މަންމާއެވެ. އަޅުގަނޑަށް ހެޔޮދުޢާ ކޮށްދެއްވާށެވެ

29 Jan 2021 | 16:09

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑު އެހީމެވެ. "މީސްތަކުންގެ ތެރެއިން އެއްވެސް ކުއްޖަކު، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާ عَلَيهِ السَّلام އާއި ޖުރައިޖުގެ އެކުވެރިޔާ ފިޔަވައި، ޅަފަތުގައި ވާހަކަ ދައްކާފައެއް ނުވެއެވެ." އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲ ގެ ނަބިއްޔާއެވެ! ޖުރައިޖުގެ އެކުވެރިޔަކީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ޖުރައިޖަކީ، އޭނާގެ އަޅުކަންކުރާތަނުގައި، މީސްތަކުންނާ އެކަހެރިވެ އަޅުކަންކޮށް އުޅުނު ރާހިބެކެވެ. އަދި އޭނާ އަޅުކަންކުރާތަނުގެ ތިރީގައި ހުއިހައްޕާ މީހަކު، އެމީހާގެ ގެރިތަކާއެކު އުޅުނެވެ. އަދި އެއަވަށުގެ އަންހެނަކު އެހުއިހައްޕާ މީހާގެ ކައިރިއަށް އައިސްގޮސް އުޅުނެވެ."

ޖުރައިޖުގެ މަންމަ އެއްދުވަހަކު އައިސް ގޮވާލިއެވެ. "އޭ ޖުރައިޖެވެ!" ޖުރައިޖު އޭރުހުރީ ނަމާދުކުރާށެވެ. ނަމާދުކުރަމުން އޭނާ ހިތާހިތާ ބުނެލިއެވެ. "ތިމަންގެ މަންމައެވެ. އަދި ތިމަންގެ ނަމާދެވެ؟" (އެބަހީ، މިދެކަމުން ތިމަންކުރާނީ ކޮންކަމެއް ހެއްޔެވެ؟) އޭނާއަށް ވިސްނުނީ ނަމާދު ކުރިއަށް ގެންދިޔުމަށެވެ. ތިންވަނަ ފަހަރަށް އެކަނބުލޭގެ ގޮވާލިއެވެ. އޭނާ ހިތާހިތާ ބުނެލިއެވެ. "ތިމަންގެ މަންމައެވެ. އަދި ތިމަންގެ ނަމާދެވެ؟" އޭނާއަށް ވިސްނުނީ ނަމާދު ކުރިއަށް ގެންދިޔުމަށެވެ. އެކަނބުލޭގެއަށް އިޖާބަނުދިނުމުން، އެކަނބުލޭގެ ބުންޏެވެ. "އޭ ޖުރައިޖެވެ! ކަލެއަށް ނުބައި އަންހެނުންތަކެއްގެ މޫނުފެނުމުގެ ކުރީގައި، ކަލޭގެ މަރު ﷲ ނުހިއްޕަވާނދޭވެ!" އެއަށްފަހު އެކަނބުލޭގެ ހިނގައްޖެއެވެ.

ޞަޙީޙް ބުޚާރީގައި ވެއެވެ. ޖުރައިޖު، އޭނާގެ އަޅުކަންކުރާތަނުގައި ވަނިކޮށް އަންހެނަކު އައިސް ޒިނޭ ކުރުމަށް ހުށަހެޅިއެވެ. ނަމަވެސް ޖުރައިޖު އިޖާބަނުދިނުމުން، އެ އަންހެންމީހާ ބަކަރިހުއިހައްޕާ މީހާއާ ޒިނޭކޮށް ބަލިވެއިނެވެ.

އަންހެންމީހާ ވިހެއުމުން، ރަސްގެފާނުގެ އަރިހަށް ގެނެވުނެވެ. ރަސްގެފާނު އެއްސެވިއެވެ. "މިއީކާކުގެ ފަރާތުން ލިބުނު ކުއްޖެއް ހެއްޔެވެ؟" އެއަންހެންމީހާ ބުންޏެވެ. "ޖުރައިޖުގެ ފަރާތުންނެވެ." ރަސްގެފާނު ވިދާޅުވިއެވެ. "އަޅުކަންކުރާތަނުގެ ވެރިޔާ ހެއްޔެވެ؟" ޖަވާބުގައި އެއަންހެންމީހާ ބުންޏެވެ. "އާއެކެވެ." ރަސްގެފާނު ވިދާޅުވިއެވެ. "އޭނާ އަޅުކަންކުރާ ތަން ތަޅާ ސުންނާފަތިކޮށް، އޭނާ ތިމަންގެ ކައިރިއަށް ގެންނާށެވެ." މީސްތަކުން، އެ އަޅުކަންކުރާތަން ވެއްޓެންދެން ކޯރާޑިތަކުން ތެޅިޔެވެ. އަދި ޖުރައިޖުގެ އަތް ކަރާއެކު ބަނދެގެން ރަސްގެފާނުގެ އަރިހަށް ގެނެސްފިއެވެ. ޖުރައިޖު ގެންދިޔައިރު، ނުބައި އަންހެންވެރިންގެ ބައިގަނޑެއްގެ ކައިރިން ގެންދެވުނެވެ. އެހިނދު އޭނާއަށް އެ އަންހެންވެރިންތައް ފެނުނު ހިނދު ހީލިއެވެ. އެ އަންހެންވެރިންތައް އެހެން މީސްތަކުންނާއެކު އޭނާއާ ދިމާލަށް ބަލަމުން ދިޔައެވެ.

ރަސްގެފާނު އެއްސެވިއެވެ. "މި އަންހެންމީހާ މިކުރަނީ ކޮން ދަޢުވާއެއް ހެއްޔެވެ؟" ޖުރައިޖު ދެންނެވިއެވެ. "ކޮން ދަޢުވާއެއް ތޯއެވެ؟" ރަސްގެފާނު ވިދާޅުވިއެވެ. "އެއަންހެންމީހާ އެދަޢުވާކުރަނީ، އެއަންހެންމީހާ ވިހެއި ކުއްޖަކީ ތިބާގެ ފަރާތުން ލިބުނު ކުއްޖެއްކަމަށެވެ." ޖުރައިޖު އެ އަންހެންމީހާއާ ދިމާލަށް ބުންޏެވެ. "ދަޢުވާކުރަނީ ކަނބުލޭގެ ހެއްޔެވެ؟" އަންހެންމީހާ ބުންޏެވެ. "އާއެކެވެ." ޖުރައިޖު ސުވާލުކުރިއެވެ. "އެ ތުއްތުކުއްޖާ ކޮބާ ހެއްޔެވެ؟" އެބައިމީހުން ޖަވާބުގައި ބުންޏެވެ. "އެކުއްޖާވީ އެ އަންހެންމީހާގެ ކޮޓަރީގައެވެ." ޞަޙީޙް މުސްލިމްގައިވާގޮތުން، ޖުރައިޖު އެކުއްޖާގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ. "ކޮއިފުޅުގެ ބައްޕައަކީ ކާކު ހެއްޔެވެ؟" އެ ތުއްތުކުއްޖާ ޖަވާބުދިނެވެ. "ބަކަރި ހުއިހައްޕާ މީހާއެވެ."

ޖުރައިޖަށް ޢިޝާރާތްކުރައްވައި ރަސްގެފާނު ވިދާޅުވިއެވެ. "ތިބާ އަޅުކަންކުރާތަން ރަނުން ތިމަން ހަދައިދެން ހެއްޔެވެ؟" ޖުރައިޖު ދެންނެވިއެވެ. "ނޫނެކެވެ." ރަސްގެފާނު ވިދާޅުވިއެވެ. "ރިހިން ހަދައިދެން ހެއްޔެވެ؟" ޖުރައިޖު ދެންނެވިއެވެ. "ނޫނެކެވެ." ރަސްގެފާނު ވިދާޅުވިއެވެ. "ދެން ކޮން އެއްޗަކުން ހެއްޔެވެ؟" ޖުރައިޖު ދެންނެވިއެވެ. "އެތަން ކުރިންހުރިގޮތަށް ހައްދަވައިދެއްވާށެވެ." ރަސްގެފާނު ސުވާލުކުރެއްވިއެވެ. "ތިބާ ހިނިއައީ ކޮންސަބަބަކާ ހުރެ ހެއްޔެވެ؟" ޖުރައިޖު ދެންނެވިއެވެ. "ތިމަންނައަށް ހަނދާންވިކަމަކުންނެވެ. ތިމަންގެ މަންމަގެ ދުޢާ ތިމަންގެ މައްޗަށް ވެރިވެއްޖެއެވެ." ދެން އެކަމުގެ ޚަބަރު އެބައިމީހުންނަށް ޖުރައިޖު ދިނެވެ.

ލޮބުވެތި ކުދި ބޮޑު އެންމެހައި ދަރިންނޭވެ! ތިޔަ ދަރިންގެ މައިންބަފައިން ތިޔަ ދަރިންނަށް ކުރާ ދުޢާއަކީ އިޖާބަވުން އަވަސްވެގެންވާ ދުޢާއެކެވެ. ތިޔަ ދަރިންގެ މައިންބަފައިންގެ ކިބައިން ހެޔޮ ރަނގަޅު ދުޢާކޮށްދިނުމަށް އެދޭށެވެ. އެބައިމީހުންގެ ރުހުން ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ. އަދި އެ މައިންބަފައިންގެ ފުށުން ބަދުދުޢާއެއް ކުރިމަތިވެދާނެ ކަންކަމުން ދުރުހެލިވާށެވެ! އެފަދަ ބަދުދުޢާއަކާމެދު ބިރުވެތިވާށެވެ!

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ((ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ: دَعْوَةُ الْمَظْلُومِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ)) (أبو داود والترمذي وحسّنه الألباني) މާނައީ: "ޝައްކެއްނުވާ، އިޖާބަކުރަނިވި ތިން ދުޢާއެއްވެއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާއާއި، ބައްޕައަކު އޭނާގެ ދަރީންގެ މައްޗަށްކުރާ ދުޢާއެވެ."

ލޮބުވެތި މައިންބަފައިންނޭވެ! ތިޔަ މައިންބަފައިންގެ ދުޢާއަކީ ތިޔަބައިމީހުންގެ ދަރީންގެ ބާއްޖަވެރިކަމުގެ މަގު ކޮށައިދިނުމަށް ވާ ތޫނު ހަތިޔާރެކެވެ. އެ ދަރީންނަށް ދުނިޔެއާއި އާޚިރަތުގެ މަންފާ ލިބޭނެ ކަންކަމަށް އެ ދަރިންނަށް ދުޢާކޮށް ދެއްވާށެވެ. އެއީ މަތިވެރި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ފުށުން ފެންނަންއޮތް ކަމެކެވެ. އަދި ދަރިންގެ ފުށުން ދިމާވާ ހިތްހަމަނުޖެހުންތަކުގެ ސަބަބުން އެ ދަރިންނަށް ބަދުދުޢާކުރުމުން ދުރުހެލިވެ އެއްކިބާވެ ލައްވާށެވެ! ލިބިފައިވާ ހަތިޔާރުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާށެވެ!

Advertisement

ކޮމެންޓް