިސްވެރިޔަކު މިވެކްސިން ޖެހިކަމެއް އަދި ސާފެއްނުވެއެވެ.

ވެކްސިން އިންސާނުންނަށް ދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކްލިނިކަލް ޓްރެއަލްތައް ފުރިހަމަނުކޮށް އަވަސް އަރުވާލައިގެން ވެކްސިނަށް ހުއްދަދިނުމުން އިންޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އެގައުމުގައި ކުރިމަތިވަމުންދެއެވެ. މޭޑިން އިންޑިއާގެ ތީމްގެ ދަށުން އިންޑިއާގައި އަމިއްލަ ވެކްސިނެއް ތައާރަފްކުރުމަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވައުދެކެވެ.

މިދިޔަ އަހަރުވެސް ތާރީޚެއް ކަނޑައަޅައިގެން އަވަސްއަރުވާލައިގެން ވެކްސިނެއް ތައާރަފްކުރަން އުޅެގަތުމުން ސިއްހީ ތަޖުރިބާކާރުންގެ ދެކޮޅުހެދުންތަކާހެދި އެތާރީޚަށް ވެކްސިން ނެރެވޭގޮތެއް ނުވިއެވެ. އެކަމަކު ކުރިއަށް އިންޑިއާގައި މުހިއްމު އިންތިޚާބުތަކެއް ހުރުމުން މިއީ ބޮޑުވަޒީރު މޯދީގެ މޮޅުކަން ދައްކައި، ބީޖޭޕީއާއިމެދު މީހުންގެ ރުހުން އިތުރުކުރުމަށް ސިޔާސީގޮތުން ކުރިކަމެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މިވެކްސިނުން އިންޑިއާގެ ގަދަރާއި ހައިބަތު އިތުރުވެގެން ހިގައްޖެކަމަށް ސަރުކާރުން ބުނަމުންދިޔަޔަސް، އަމިއްލަ ގައުމުގައި ވެކްސިން ގަބޫލުނުކުރަން ރައްޔިތުން އުޅޭތަން ފެނުމުން އެހެންގައުމުތަކުގެ މީހުންގެކުރިމަތީގައި ވެކްސިންގެ އިތުބާރު މާބޮޑަށްވެސް ގެއްލިގެންދާނެއެވެ.

ވާދަވެރި ޗައިނާގެ ވެކްސިން މުޅި ދުނިޔެއަށް ފަތުރަމުންދާއިރު ވެކްސިން އުފެއްދުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއްގައުމުކަމުގައިވާ އިންޑިއާގައި އެގައުމުގެ ސަރުކާރުން ކޮވިޑް ވެކްސިންނާއިމެދު މިއަމަލުކުރިގޮތުން ސަރަހައްދުގައި ވެކްސިން ލީޑަރަކަށް ވުމަށް ލިބެން އޮތް ފުރުސަތު އިންޑިއާއަށް ގެއްލިގެންދިޔައީކަމަށް ބެލިދާނެއެވެ.

Advertisement

ކޮމެންޓް

Advertisement