ޔޫއޭއީގެ އެމްބަސީއެއް އިޒްރޭލްގައި ގާއިމްކުރަނީ

25 Jan 2021 | 12:13

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން އިޒްރޭލްގެ ވެރިރަށް ތެލްއަވީވްގައި އެގައުމުގެ އެމްބަސީއެއް ގާއިމްކުރަން ނިންމައިފިއެވެ.

އެގޮތުން މިކަން ކުރުމުގެ ހުއްދަ ޔޫއޭއީގެ ކެބިނެޓުން ވަނީ ދީފައެވެ. އިޒްރޭލުންވެސް ވަނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި އެގައުމުގެ އެމްބަސީއެއް ހުޅުވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން އަރަބި ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ އިޒްރޭލްގެ ދައުލަތް ބަލައިގަންނަން ނިންމައި، އެގައުމާއި އެކު ސިޔާސީ ގުޅުންތައް ގާއިމްކޮށްފައެވެ. މިކަން އެންމެ ފުރަތަމަ ކުރި އެއް ގައުމަކީ ޔޫއޭއީއެވެ.

އަރަބި ގައުމުތަކާ އެކު ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުގެ ބަދަލުގައި ހުޅަނގު އައްސޭރީގެ ބިންތަކުގައި މީހުން އާބާދުކުރުމުގެ އިތުރު މަޝްރޫއުތައް ހިންގުން ވަގުތީގޮތުން މަޑުޖައްސާލަން އިޒްރޭލުން ވަނީ އެއްބަސްވެފައެވެ.

އިޒްރޭލްގެ ދައުލަތް ބަލައިގަންނަން އަރަބި ގައުމުތަކުން ނިންމުމުން އެކަމާ މެދު ފަލަސްތީނުން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެކަމުގެ ސަބަބުން މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅިގެންދާނެކަމަށް އެގައުމުން ވަނީ ބުނެފައެވެ.

މަސްދަރު: އަލްޖަޒީރާ

Advertisement

ކޮމެންޓް