Advertisement

ޑަބްލިޔުއެޗްއޯއިން ހުއްދަދިނުމާއި އެކު ކޮވިޝީލްޑް ވެކްސިން ކޮވެކްސް ފެސިލިޓީގެ ތެރެއިން ގައުމުތަކަށް ދެނީ

23 Jan 2021 | 18:46

އިމަޖެންސީ ބޭނުންތަކުގައި ބޭނުންކުރުނަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އިން ހުއްދަ ދިނުމާއި އެކު، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން، ކޮވެކްސް ފެސިލިޓީގެ ތެރެއިން ގައުމުތަކަށް ދޫކުރަން ނިންމައިފިއެވެ.

ޑަބްލިޔުއެޗްއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާމްދަނީގެ ގޮތުން ދަށް އަދި މެދުފަންތީގެ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުން އަވަސްކުރުމުގެ ގޮތުން، މީގެކުރިން ވެފައިވާ އެއްބަސްވުމެއްގެ ތެރެއިން ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އެސްޓްރަޒެނެކާ ވެކްސިންގެ 100 މިލިޔަން ޑޯޒް ލިބިގަންނާނެކަން، ކޮވެކްސްއިން މިއަދު ޔަގީންކޮށްދީފައިވާ ކަމަށެވެ. މި 100 މިލިޔަންގެ ތެރެއިން ބޮޑުބައެއް، މިއަހަރުގެ ތެރޭގައި ފޯރުކޮށްދޭން ނިންމާފައިވާކަމަށް ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް މިކަން ކުރުމަށް ހަމަޖެހިފައިވަނީ އިމަޖެންސީ ބޭނުންތަކުގައި އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޑަބްލިޔުއެޗްއޯއިން ދިނުމަށްފަހުގައިކަމަށް ވަނީ ބުނެފައެވެ. މި ވެކްސިން ބޭނުންކުރަން ހުއްދަދިނުމާއި ގުޅޭގޮތުން އަންނަމަހުގެ މެދުތެރޭގައި ގޮތެއް ނިންމޭނެކަމަށް ލަފާކުރެވޭކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

ކޮވެކްސް ފެސިލިޓީއަކީ އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓަރގެ ނަމުގައި ޑަބްލިޔުއެޗްއޯ، ސީއީޕީއައި، ގަވީ، ވޯލްޑް ބޭންކް، ޔުނިސެފް، ވެކްސިން އުފައްދާ ފަރާތްތަކާއި އަދިވެސް ގިނަބަޔަކު ގުޅިގެން ހިންގާ ހަރަކާތުގެ ވެކްސިނާ ގުޅޭ ބައެވެ. މި ފެސިލިޓީގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށްވެސް ކޮވިޑް ވެކްސިން ލިބޭނެގޮތް މަގުފަހިކޮށްދިނުމެވެ. ދިވެހިރާއްޖެއިންވެސް ވަނީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 4 އަދި 6 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

Advertisement

ކޮމެންޓް