Advertisement

އައިއޯސީގެ ވިސްނުން ހުރީ މިއަހަރު އޮލިމްޕިކްސް ބާއްވަން!

22 Jan 2021 | 15:34

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިއަހަރު ބޭއްވުމަށް ރޭވިފައިވާ އޮލިމްޕިކް ގޭމްސް ފަސްކުރުމުގެ ވިސްނުމެއް މިވަގުތު ނެތްކަމަށް އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީގެ އިސްވެރިޔާ ތޯމަސް ބަހް ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ މަޝްހޫރު ނޫހެއްކަމަށްވާ ކިޔޯޑޯ ނިއުސްއަށް މައުލޫމާތުދެއްވަމުން ބަހް ވިދާޅުވީ، 23ޖުލައިގައި ޓޯކިޔޯގައި އޮލިމްޕިކް ގޭމްސްގެ ހަރަކާތްތައް ނުފެށިދާނެކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް މިވަގުތުގައި ނެތްކަމަށެވެ. މި ގޭމްސްގެ ހަރަކާތްތައް އިންތިޒާމްކުރާ ޖަޕާންގެ ފަރާތްތަކުންވެސް ދަނީ އޮލިމްޕިކްސް ބޭއްވުމާއި މެދު ވިސްނުން ބަދަލުކޮށްފައި ނުވާ ކަމަށާއި، ގޭމްސް ކެންސަލްކުރުމުގެ ވާހަކައެއް ދެކެވިފައި ނުވާކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޓޯކިޔޯގައި އޮލިމްޕިކް ގޭމްސް އަސްލު ބޭއްވުމަށް ހަމަޖެހިފައި އޮތީ ނިމިދިޔަ 2020ވަނަ އަހަރުގައެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ހެދި މި ހަރަކާތް ފަސްކުރުމަށްފަހު، މި ހަރަކާތް މިއަހަރު ބޭއްވުމަށް އައިއޯސީ އަދި ޖަޕާނުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިކަމަށްޓަކައި ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެކަށައެޅުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މިކަމުގެ ތެރެއިން، ޖަޕާނުން ބޭރު ގައުމުތަކުގެ ސަޕޯޓަރުންނަށް ކުޅިވަރުގެ ހަރަކާތްތައް ބަލާލަން ވަދެވޭނެކަމާ މެދު ގޮތެއް ނިންމުން އޮންނާނީ މިއަހަރުގެ އަދި ތަންކޮޅެއް ފަހުންނެވެ.

ޖަޕާނުގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑް-19 ފެތުރިފައިވާއިރު، އެގައުމުގެ ގިނަ ބަޔަކު ދަނީ މިފަދަ ދަނޑިވަޅެއްގައި އެގައުމުގައި އޮލިމްޕިކްސް ބޭއްވުމަށް ދެކޮޅު ހަދަމުންނެވެ.

މަސްދަރު: އަލްޖަޒީރާ

Advertisement

ކޮމެންޓް