Advertisement

މޯލްޑިވިއަންއަށް ސްރީލަންކާއަށް ދަތުރުތައް ފެށުމުގެ ހުއްދަދީފި

23 Jan 2021 | 11:24

ދިވެހިރާއްޖޭގެ ގައުމީ އެއާލައިންކަމަށްވާ "މޯލްޑިވިއަން"އަށް އަވައްޓެރި ސްރީލަންކާއަށް ދަތުރުތައް ފެށުމުގެ ހުއްދަދޭން ނިންމާފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.

ސްރީލަންކާގެ ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ ނޫހެއްކަމަށްވާ ޑެއިލީ ފައިނޭންޝިއަލް ޓައިމްސްގައި ވާގޮތުގައި އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އެގައުމަށް އުދުހުމުގެ ހުއްދައަށް އެދި ކުރިމަތިލި ހަ އާ އެއާލައިނެއްގެ ތެރެއިން ދެ އެއާލައިނަކަށް މިހާތަނަށް ހުއްދަދީފައެވެ. އެއީ މޯލްޑިވިއަން އަދި އިތިއޯޕިއަން އެއާލައިންސްއެވެ.

މިއާއެކު އެގައުމަށް އުދުހުމުގެ ހުއްދަ ލިބިފައިވާ އެއާލައިންތަކުގެ އަދަދު ވަނީ 40އަށް އަރާފައެވެ.

މޯލްޑިވިއަންގެ ފަރާތުން މީގެކުރިން ވަނީ ސްރީލަންކާއަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައެވެ. ނަމަވެސް މި ދަތުރުތައް ބާއްވާނީ ސްރީލަންކާގެ ކޮން އެއާޕޯޓަކަށްކަން ބުނެފައެއް ނުވެއެވެ. އެ އެއާލައިނުން ދާދިފަހުން ވަނީ ސްރީލަންކާގެ ސަރުކާރުގެ އެދުމަކަށް މައްތަލަ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއާޕޯޓަށް ޗާޓަރ ދަތުރުތަކެއް ބާއްވާފައެވެ.

މީގެ އިތުރުން ކޮލަމްބޯގެ ރަތަމަލާނަ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ބޭއްވުމަށް މީގެކުރިން ވަނީ މަޝްވަރާކުރެވިފައެވެ.

ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލުމާ އެކު، ރަތަމަލާނަ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާނެކަން ވިލާ އެއަރގެ ފްލައިމީއިން މީގެ ކުރިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement