Advertisement

އެމެރިކާގެ އާ ސަރުކާރާއެކު ދިވެހިރާއްޖެއާ މި ސަރަހައްދަށް އޮތީ ކޮންކަމެއް؟

20 Jan 2021 | 13:22

1945ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައި ނިމިގެންދިޔަ ދެވަނަ ބޮޑު ހަނގުރާމައަކީ ފަހުގެ ތާރީޚެއްގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ކަންތައްތައް އެންމެ ބޮޑަށް ބަދަލުކޮށްލި އެއް ހާދިސާއެވެ. މި ހަނގުރާމައިން ގުޅިފައިވާ އިއްތިހާދުގެ ގައުމުތައް ނަސްރު ހޯދުނަސް، ދުނިޔެއިން އަނެއްކާވެސް ބޮޑު ހަނގުރާމައަކަށް ހިނގައިދާނެކަމުގެ ބިރު ފިލައި ނުދިޔައެވެ. އެހެނީ، ގާތްގަނޑަކަށް 1947ވަނަ އަހަރުން ފެށިގެން 1991ވަނަ އަހަރާއި ހަމައަށް ދުނިޔެ އޮތީ ފިނި ހަނގުރާމައެއްގެ ތެރޭގައެވެ. އިއްތިހާދީ ބާރުތަކުގެ ތެރޭގައި ހިމެނުނު ނަމަވެސް، ވިސްނުމާއި ފިކުރުގެ ގޮތުން ދިމާ އިދިކޮޅުގައިވި އެމެރިކާ އަދި ރޫސީ ވިލާތާއި ދެމެދު ހިނގި މި ފިނި ހަނގުރާމައިގައި އެ ދެގައުމުން ދުނިޔޭގެ އެކި ސަރަހައްދުތަކުން އެކުވެރިން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރިއެވެ. އެގޮތުން އެއް ސަރަހައްދަކީ އަޅުގަނޑުމެން މި ދިރިއުޅޭ ދެކުނު އޭޝިޔާ ސަރަހައްދެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ ބިޔަ ބާރަކީ އަވައްޓެރި އިންޑިޔާއަށް ކަމަށްވުމުން، ރޫސީންނާއި އެމެރިކާއިންވެސް ފިނި ހަނގުރާމައިގެ މުއްދަތުގައި މަސައްކަތްކޮށްފައިވަނީ އިންޑިޔާއާ އެކު ގާތް ގުޅުންތައް ދަމަހައްޓައި ކުރިއެރުވުމަށެވެ. ފިނި ހަނގުރާމައިގެ މުއްދަތުގައި އުފެދުނު ނަން-އެލައިންޑް މޫވްމެންޓްގެ ފައުންޑަރ މެންބަރެއްގެ ގޮތުގައި އިންޑިޔާ އޮތް ނަމަވެސް، ފެނިގެންދިޔަ މަންޒަރަކީ އެގައުމުން ރޫސީ ވިލާތާ އެކު ބޮޑަށް ގުޅުން ބާއްވަމުން ދިޔަ ތަނެވެ. ނަމަވެސް ހިނގަމުންމިދާ 21 ވަނަ ގަރުނަށް އެޅުމާއި އެކު، ފެނިގެންދިޔަ މަންޒަރަކީ އިންޑިޔާއިން އެމެރިކާއާ އެކު އޮތް ގުޅުންތައް ވަރަށް ބޮޑަށް ބަދަހިކުރަން ފެށިތަނެވެ. އެގޮތުން ޚާރިޖީ، އިގްތިސާދީ އަދި އަސްކަރީ ރޮނގުން ދެގައުމުގެ ގުޅުންތައް ބަދަހިކުރިއެވެ. މިއަދު އިންޑިޔާ ވެފައިވަނީ ދެކުނު އޭޝިޔާ ސަރަހައްދުގައި އޮތް އެމެރިކާގެ އެންމެ ގާތް ރަހުމަތްތެރިޔާ އަށެވެ.

ފަހުގެ އަހަރުތަކުގައި އެެމެރިކާ އަދި އިންޑިޔާގެ ގުޅުމުގައި އެމެރިކާގެ އިސްވެރިންނާއި ޕޮލިސީ މޭކަރުން ގެންގުޅެމުންދިޔަ މައިގަނޑު އެއް އަސާސަކީ އިންޑިޔާގެ އެތެރޭގައި ހިނގާ ކަންކަމާ މެދު މާ ބޮޑަށް ބަސްކިޔައި ނުހެދުމެވެ. އެބައިމީހުންގެ “ޑޮމެސްޓިކް ސޮވެރިނިޓީ” އަށް އިޚުތިރާމްކުރުމެވެ. މިދިޔަ އަހަރުގެ ތެރޭގައި އިންޑިޔާއިން ފާސްކުރި ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓާއި ކަޝްމީރުގެ ޚާއްސަ ސްޓޭޓަސް އުވާލުމާ ގުޅޭގޮތުންވެސް މައިގަނޑު ގޮތެއްގައި ގެންގުޅެފައިވަނީ ހަމަ މި އުސޫލެވެ. ނަމަވެސް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވަނީ މި އުސޫލުން ކުޑަކޮށް ފެޔަށް ޖެހިވަޑައިގެންފައެވެ. ބައިޑަންގެ ރިޔާސީ ކެމްޕެއިންގެ ފަރާތުން ވަނީ ކަޝްމީރު މައްސަލައިގައި އިންޑިޔާއިން އަމަލުކުރަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަން ބައެއް ފަރާތްތަކުން ސިފަކޮށްފައިވަނީ އިންޑިޔާގެ ވެރިކަން ކުރާ ބީޖޭޕީއަށް ބައިޑަންގެ ކެމްޕެއިނުން ސީދާ ނޫނެކޭ ބުނުން ފަދަ ގޮތަކަށެވެ.

އެމެރިކާގެ ރައީސްގެ މަގާމަށް ޖޯ ބައިޑަން އިންތިޚާބުވުމާ އެކު މި ސަރަހައްދުގެ ގިނަ ފަރާތްތަކުން ކުރަމުންދިޔަ މައިގަނޑު ސުވާލުތަކަކީ އިންޑިޔާ އަދި އެމެރިކާގެ ގުޅުމަށް ދެން ވެެގެންދާނީ ކިހިނެއްތޯއެވެ؟ ޖޯ ބައިޑަންގެ ޒައާމަތުގައި ދިވެހިރާއްޖެ އަދި ދެކުނު އޭޝިއާގެ އެހެނިހެން ގައުމުތަކާ މެދު ބާއްވާނީ ކޮންކަހަލަ ސިޔާސަތެއް ތޯއެވެ؟ މި ލިޔުމުގައި އަޅުގަނޑު މަސައްކަތްކޮށްލާނީ މި ސުވާލުތަކަށް ކޮންމެވެސް މިންވަރެއްގެ ޖަވާބެއް ފޯރުކޮށްދިނުމަށެވެ.


އެމެރިކާ އަދި ދިވެހިރާއްޖޭގެ ގުޅުން:

އެމެރިކާ އަދި ދިވެހިރާއްޖެއާ މެދު ރަސްމީގޮތުން ސިޔާސީ ގުޅުންތައް ގާއިމްކުރެވުނީ 1966ވަނަ އަހަރުގެ ތެރޭގައެވެ. އެމެރިކާއިން ދިވެހިރާއްޖޭގައި މިހާތަނަށް ޑިޕްލޮމެޓިކް މިޝަނެއް ގާއިމްކޮށްފައި ނުވާ ނަމަވެސް، ދިވެހިރާއްޖެއާ ގުޅޭ ކަންތައްތައް ބަލަހައްޓަމުން ގެންދަނީ ސްރީލަންކާގައި ހުންނަ އެމެރިކާގެ ސަފީރު އަދި އެމްބަސީންނެވެ. އަދި ދެގައުމުގެ މެދުގައި ތައުލީމާއި ސަގާފީ ރޮނގުން ގުޅުން ބަދަހިކުރުމަށް މާލޭގައި ވަނީ އެމެރިކަން ސެންޓަރެއްވެސް ގާއިމްކުރެވިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 28ވަނަ ދުވަހު ދިވެހިރާއްޖެއަށް ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރަސްމީ ދަތުރެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެބޭފުޅާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ހާމަކުރައްވާފައެވެ.

ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެމެރިކާއިން ވަނީ ޔޫއެސް އެއިޑް އަދި އެހެނިހެން ގޮތްތަކުންވެސް ދިވެހިރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމާ ދެކޮޅަށް ކުރި މަސައްކަތަށް ތަކެތީގެ ގޮތުން ފޯރުކޮށްދިން އެހީތެރިކަމާއި އަދި ގައުމީ ސަލާމަތާ ގުޅުންހުރި ދާއިރާތަކަށް ފޯރުކޮށްދިން ތަމްރީންގެ އެހީތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ދެގައުމުގެ މެދުގައި ވަނީ ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައިވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ސޮއިކޮށްފައެވެ.

ދެކުނު އޭޝިޔާ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަކީ އެމެރިކާއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެގައުމުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެގައުމުން ހާމަކޮށްފައިވާ ޕޮލިސީ ޕޭޕަރުތަކާ އިސްވެރިންގެ ބަސްތަކުންވެސް މިކަން އެނގިގެންދެއެވެ. އެހެނީ، އިންޑިއާ ކަނޑުގައިވާ ނިއުކްލިޔަރ ބާރުހުރި ދެ ހަތުރުންގެ މެދުގައި ބޮޑު ހަނގުރާމައެއް ނެތުމާއި، މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު މަދުވެ އަދި ކަނޑުފޭރުން ފަދަ ޓްރާންސްނޭޝަނަލް ކުށްތައް ހުއްޓުވުމަކީ އެމެރިކާއިން އެންމެ ބޮޑަށް އެދޭ ކަންކަމެވެ. މިކަންކަން ހާސިލްކުރުމަށް މި ސަރަހައްދުން ވީހާވެސް ގިނަ މިތުރުން ހޯދުމަކީ އެގައުމަށް މުހިންމު ކަމެކެވެ.

އެހެންކަމުން އެމެރިކާގެ ރައީސްކަމުގެ މަގާމާއި ޖޯ ބައިޑެން ހަވާލުވެ ވަޑައިގެން، އެގައުމުން ދެކުނު އޭޝިޔާ ސަރަހައްދުގައި އާންމުކޮށް ގެންގުޅޭ ސިޔާސަތަށް ބަދަލެއް ގެންނާނެތޯ ބަލާލުން މުހިންމެވެ. ސަބަބަކީ ކުރިންވެސް ދެންނެވި ފަދައިން، ކެމްޕެއިން ދުވަސްވަރުގައި ބައިޑެންގެ ޓީމްގެ ފަރާތުން ފެނުނު ބައެއް ކަންކަމުގެ ސަބަބުންނެވެ.


ބައިޑެންގެ ޒައާމަތުގައި ދެކުނު އޭޝިޔާ އަދި އެމެރިކާގެ ގުޅުން:

އިންޑިއާއާއި އެމެރިކާގެ ގުޅުން މިފަހުގެ އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. އަވައްޓެރި ސްރީލަންކާ އަދި ޕާކިސްތާނުގައި ޗައިނާގެ ނުފޫޒު އިތުރުވެފައި އޮންނަކަމަށް ފެންނަމުންދިއުމުގެ ނަތީޖާއަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ދެގައުމުގެ ޚާރިޖިއްޔާ އަދި ދިފާއީ ވުޒާރާއިންވެސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ފެށުމެވެ. ވަކިން ޚާއްސަކޮށް، ދެކުނު އޭޝިޔާ ސަރަހައްދުގެ ވަރުގަދަ ޔުނިޕޯލަރ ބާރުގެ ގޮތުގައި އިންޑިއާ ދެމިއޮންނާނެ ގޮތްތަކާ ޗައިނާގެ ނުފޫޒު މަދުކުރާނެ ގޮތްތައް ހޯދުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެމެރިކާ، ޖަޕާން، އޮސްޓްރޭލިޔާ އަދި އިންޑިއާ ގުޅިގެން މީގެ ކުރިންވެސް އުފައްދާފައިވާ ނުރަސްމީ އިއްތިހާދެއްކަމަށްވާ ކުއޮޑްގެ ބާރުގަދަކޮށް އަސްކަރީ ތަމްރީންތައް ބޭއްވުމަށް ނިންމައި، އެގައުމުގެ މެދުގައި އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރިއެވެ. ކުއޮޑް އަބަދުވެސް ގިނަބަޔަކަށް ސިފަވެފައިވަނީ ޗައިނާގެ ނުފޫޒު މަތަކުރަން ހަދާފައިވާ އިއްތިހާދެއްގެ ގޮތުގައެވެ.

ކުއޮޑްއިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގައިވެސް އިއްތިހާދުގެ ހުރިހާ މެންބަރު ގައުމުތަކަށް ހިމެނިގެން ވަރުގަދަ އަސްކަރީ ތަމްރީންތަކެއް ބާއްވާފައެވެ.

އެމެރިކާގެ ރައީސްކަމަށް އާ ރައީސެއް އައުމުން މި ގުޅުމަށް ބަދަލުތަކެއް އައިސް، އިންޑިއާއާ އެކު އޮތް ޒަމާންވީ ގުޅުމަށް ބަަދަލެއް ނާންނާނެކަމަށް ގިނަބަޔަކު އެއްބަސްވެއެވެ. އޭގެ ތެރެއިން އެއް ފަރާތަކީ އިންޓަރނޭޝަނަލް ރިލޭޝަންސް އަދި ޑިޕްލޮމެސީގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވަރވިކްއިން މާސްޓަރ އޮފް ފިލޯސޮފީ ހާސިލްކުރައްވާ، ބައެއް ގައުމުތަކަށް ރާއްޖެއިން ކަނޑައެޅި ސަފީރުގެ މަގާމު އަދާކުރެއްވި މުހައްމަދު ޝަރީފް ހުސައިން (މުންދު)އެވެ.

“ވޮއިސް”އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދުވެސް ވިދާޅުވި ގޮތުގައި ބައިޑެންގެ ޒައާމަތުގައި އިންޑިއާ-އެމެރިކާގެ ގުޅުމަށް މާބޮޑު ބަދަލުތަކެއް ނާންނާނެ ސަބަބަކީ ޗައިނާ އަދި ކުއޮޑްގެ ނުރަސްމީ އިއްތިހާދެވެ.

“މިއަދު މިއޮތީ ކުއޮޑްގެ ނަމުގައި އިންޑިއާ އާއި ޖަޕާން އަދި އޮސްޓްރޭލިޔާ އާ އެކު އެމެރިކާއިން އިއްތިހާދެއް ހަދާފަ. އެ އިއްތިހާދަށް ދޭ ސަމާލުކަން ވަކި ކުޑައެއް ނުވާނެ. އަދި އޭގެ ތެރެއިން، އިންޑިއާ ކަނޑަށް އޮތް ޝައުގުވެރިކަމެއްވެސް ކުޑައެއް ނުވާނެ. ޗައިނާއާ ވާދަކުރުމުގައި މި ސަރަހައްދުގައި އަމުރު މައުރޫފް ހިންގުމުގެ ވިސްނުމެއްވެސް ބަދަލެއް ނުވާނެ”، އެބޭފުޅާ ވިދާޅުވިއެވެ.

މުންދު ދެކިލައްވާ ގޮތުގައި ބައިޑެންގެ ޒައާމަތުގައި އެމެރިކާ އަދި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާވާނެއެވެ. އެބޭފުޅާގެ އިތުރުންވެސް، އެހެން ގިނަ ފަރާތްތަކުންވެސް ހަަމަ މިފަދައިން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް ގަބޫލުކުރެއެވެ. އޭގެ އެންމެ ވަރުގަދަ އެއް ސަބަބަކަށްވަނީ ނައިބު ރައީސް ކަމަލާ ހެރިސްއަކީ މައިފުށުން އިންޑިއާއަށް ނިސްބަތްވާ ފަރާތަކަށްވުމެވެ. މިއީ ދެގައުމުގެ ގުޅުންތައް ހަރުދަނާކުރުމަށް ޕޮލިސީ މޭކަރުންނަށް ގެންގުޅެވޭނެ ފަސޭހަ އަދި ކާމިޔާބު ސޮފްޓް ޕަވަރ އިސްތިރާޖަކަށް ވެދާނެއެވެ. މީގެ އިތުރުން، ބައިޑެންގެ ސަރުކާރުގެ އިސް މަގާމުތަކަށް ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި ދިފާއީ އަދި ޚާރިޖީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކެއް އިސްކުރަން ގަސްދުކުރުމަކީވެސް، ދެގައުމުގެ ގުޅުން ވަރުގަދަވެދާނެ އެއް ސަބަބެވެ. އެހެނީ، އޮބާމާގެ ސަރުކާރަކީ އިންޑިއާއާ އެކު ވަރަށް ގާތް ގުޅުންތަކެއް ގެންގުޅުނު ގައުމެކެވެ.

ދެކުނު އޭޝިޔާގެ ސަރަހައްދުގައި އެންމެ ބޮޑު ގައުމު އަދި އެމެރިކާގެ އެންމެ ވަރުގަދަ މިތުރަކީ އިންޑިއާކަމަށްވިޔަސް، އެމެރިކާގެ ޝައުގުވެރިކަން މި ސަރަހައްދުގައި ހުއްޓޭ އެހެން ގައުމުތައްވެސް އެބަހުއްޓެވެ. އެގޮތުން އިންޑިއާ ކަނޑުގެ އިސްތިރާޖީ ސަރަހައްދެއްގައި އޮތް ދިވެހިރާއްޖެއަށްވެސް މިފަހުގެ އަހަރުތަކުގައި އެމެރިކާއިން ދޭ ސަމާލުކަން މިވަނީ ވަރަށް އިތުރުވެފައެވެ. ހައްތަހާވެސް، މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު މަދުކުރުމުގެ ނިޔަތުގައެވެ.

އެމެރިކާގެ އާ ރައީސް ބައިޑެންގެ ސަރުކާރުގައި އެގައުމުން ދިވެހިރާއްޖެއާ މެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރާނެކަމަށް ބެލެވެއެވެ. ވަކިން ޚާއްސަކޮށް ސަލާމަތީ އަދި ތިމާވެށީގެ ދާއިރާތައް ފާހަގަކޮށްލެވެއެވެ.


އާ ޒައާމަތުގައި ދިވެހިރާއްޖެއާ އެކު ގުޅުން އޮންނާނީ ކިހިނެއް؟

ގައުމުތަކުގެ މުހިންމު ސިޔާސަތުތައް ކަނޑައެޅުމުގައި ވެރިންގެ އިތުރުން އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ބިއުރޯކްރަސީ ނުވަތަ ކަމާބެހޭ އިދާރާތަކެވެ. އެ ބިއުރޯކްރަސީތަކުގައި ތިބޭ ކަމުގެ ތަޖުރިބާ އަދި ތައުލީމް ލިބިފައިވާ ފަރާތްތަކުގެ އިރުޝާދުތަކުގެ ބޭނުންތައް ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން ހިފާނެއެވެ. އެމެރިކާގައިވެސް އެގައުމުގެ ސީއައިއޭ، ސްޓޭޓް ޑިޕާރޓްމެންޓް އަދި ޑިފެންސް ޑިޕާރޓްމެންޓްފަދަ އިދާރާތަކުގެ އިރުޝާދުތަކަށް އެގައުމުގެ ލީޑަރުން އާންމުގޮތެއްގައި އަހައި ހަދާނެއެވެ.

އެހެނަސް މަދު ފަހަރެއްގައި މިކަން މިފަދައިން ނުވެދެއެވެ. މިގޮތުން އެއް ފަހަރަކީ ގިނަ ފަންނީ މާހިރުންގެ އިރުޝާދާއި ދެކޮޅަށް، ޕެރިސް ކްލައިމެޓް އެެއްބަސްވުމުން އެމެރިކާ ނުކުތުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2017ވަނަ އަހަރުގައި ނިންމެވުމެވެ. ޓްރަމްޕް މިފަދައިން އަމަލުކުރެއްވީ ސިޔާސީ ބޭނުންފުޅެއްގައިކަމަށް ބެލެވިދާނެއެވެ. އެ އެއްބަސްވުމުން އެމެރިކާ ވަކިކުރަން ޓްރަމްޕް ނިންމެވީ، އެ އެއްބަސްވުމުގެ ސަަބަބުން އެގައުމުގެ ބައެއް ސިނާއަތްތަކަށް ބޮޑެތި އަސަރުތަކެއް ކުރިޔަސް، އެގައުމަށްވުރެ ގިނައިން ނުވަތަ އެއްވަރަށް ޖައްވު ހޫނުކުރާ ގައުމުތަކަށް ފަސޭހަތަކެއް ލިބޭ ކަމަށް ވިދާޅުވެއެވެ. ނަމަވެސް އެމެރިކާގެ މި އަމަލުގެ ސަބަބުން ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދިރިއޮތުމަށާއި، ދުނިޔެ ހޫނުވުން ދަށްކުރުމަށް ކުރަމުންދިޔަ މަސައްކަތަށް ހުރަސްތަކާ ކުރިމަތިވިއެވެ.

ނަމަވެސް އާ ރައީސް ބައިޑެން ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު އެމެރިކާއިން ޕެރިސް އެއްބަސްވުމާއި ގުޅޭނެކަމަށް ވިދާޅުވެފައެވެ. އަދި ބައިޑެންގެ އިންތިޚާބީ ވައުދުތަކުގެ ތެރެއިންވެސް ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ފާހަގަކުރައްވާފައެވެ. އެބޭފުޅާގެ ސަރުކާރުގެ މޫސުމީ ބަދަލުގެ މުސްތަޝާރަކަށް ހަމަޖައްސާފައިވަނީ އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއެވެ. ކެރީއަކީ ޕެރިސް އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވި، އެ އެއްބަސްވުމުގެ އެއް އިސް އާކިޓެކްޓްކަމަށް ގިނަ ފަރާތްތަކުން ދެކޭ ފަރާތެވެ.

އެހެންކަމުން އެމެރިކާގެ އާ ރައީސް ބައިޑެންގެ ވެރިކަމުގައި ތިމާވެށީގެ ރޮނގުން ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރުސަތު އެބައޮތެވެ. މިކަމަށް މުންދުވެސް އެއްބަސްވެލައްވައެވެ. މުންދު ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީން މޫސުމަށް އަންނަ ބަދަލުތަކަށް ދޭ ސަމާލުކަން އިތުރުވާނެކަމަށާއި، ނަމަވެސް އެކަން ބޮޑަށް ފެނިގެންދާނީ އެގައުމުގެ އެތެރޭގައި ސާފު ހަކަތައަށް އިސްކަން ދިނުންފަދަ ދާޚިލީ ސިޔާސަތުތަކުން ކަމަށެވެ. އެކަމަކު، ބައިޑެންގެ ވެރިކަމެއްގައި ދިވެހިރާއްޖެފަދަ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރާ މަސައްކަތްތަކަށް އެމެރިކާއިން ހުރަސްއަޅާ މިންވަރު ކުޑަވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބައިޑެންގެ ރިޔާސީ ވައުދުތަކުގެ ތެރެއިންވެސް ވަނީ އެހެން ގައުމުތަކާ ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެމެރިކާއިން މަސައްކަތްކުރާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އިންޑިއާ ކަނޑުގައި ދިވެހިރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިންޑިއާ ކަނޑުގެ ސަލާމަތާ ދިވެހިރާއްޖެ ގުޅިލާމެހިފައިވާކަމަށް ގިނަފަރާތްތަކުން އަބަދުވެސް ބުނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުމަކީ އެމެރިކާއިން އަބަދުވެސް ސަމާލުކަންދޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ތެރެއިން، ފަހުގެ ތާރީޚްގައި ދެގައުމުގެ ދިފާއީ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެގޮތުން އެމެރިކާއިން ދިވެހިރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކަށް ވަސީލަތްތައް ހަދިޔާކޮށް، މީހުން ތަމްރީންކުރުންފަދަ ކަންތައްތައް ވަނީ ކޮށްދީފައެވެ. އަދި ދެގައުމުން ގުޅިގެން ސަލާމަތާ ގުޅޭ އެކި މައްސަލަތަކުގައި ގާތުން މަސައްކަތްކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

އެހެންކަމުން ބައިޑެންގެ ޒައާމަތުގައިވެސް ކަން އޮންނާނީ މިފަދައިން ކަމަށް ބެލެވެއެވެ. ދެގައުމުގެ ދިފާއީ ގުޅުންތައް އިތުރަށް ފުޅާވެ ހަރުދަނާކޮށް، މީގެކުރިން ގާއިމްކުރި އެއްބަސްވުންތަކުގެ އެހީގައި އިންޑިއާ ކަނޑުގެ ސަލާމަތުގެ އިތުރަށް ވަރުގަދަ ބައިވެރިއަކަށް ދިވެހިރާއްޖެ ވެގެންދިއުން ގާތެވެ. ނަމަވެސް މި ޒައާމަތުގައިވެސް ދިވެހިރާއްޖޭގައި އެމެރިކާގެ ސިފައިންނަށް ތިބެވޭނެފަދަ ސޯފާ އެއްބަސްވުމެއް ހުށައަޅާފާނެކަމަށް ވިސްނުމަކީވެސް ބޮޑު ކުށަކަށް ނުވެދާނެއެވެ. އެހެނީ އެފަދަ ހުށައެޅުމެއް ކުރީގެ ރައީސް އޮބާމާގެ ވެރިކަމުގައި ދިވެހިރާއްޖެއަށް އައިކަމަށް ތުންތުންމަތިން އިވެމުންދެއެވެ. އަދި އެފަހަރު އެކަމާއި މެދު އިންޑިއާއިން ކަންބޮޑުވިކަމަށްވެސް ވެއެވެ. އެހެނަސް، ދިވެހިރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް ދަނީ ބޭރުގެ ސިފައިންގެ ބޭސްތައް ދިވެހިރާއްޖޭގައި އެޅުމަށް ފުރުސަތު ދިނުމުގެ ވިސްނުމެއް ނެތްކަމަށް އަބަދުމެ ބުނަމުންނެވެ.


ނިންމުން:

އެމެރިކާ ފަދަ ދުނިޔޭގެ މަޝްރަހުގައި މުހިންމު ގައުމެއްގެ ވެރިކަމަށް އަންނަ ބަދަލުތަކާ އެކު، އޭގެ އަސަރުތައް ކިތަންމެ ދުރުގައި އޮތް ގައުމުތަކަށްވެސް ސީދާ އަދި ނުސީދާގޮތުން ކުރާނެކަމާއި މެދު ދެބަސްވެވެން ނެތެވެ. އެމެރިކާއިން ދެކުނު އޭޝިޔާގެ ސަރަހައްދާއި މެދު ޒަމާނުއްސުރެ ގެންގުޅޭ މައިގަނޑު އުސޫލުތައް، އާ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ބަދަލުކުރާނެކަމަށް ދެކެވެން ނެތެވެ. ނަމަވެސް، އެ ގުޅުންތައް އެކި ރޮނގުތަކުން އިތުރަށް ހަރުދަނާވާނެކަމަށް އުންމީދުކުރެވިދާނެއެވެ.

ވަކިން ޚާއްސަކޮށް މި ސަރަހައްދުން ޗައިނާގެ ނުފޫޒު ކުޑަކޮށް، އިންސާނީ ހައްގުތަކާ، ތިމާވެއްޓާ، އިގްތިސާދީ އަދި ސަލާމަތީ ކަންކަމުގައި އެމެރިކާއިން ދެކުނު އޭޝިޔާގެ ގައުމުތަކާ އިހުނަށްވުރެ ގާތުން މަސައްކަތްކުރާނެއެވެ. މަޝްވަރާގެ އުސޫލުންނާއި، ކުޑަކޮށް ގަދަ ދެއްކުމުގެ އުސޫލަކުންވެސްމެއެވެ.

މަލްޓިޕޯލަރ ބެލެންސް އޮފް ޕަވަރ އޮތް ދުނިޔެއެއްގައި އެމެރިކާއިންވެސް މިފަދަ މުހިންމު ސަރަހައްދަކުން ބޭނުންވާނީ ގިނަ މިތުރުންނާއި މަދު ހަތުރުންނެވެ. ވަރުގަދަ ގުޅުންތަކާއި ބޮޑެތި މަންފާތަކެކެވެ. ދެން އޮތީ ކުރިއަށް އޮތް ހަތަރު އަހަރު މިކަން ހާސިލްވާނެ މިންވަރެއް ބެލުމެވެ!

Advertisement

ކޮމެންޓް