ސްރީލަންކާއަށް މާދަމާ ކޮވިޝީލްޑް ވެކްސިން ލިބޭނެ، ހުކުރު ދުވަހު ވެކްސިން ދޭން ފަށަނީ

27 Jan 2021 | 14:22

އިންޑިއާގެ ފަރާތުން ސްރީލަންކާއަށް ހަދިޔާކުރާ އެގައުމުގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން (ކޮވިޝީލްޑް) ވެކްސިންތައް މާދަމާގެ ވަގުތެއްގައި ލަންކާއަށް އަންނާނެކަމަށް އެގައުމުން ހާމަކޮށްފިއެވެ.

މިއަދު ހެނދުނު އޮތް ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ރިޔާސީ އެޑްވައިޒަރ ލަލިތު ވީރަތުންގައެވެ.

ލަލިތު ވީރަތުންގަ ވިދާޅުވީ މާދަމާ ހެނދުނު 11 ޖަހާކަށްހާއިރު، ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާ ޚާއްސަ ފްލައިޓަކުން އިންޑިއާއިން ހަދިޔާކުރާ ކޮވިޝީލްޑް ވެކްސިންތައް ލަންކާއަށް އަންނާނެކަމަށެވެ. އެބޭފުޅާ ވިދާޅުވިގޮތުގައި އިންޑިއާއިން ހަދިޔާކުރަނީ 250،000 މީހުންނަށް ވެކްސިން ދެވޭނެވަރަށް 500،000 ވެކްސިން ޑޯޒެވެ.

ވީރަތުންގަ އިތުރަށް ވިދާޅުވި ގޮތުގައި ސްރީލަންކާގައި ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް މި ހަފްތާގެ ހުކުރު ދުވަހުގައި ފެށިގެންދާނެއެވެ. އެގޮތުން ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށެވެ. އެއަށްފަހު ވެކްސިން ދޭން ހަމަޖެހިފައިވަނީ ފުލުހުންނާއި ސިފައިންނަށެވެ.

އެބޭފުޅާ ވިދާޅުވިގޮތުގައި ސްރީލަންކާއިން ވަނީ ކޮވިޑް ވެކްސިން ހޯދުމަށް ރަޝިޔާ އަދި ޗައިނާގެ ކިބައިންވެސް އެދިފައެވެ. އަދި މިހާތަނަށް ޗައިނާއިން ވަނީ ވެކްސިން ހަދިޔާކުރަން އެއްބަސްވެފައެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 4 އަދި 6 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

މަސްދަރު: ކޮލަމްބޯ ގެޒެޓް 

Advertisement

ކޮމެންޓް