Advertisement

ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިނަމާތައް ހުޅުވަން ހުއްދަ ދީފި

24 Jan 2021 | 15:22

ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް އަލުން ހިންގުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފިއެވެ.

އެޗްޕީއޭން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިނަމާތައްވެސް ވަގުތީ ގޮތުން ހުއްޓާލަން އަންގާ މާޗް 16 ވަނަ ދުވަހު އާންމުކުރި އިއުލާން ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން އެ އެޖެންސީގެ އުސޫލާ އެއްގޮތަށް ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ހުޅުވާލުން އެންމެ ރަނގަޅު ކަމަށް އެޗްޕީއޭއިން އަންގައެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް ސޮއިކުރައްވާ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެޗްޕީއޭއިން އަންގާފައިވާ އެންގުން ބާތިލުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ސިނަމާތަކާއި، ތިއޭޓަރުތައް ވަނީ މިދިޔަ މާޗުމަހުގެ 16 ވަނަ ދުވަހު ބަންދުކޮށްފައެވެ.

ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ހުޅުވައިގެން ހިންގުމުގައި އަމަލު ކުރަން ޖެހެނީ އެޗްޕީއޭގެ ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުން ކުރަންވީ ގޮތުގެ އުސޫލާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

Advertisement

ކޮމެންޓް