Advertisement

ހަޤީޤީ ވާހަކަ: ހިތި 12

23 Jan 2021 | 21:06

އަހަރެން އެރޭ ގެއަށް އައި މަގުމަތީގައި ނާޒިމް ކުރި ސުވާލާއި މެދު ވަރަށް ވިސްނީމެވެ. ނާޒިމް ހަގީގަތުގައިވެސް އަހަރެންނާއި އިންނާބާއެވެ. ނޫނީ އެއީ އަހަރެންނަށް ދައްކާ ދަޅައެއް ހެއްޔެވެ؟. ކޮންމެ ހެނެއް ވިއަސް، އަހަރެންގެ ކިޔެވުން ނިމެން އަދި އެއް އަހަރު އެބައޮތެވެ. ނާޒިމް އެހާ ދުވަހު އަހަރެންނާއެކު އުޅެފިނަމަ އޭގެ މާނައަކީ އޭނާ ހަގީގަތުގައިވެސް އަހަރެންދެކެ ލޯބިވަނީއެވެ. އަހަރެން ގެއަށް ދިޔަ އިރު މަންމަ އިނީ ސޯފާގައި އިށީންދެގެންނެވެ. "ދަރިފުޅު ހާދަ ލަހުން ތިއައީ!." އަހަރެން ފެނުމާއެކު މަންމަ ބުންޏެވެ. "ލަސްތަ؟. އަދި ބާރަ ވެސް ނުޖަހައެއްނު!." އަހަރެން މަންމަ ކައިރީގައި އިށީންނަމުން ވާހަކަ ދެއްކީމެވެ. "އާ މިހާރު ގެއަށް އަންނަލެއް ތަންކޮޅެއް ލަސް. އަނެއްކާ ކުއްޖަކު ގެންގުޅެނީތަ؟." މަންމަ މިފަހަރު ކުރި ސުވާލުން އަހަރެން ހުއްޓުން އެރިއެވެ.

މަންމަގެ އެ ސުވާލަށް ކިތަންމެހާވެސް ޖަވާބުދޭން ބޭނުންވި ނަމަވެސް އެ ސުވާލަށް ޖަވާބު ދޭކަށް ނުކެރުނެވެ. އެއީ ކަންތައްތައް ވާނެ ގޮތެއް ނޭންގޭތީއެވެ. "ނޫން. އަދި އެއް ނެތް. ރައްޓެހި ކުއްޖަކާއެކު ކޮފީ އަކަށް ދިޔައީ. އެތާ ވާހަކަ ދައްކަން އިނދެވުނީ." އަހަރެން މަންމަ ގައިގައި ފިރުމާލާފައި ގޮސް ކޮޓަރިއަށް ވަނީމެވެ. ހެނދުނު ހޭލައިގެން ސައި ބޮއެގެން އަހަރެން އިނީ އެސައިމެންޓެއް ހަދާށެވެ. އެހެން އިންދާ އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. ފޯނު ލޮކު ފިލުވާލާފައި ބަލާލިއިރު ނާޒިމްގެ މެސެޖެކެވެ. އޭނާ އުޅެނީ އަހަރެން މަތިން ހަނދާންވާތީއެވެ. އަހަރެން އެއަކަށް ވަކި ޖަވާބެއް ނުދެމެވެ. އެދުވަހު ވެސް ކޮލެޖު ނިމުނު ގޮތަށް އަހަރެން ދިޔައީ ނާޒިމް އާއެކުގައެވެ.

އަހަރެންގެ ކްލާސް ކުދިން ވެސް އަހަރެންނާއި ވަރަށް ސުވާލުކުރިއެވެ. އިބާނާ އާއި ޖަޒްލާ ފިޔަވައި އިތުރު ބަޔަކަށް ނާޒިމް އަކީ ކާކުކަން އަންގާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ނާޒިމް އަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށް އަހަރެން ބުނީމެވެ. ކޮލެޖު ނިމުނު ވަގުތަކީ ހަވީރުގެ ވަގުތު ކަމަށް ވުމާއެކު، ހަވީރު ސައިބޮއެގެން އަހަރެން ދިޔައީ ނާޒިމް އާއެކު އެ ގެއަށެވެ. މިއަދު ވެސް ނާޒިމް މަސައްކަތްކުރީ އަހަރެންނާއި އިތުރަށް ގާތް ވުމަށެވެ. ނަމަވެސް އަހަރެން ނާޒިމް އަކަށް އެ ފުރުސަތެއް ނުދެމެވެ. "ޝަމް ކޮބާތަ މައްސަލައަކީ؟." ސޯފާގައި އިން ނާޒިމް އަހަރެންނާއި ތަންކޮޅެއް ދުރަށް ޖެހިލިއެވެ. "ދެން ނުބުންޏަސް ނާޒިމް އަށް އެނގޭނެ މައްސަލައަކީ ކޮބާކަން." އަހަރެން ބުނީމެވެ.

ދުވަސްތައް މިގޮތުގައި ހޭދަވަމުން ދިޔައެވެ. ނާޒިމްގެ މަގުސަދާއި މެދު ޝައްކުވާ ހިސާބަށް ކަންކަން ދިއުމާއެކު، އަހަރެން އެ ގެއަށް ދިއުން ހުއްޓާލީމެވެ. ބޭރު ތެރެއިން ނޫން ގޮތަކަށް ބައްދަލުނުވާނަމޭ ބުނީމެވެ. މިކަމުގެ ސަބަބުން ނާޒިމް އަހަރެންނާއި މަޑުމަޑުން ދުރުވާން ފެށިއެވެ. އަހަރެން ގުޅީމައި ފޯނު ނެގޭ އިރަށްވުރެ ބިޒީވާ ވަގުތުތައް ގިނަވާން ފެށިއެވެ. މެސެޖަށް ޖަވާބުލިބޭ ފަހަރަށްވުރެ ގިނައީ ނުލިބޭ ފަހަރެވެ. ނަމަވެސް އަހަރެންނާއި އޭނައާއި ބައްދަލުވާ ފަހަރަކު ނަމަ އޭނާ އަހަރެންނާއި ވާހަކަ ދައްކަނީ ވަރަށް ލޯބިންނެވެ. ނާޒިމް ބުނިގޮތުގައި އެ ދުވަސްވަރަކީ ވަރަށް ބިޒީ ދުވަސްވަރެކެވެ. ވުމާއެކު އޭނާ ދެއްކި އުޒުރު އަހަރެން ގަބޫލުކުރީމެވެ. އެއްރޭ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ އުފަންދުވަސް ފާހަގަކޮށް ނިމިގެން ގެއަށް ދިއުމަށް އަހަރެން ނާޒިމްއަށް ގުޅީމެވެ.

ގުޅިއިރު އޭނާގެ ފޯނު އޮތީ ނިވިފައެވެ. އޭރު އަހަރެންނާއި ނާޒިމް އާއި ބައްދަލު ނުވާތާ ހަތަރު ދުވަސް ވެއްޖެއެވެ. ވުމާއެކު އަހަރެން ބޭނުންވި ގެއަށް ދިއުމުގެ ކުރިން އޭނާއާއި ބައްދަލުކޮށްލުމަށެވެ. ނާޒިމްގެ ފޯނަށް ނުގުޅޭތީވެ އަހަރެން ހިތަށް އެރީ އެގެއަށް ދިއުމަށެވެ. އޭނާއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ. އޭރު ގަޑިން އެގާރަގަޑި ބައިވަނީއެވެ. އަހަރެން މަޑުމަޑުން ސިޑިން މައްޗަށް އެރީމެވެ. އެ ގޭގެ ދެވަނަ އެޕާޓްމަންޓާއި އަރާއި ހަމަވިތަނާއި އަހަރެންގެ ފިޔަވަޅު ވަގުތުކޮޅަކަށް ހުރިތަނަށް ހުއްޓުނީ ނާޒިމްގެ އަޑު އިވުމުންނެވެ. އޭރު ނާޒިމް އާއި އަންހެނެއް ވާހަކަދައްކަމުން މަތިން ތިރިއަށް ފައިބާ އަޑު އިވުނެވެ.

އަހަރެން ދުވެފައި ގޮސް ސިޑިން ތިރިއަށް ފޭބީމެވެ. އަދި މަގުގެ އަނެއް ފަރާތުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ފަހަތަށް ވަދެ ފިލީމެވެ. ކުރިމަތުން ފެނުނީ ނާޒިމް އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން އެގެއިން ނިކުތް ތަނެވެ. އަހަރެންނަށް ހުރެވުނު ތަންވެސް ނޭންގުނެވެ. ނާޒިމް އެ އަންހެން ކުއްޖާ ގޮވައިގެން ސައިކަލަށް އަރައިގެން ދިޔައެވެ. އެ ކުއްޖާ އިނީ ނާޒިމް ގައިގައި އައްޓަ މަހެއްހެން ތަތްވެގެންނެވެ. ފެނުނު މަންޒަރުން އަހަރެން ހުރީ ހިނގައިގަންނާނެ ކޮޅެއް ވެސް ނޭންގިފައެވެ. "ކޮއްކޯ ކިހިނެއްވެފަ ތިހުރީ؟." އަހަރެންނަށް ރެއަކާލީ، އަހަރެންގެ ކައިރިން ދިޔަ މުސްކުޅި އުމުރުފުރާގެ ފިރިހެނެއް އަހަރެންނަށް ގޮވާލުމުންނެވެ. އަހަރެން ކަމެއް ނުވޭ ބުނުމުގެ ގޮތުން ބޯ ހޫރާލުމަށްފަހު ގެއާ ދިމާލަށް ހިނގައިގަތީމެވެ.

އޭރު ގަޑިން ބާރަ ޖަހައިފިއެވެ. މަޖީދީ މަގުން ހިނގާފައި ދިޔައިރު ދުއްވާ އެއްޗެއްގެ ހިލަމެއް ވަނީ ކިރިޔަ ކިރިޔާއެވެ. އެވަގުތު މަގުމަތިން އެކަނި ހިނގާފައި ދިޔައިރު މި ދެވެނީ ކޮން މިސްރާބަކަށް ކަމެއްވެސް އަހަރެންނަކަށް ނޭންގުނެވެ. އާހިރުގައި ކަންތައްތައް ވެ ނިމިގެން މިދިޔައީ އަހަރެން ހީކުރި ގޮތަށެވެ. އަހަރެންނަށް އެއްވެސް މީހެއްގެ ލޯބި ލިބުމުގެ ނަސީބު ނެތީހެއްޔެވެ؟. އެންމެންވެސް ބޭނުންވަނީ އެމީހެއްގެ އަމިއްލަ އެދުން ފުއްދާލާށެވެ. ނާޒިމް ކަހަލަ ކިތައް މީހުންނާއި އަދި ކުރިމަތިލާން ޖެހޭނެބާއެވެ؟. އަހަރެންގެ އަމިއްލަ ނަފްސު ފިޔަވާ އިތުރު މީހަކަށް އިތުބާރު ކުރުމަކީ ގޯހެއް ހެއްޔެވެ؟. ނޫނީ އަހަރެންގެ އުނިކަމެއް ހުރީ ހެއްޔެވެ؟. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟.

ހިނގާފައި ގެއާ ހަމައަށް ދެވުނު އިރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. އަހަރެން ގެއަށް ދިޔައީ ރޮމުން ލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފޮހެމުންނެވެ. ގެއަށް ވަދެވުމާއެކު އަތް ދަބަސް އެނދުމައްޗަށް އެއްލާމުމަށްފަހު ފުރަތަމަވެސް ވަނީ ފާހާނާއަށެވެ. ފާހާނާއަށް ވަދެ އަހަރެން ހިތް ފުރެންދެން ރޯލީމެވެ. އަހަރެން ދެރަވެސް ވިއެވެ. ރުޅިވެސް އައެވެ. އަހަރެންނާއި މެދު ނާޒިމް އެގޮތަށް ކަންތައް ކުރީ ކީއްވެތޯ އަހަރެން ބަލަން ބޭނުންވިއެވެ. ފާހާނާއިން ނިކުމެ އަހަރެން ނާޒިމްގެ ފޯނަށް މެސެޖު ކުރީމެވެ. އަހަރެންގެ ހިތުގައި ހުރި ހުރިހާ އެއްޗެއް ބޭރު ކުރީމެވެ. މެސެޖު އޭނާއަށް ޑެލިވަރ ވުމާއެކު ނާޒިމް ވަގުތުން އަހަރެންގެ ފޯނަށް ގުޅިއެވެ. އަދި ބައްދަލުކުރުމަށް އެދުނެވެ.

އަހަރެން ފޯނު ނިއްވާލީމެވެ. އަދި އެދަށް އަރައި އޮވެ އަނެއްކާވެސް ރުއީމެވެ. އެހެން ރޮއެރޮއެ އޮއްވާ އަހަރެންނަށް ނިދުނެވެ. ހެނދު ހޭލެވުނު އިރު ނާޒިމްގެ ނުވަ މިސްޑް ކޯލާއި ތިން މެސެޖު ފޯނަށް ލިބިފައި އޮތެވެ. އަހަރެން މެސެޖުތައް ހުޅުވާފައި ކިޔާލީމެވެ. ތިން މެސެޖުގައިވެސް އޮތީ އޭނާއާއި އެންމެ ފަހު ފަހަރަށް ނަމަވެސް ބައްދަލުކުރުމަށް އެދިފައެވެ. ދުވަހަކީ ހުކުރު ދުވަހަކަށް ވުމާއެކު، އަހަރެން ކުޑަކޮށް ނިދާލީމެވެ. ނަމަވެސް ދިހައެއް ޖަހަން އުޅެނިކޮށް ހޭލާ ގޭތެރޭގެ އެކި ކަންކަންމުގައި މަސްއޫލުވެ އުޅުނީމެވެ. ނަމަވެސް އަހަރެންގެ ސިކުނޑިއަށް ލުއެއް ލިބޭ ގޮތެއް ނުވެއެވެ. އަހަރެންނަށް އިރުއިރުކޮޅާ ރޮވޭގޮތް ވެއެވެ. އެންމެ ފަހުން ސިކުނޑިއަށް ކެތްނުވާ ހިސާބަށް ދިއުމާއެކު އަހަރެން ނިންމީ އޭނާ އާއި ބައްދަލުކުރުމަށެވެ.

އަހަރެންނާއި އޭނާއާއި ދިމާވީ އަހަރެމެން އެންމެ ފުރަތަމަ ބައްދަލުވި ރެސްޓޯރެންޓުންނެވެ. މިފަހަރު އެކަމަކު ނާޒިމް ދިއުމުގެ ކުރިން އަހަރެން އެތަނަށް ދިޔައީމެވެ. އޭނާ އައިސް ގޮޑީގައި އިށީނުމާއެކު ވެއިޓަރު އައިސް އޯޑަރު ނެގިއެވެ. ދެމީހުން ވެސް ނެގީ ކޮފީއެކެވެ. "ކާންވީނު؟." މަޑުމައިތިރި ރާގަކަށް ނާޒިމް އަހާލިއެވެ. "އަހަރެން ބަނޑުވެސް ހިތްވެސް ހުރީ ފުރިފަ." އަހަރެން ރުންކުރު ގޮތަކަށް ޖަވާބު ދިނީމެވެ. "ސޮރީ ޝަމް." ޖީބުގައި އޮތް ނާޒިމްގެ ފޯނު ނަގައި މޭޒުމަތީގައި ބާއްވަމުން އޭނާ ބުންޏެވެ. "ސޮރީ އަކން ނުފުދެ." އަހަރެން ބޭނުންވީ ވަރަށް ތަފްސީލީ ޖަވާބެކެވެ.

"އަހަރެން އަސްލު ޝަމްއާ އިންނަ ހިތްވި. އެކަމަކު އަސްލު އަހަރެމެން ދެމީހުންގެ އުމުރު ކިހާ ތަފާތު. އެހެންވެ ހިތަށް އެރީ ނޫޅެވިދާނެއޭ. އަހަރެން ބޭނުމެއް އަނެއްކާ އަހަރެންގެ ދެވަނަ ކައިވެންޏެއް ރޫޅޭކަށް. އަދި ޝަމްގެ ފަސްޓް. ޝަމް ކައިރި މި ވާހަކަ ބުނާނެ ގޮތެއް ނޭންގިފަ އަހަރެން ހުރީ. ރޭގަ ތި ފެނުނު ކުއްޖާއަކީ އަހަރެންގެ އެކްސް އެއް. ދުވަސްކޮޅެއް ވެއްޖެ ވާހަކަ ދައްކާތާ. ޝަމް އަހަރެންނާއި މާ ގާތްވާން ބޭނުން ނުވާތީ އެހެންވެ...." ނާޒިމްގެ ވާހަކަ މިހާ ހިސާބަށް ދިއުމާއެކު އަހަރެން ރުޅިވެރި ގޮތަކަށް އޭނާ އާއި ދިމާލަށް ބަލައިލީމެވެ. "އޯކޭ. ތި ނުބުނެވިގެން އުޅޭ އެއްޗެއް އަހަރެން ބުނެދީފާނަން. ނާޒިމް ބޭނުންވީ އަހަރެން ގަޔަށް އަރަން. އަހަރެން އެކަމަށް ދެކޮޅު ހެދީމާ ނާޒިމް އަށް އެކަން ކޮށްދޭނެ މީހެއް ނާޒިމް ތި ހޯދީ. ވަރަށް ސިމްޕަލް. މިހާރު ސާފުވެއްޖެ." އަހަރެން އިނީ ވަރަށް ރުޅި ގަދަވެފައެވެ. އަހަރެން އެ އައި ރުޅީގައި އެތަނުން ނިކުމެގެން އައީމެވެ. ނާޒިމް އަހަރެން ކައިރީ މަޑުކުރުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް އަހަރެން އޭނާއަށް ދިނީ ބީރު ކަންފަތެކެވެ.

ވެސްޓްޕާކުން ނިކުމެގެން އެތަނުގެ ކުރިމަތީގައި ހުރި ޕްލެޓް ފޯމު މަތީގައި އަހަރެން މަޑުކޮށްލީމެވެ. ވަށައިގެން ވަނީ ކަނޑެވެ. އެ ކަނޑުގައި އޮއެ ދެމޭކަން އެގެއެވެ. ނަމަވެސް އެ ކަނު އަދިރީގައި އޮއެ ދެމެނީ ކޮން މިސްރާބަކަށް ކަމެއް ބުނެދޭކަށް ނޭންގެއެވެ. ހަމަ އެގޮތަށް އަހަރެންގެ ދިރިއުޅުމުގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް އަހަރެންނަކަށް ވެސް ނޭންގެއެވެ. އަހަރެންގެ ލޯބީގެ ދިރިއުޅުން އެހާ ނާކާމިޔާބީ ކީއްވެބާއޭ ހިތަށް އެރިއެވެ. ދުވަހަކުވެސް ފިރިހެނަކާއި އަނގައިވެސް ނުބުނެ ހުރުމަށް ހިތަށް އެރިއެވެ. ނަމަވެސް އަހަރެންގެ ހިތަށް ވިސްނައިދިނީމެވެ. އަހަރެން ދެކެ އެއްވެސް ޝަރުތަކާއި ނުލައި ލޯބިވާނެ މީހެއް އަދި އަހަރެންނަށް ވެސް ލިބޭނެއެވެ. އަހަރެން ދެކެ ލޯބިވާނީ ކާކު ހެއްޔެވެ؟. 

Advertisement

ކޮމެންޓް