ހަޤީޤީ ވާހަކަ: ހިތި 13

30 Jan 2021 | 12:38

އަހަރެންގެ ސިކުނޑިއަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމާއި މޮޅިވެރިކަމެވެ. އަހަރެންނަށް ދުވަހަކުވެސް ފިރިހެނަކު ދަސްވާނެބާއޭ ހިތަށް އެރިއެވެ. ނޫނީ އަހަރެންގެ އުމުރު މިކަންކަމާއި މެދު ވިސްނާ ފިކުރުކުރުމަށް މާ ކުޑައީ ހެއްޔެވެ. ނޫނެކެވެ. އަހަރެން އިލާންދެކެ ލޯބިވީ އަހަރެންގެ އަމިއްލަ އިހުތިޔާރުގައެއް ނޫނެވެ. އަހަރެންނަށް ނާޒިމް އާއި ގަޔާވެވުނީ ވެސް އަމިއްލަ އިހުތިޔާރުގަ އެއް ނޫނެވެ. އޭނާގެ ކަމުދާ ގިނަ ސިފަތަކެއް ފެނުމުންނެވެ. ނަމަވެސް އެއީ އޭނާ އަހަރެންނަށް ދައްކާލި ދަޅައެކެވެ. ރަނުން ގިރިޓީކޮށް ދަޅަ އަޅަމުން ދިޔަ އެ ސިފަތަކަށް ހެއްލުނު މޮޔައަކީ ހުދު އަހަރެންނެވެ. އަހަރެން އެތަނުގައި އިނދެ ހިތްފުރޭ ވަރަށް ރޯލީމެވެ. އަދި ދެލޮލުން ފޭބި ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އެނބުރި ގެއާ ދިމާލަށް ހިނގައިގަތީމެވެ.

އަހަރެންގެ މޮޅިވެރި މޫނު ފެނިފައި ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސް މަންމައަށް ކުރެވުނެވެ. އަހަރެން ކާ ތައްޓަށް ބަތް އަޅައިގެން ކާމޭޒު ކައިރީ ކާން އިންދާ މަންމަ އައިސް އަހަރެންނާއި ޖެހިގެން ހުރި ގޮޑީގައި އިށީނެވެ. "ކިހިނެއްވީ؟." މަންމަ އަހަރެންނާއި ސުވާލުކުރިއެވެ. "ކަމެއްނުވެ." އަހަރެން އަނގައަށް ބަތްސުވާއެއް ލުމަށްފަހު ބުނީމެވެ. "ކަމެއް ނުވަންޏަކާއި ތިހެނެއް ނީއްނާނެ." މަންމަ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އެންމެ ފަހުން އަހަރެންނަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަހަރެން މަންމައާއި ނާޒިމްގެ ވާހަކަ ހިއްސާކުރީމެވެ. އަހަރެންނަށް ނުރޮވެ އިނދެވުނީ ހަމަ ކިރިޔާއެވެ. އަހަރެންގެ ވާހަކަ ނިމުމާއެކު މަންމަ އަހަރެންނަށް ވަރަށް ނަސޭހަތްތެރިވިއެވެ. އެ ނަސޭހަތުގެ ތެރެއިންވެސް މިއަދާއި ހަމައަށް އަބަދުވެސް ހަނދާން ހުންނަ ވާހަކައެއް އޮވެއެވެ. "އެއްވެސް މީހަކީ ދާއިމީ މީހެއް ނޫން. މިހެން ވިސްނާނަމަ ދިރިއުޅެން ވަރަށް ފަސޭހަވާނެ." މިއީ މަންމަ ތާ އަބަދު ބުނާ ވާހަކައެކެވެ.

އަހަރެން އަނެއްކާވެސް ހިތްވަރުކޮށްފައި ދިރިއުޅުމައިގެން ކުރިއަށް ހިނގައިގަތީމެވެ. ކޯހުގެ ތިން ސެމިސްޓާ ނިމުމާއެކު އަހަރެން ވިސްނީ ނޫސްވެރިކަމުގެ އަމަލީ މައިދާނަށް ނިކުންނާށެވެ. ނަސީބު ދިމާކުރި ގޮތުން އެދުވަސްވަރު އަލަށް ހުޅުވައިގެން އުޅުނު ޓްރިޕްލް ނިއުސް ޓީވީއަށް ކުދިން ބޭނުންވެގެން އިއުލާނުކޮށްފައި އޮތެވެ. ފުރަތަމަ އޮތީ ހަބަރު ކިޔުމާއި، ޕްރެޒެންޓު ކުރުމުގެ އޮޑިޝަނެވެ. އޮޑިޝަނަށް ދިޔަ ފުރަތަމަ ދުވަހު އަހަރެން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ނަމަވެސް އަހަރެންގެ ކޯހުގައި އެވީހާ ތަނަށް ކިޔަވާފައިވާ އެއްޗަކާއި، ތަޖުރިބާހުރި ދަންނަ ބައެއް ޕްރެޒެންޓަރުން ދީފައިވާ އެކި ޓިޕްސްތައް އަހަރެންގެ ސިކުނޑީގައި ނުފިލާނެހެން ނޯޓު ކުރީމެވެ. އޮޑިޝަނަށް ގާތްގަނޑަކަށް ވިއްސަކަށް ކުދިން ބައިވެރިވިއެވެ.

އަހަރެންގެ ނަން ގޮވުމާއެކު އިންޓައިވު ރޫމަށް އަހަރެން ވަނީމެވެ. އޭރު މީހާގެ އަތްފައި ހުރީ ދާހިއްލާ ފޯވެފައެވެ. ނަމަވެސް ހިތުގައި އޮތް އަޒުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމުގެ އަޒުމް ހިތުގައި އޮތެވެ. އިންޓަވިއުގައި ނޫސްވެރިކަމާއި ގުޅޭގޮތުން އެކި ސުވާލުތައް ކުރިއެވެ. އަހަރެންނަށް ދާއިރާ ދަސްވެފައި އޮތް މިންވަރަށް ހުރިހާ ސުވާލުތަކަކަށް ޖަވާބު ދިނީމެވެ. ދެން އައީ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުކޮޅެކެވެ. ކެމެރާ ކުރިމައްޗަށް އަރައި އޮޓޯކިއުގައި އޮތް ހަބަރު ކިޔުމަށް ބުންޏެވެ. ހަބަރު ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުރި ތަނުގައި އަހަރެން އިށީނީމެވެ.

މޫނު މައްޗަށް ދެ ފަރާތުންނާއި މެދުން އެޅިފައިހުރި މާކަރީ ވަރުގެ ބޮޑެތި ލައިޓްތަކުންވެސް އިތުރަށް ހާސްވިއެވެ. އަހަރެން ދެލޯ މަރާލުމަށްފަހުގައި ބިސްމިން ކިޔާ ހެއްދެވި ފަރާތަށް ވަކީލުކުރީމެވެ. އަދި ރީތި ހިނިތުންވުމެއް ދިނުމަށްފަހުގައި ހަބަރު ކިޔަން ފެށީމެވެ. އެއް ބަސް ކިޔުމުގައި ކުށެއް ޖެހުނެވެ. ނަމަވެސް އަހަރެން ހަބަރު ކިޔުމުގެ ޓާސްކު ފުރިހަމަކުރީމެވެ. އެމީހުން ވަކިގޮތެއް ނިންމުމަށްފަހުގައި އަހަރެންނަށް ގުޅާނެ ވާހަކަ ބުންޏެވެ. އެދުވަހަކީ އަނެއްކާވެސް އައު ތަޖުރިބާއެއް ކުރެވުނު ދުވަހެކެވެ. އަހަރެން ގެއަށް ދިއައީ ވަރަށް ހިތްހަމަޖެހިގެންނެވެ. އޭގެ ހަފްތާއެއް ފަހުން، އެ ނިއުސް އެޖެންސީއިން އަހަރެންނަށް ގުޅާފައި ވަޒީފާއަށް ހޮވިފައިވާ ވާހަކަ ބުންޏެވެ. އޭރު އަހަރެން ހުރީ ކޮލެޖުގައެވެ.

ޖަޒްލީ އާއި އިބާނާއާއި އަހަރެން މި ވާހަކަ ހިއްސާކުރީމެވެ. ނޫސްވެރިއަކަށް ވުމަށްޓަކައި އަހަރެން އެޅި ފުރަތަމަ ފިޔަވަޅަށް އެދެމީހުންގެ ހިފެހެއްޓުމެއް ނެތް ތަހުނިޔާ އަހަރެންނަށް ލިބުނެވެ. އަހަރެން ގެއަށް ގޮސް މި ހަބަރު އެންމެ ފުރަތަމަވެސް ދިނީ މަންމައަށެވެ. އަހަރެންގެ މަންމަ ހުރީ އުފަލުން ފޮޅިފައެވެ. ނަމަވެސް މަންމަގެ ހިތް ނުތަނަސް ވެސް ވިއެވެ. ނޫސްވެރިކަމުގެ ދާއިރާ އަކީ ބޮޑު ރިސްކަކަށް ވެފައި، ލިޔެވޭ ނުވަތަ ބުނެވޭ އެއްޗެއްގެ ސަބަބުން އަތުވެދާނެ ހަމަލާއަކާއި މެދު އޮތް ކަންބޮޑުވުމެވެ. ނަމަވެސް އަހަރެންނަކީ ޖެހިލުން ކުޑަ މީހަކަށްވުމުން އަހަރެންގެ އަމިއްލަ ނަފްސު ފުރިހަމައަށް ރައްކާތެރިކުރާނެ ކަމުގެ ޔަގީންކަން މަންމައަށް ދިނީމެވެ.

އަމަލީ މައިދާނުގައި މަސައްކަތް ފެށުނު ހިސާބަކީ އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔަ ހިސާބެވެ. ހާޔަށް އޮންނަ މަސްމާރުކޭޓަށް ވެސް ޖެހިލުމެއް ނެތި ވީޑިއޯ ކެމެރާ ހިފައިގެން އެކަނިދާން ޖެހޭ ފަހަރުވެސް އާދެއެވެ. މީހުންގެ ފޮށުމާއި، މަލާމާތާއި، ސިޔާސީ އެކި ކުލަވަރުޖެހިފައި ތިބޭ މީހުންގެ އެތައް ފުރައްސާރައަކާއި ކުރިމަތިލާންޖެހެއެވެ. ނަމަވެސް މިއިން އެއްވެސް މީހަކަށް ރައްދެއް ނުދެމެވެ. އަހަރެންނަކީ ޠަބީއަތުގައި މީހުން ރުޅިއެރުވުމުގެ އާދަ ކޮންމެވެސް ވަރަކަށް އަށަގަނެފައި ހުރި މީހެކެވެ. ވުމާއެކު ބައެއް ފަހަރު އެގޮތަށް ފުރައްސަރާ ކުރާ މީހުންނާއި ދިމާލަށް ކެމެރާ ދިއްކޮށް ވީޑިއޯ ވެސް ނަގަމެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ނަމަވެސް އެއީ އަހަރެން އެމީހުންނާއި ކޮށްލާ ސަމާސާއެކެވެ.

ބަންދު ދުވަހެއް ދުވާލެއް ރޭގަނޑެއް ނޯވެއެވެ. އަހަރެން އޮފީހުގައި ހޭދަކުރާ ވަގުތު އިތުރުވުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ އެވަގުތު އަމިއްލަ ދިރިއުޅުމުގައި އޮތް ކިލަނބުގަނޑު ސާފުކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތަކަށެވެ. މަސައްކަތާއި ކިޔެވުމުގައި ބުރަކޮށް ވަގުތު ހޭދަވެގެން ދިއުމާއެކު، އަހަރެންނަށް އިތުރު ކަމަކާއި މެދު ވިސްނާކަށް ފުރުސަތެއް ނުލިބެއެވެ. ނަމަވެސް އަނެއްކޮޅުން އަހަރެންގެ މަންމަ ޝަކުވާތައް ބައެއް ފަހަރު އަޑުއަހަން ޖެހުނެވެ. އެކަމަކު ވީ ވަރަކުން އަހަރެން މަސައްކަތްކުރާ ދާއިރާގެ ބުރަކަން މަންމައަށް ވިސްނައިދިނީމެވެ. ތިންވަނަ ސެމިސްޓާވެސް ކާމިޔާބު ނަތީޖާއަކާއި އެކު ނިމި ކޯހުގެ ފަހު ސެމިސްޓާއާއި ކުރިމަތިލީމެވެ. އެ ފަހަރު ތައްޔާރުކުރަން ޖެހުނު އެސައިމަންޓްތައް ގިނަ ކަމުން ބޮލުގައި ރިހޭރިހުން ފިލައިގެން ނުދެއެވެ.

އެދުވަހަކީ އަހަރެން އެސައިމެންޓެއް ތައްޔާރުކޮށްގެން އޭގެ ކޮލެޖަށް ދިއުމުގެ ކުރިން އޭގެ ޕްރިންޓެއް ނެގުމަށްޓަކައި ގެއާއި ތަންކޮޅެއް ދުރުގައި ހުރި ޕްރިންޓް ނަގާ ތަނަކަށް ދިޔަ ދުވަހެކެވެ. ދޮރުން އެތެރެއަށް ވަތްއިރު އެތަނުގައި މަސައްކަތް ކުރުމަށް ހުރީ އެންމެ މުވައްޒަފެކެވެ. އޭނާ އަހަރެން އެ ތަނަށް ވަންއިރު ހުރީ ވަރަށް ބިޒީކޮށް މަސައްކަތެއް ކުރާށެވެ. ނަމަވެސް އަހަރެން އެތަނަށް ވަނީއްސުރެ އޭނާ މަސައްކަތް ކުރާ ވަރަށް ވުރެ ގިނައިން އަހަރެންނާއި ދިމާލަށް ބެލިއެވެ. އަހަރެން އެތަނުގައި ތިބި ހުރިހާ ކަސްޓަމަރުންތައް ނިކުންނަންދެން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރީމެވެ. އެންމެން އެތަނުން ހުސްވުމާއެކު ކައުންޓަރާއި ހަމައަށް އެރުމަށްފަހު އަހަރެންގެ އަތުގައި އޮތް ޕެންޑްރައިވް އޭނާ އަތަށް ދިއްކޮށްލީމެވެ.

"ބުޅާ މަސްގަނޑަށް ބަލާހެން ކޯއްޗެއްތަ ތިބަލަނީ؟." އަހަރެން އެއްވެސް ފޭސް އެކްސްޕްރެޝަނެއް ނުދީ އޭނާއާއި ސުވާލުކުރީމެވެ. " ނުބަލަން." އޭނާ މިހެން ބުނުމަށްފަހުގައި ހިނިތުންވެލިއެވެ. އަހަރެން އިތުރަށް އެއްޗެކޭ ބުނާކަށް ނުހަދަމެވެ. އޭނާ ހުރިގޮތް ފެނިފައިވެސް އަހަރެންގެ މޫޑު ހަރާބުވިއެވެ. ހަމުގެ ކުލަ އަލިވި ނަމަވެސް އިސްތަށިގަނޑު ހީވަނީ ދޫނި ހާއްޔެއް ހެންނެވެ. އަހަރެންނަށް ފަސްޓް އިމްޕްރެޝަން ޖަޖް ކުރެވުނީ މިފަދަ ގޮތަކަށެވެ. އަހަރެން ޕްރިންޓް ނަގައިގެން އެތަނުން ނިކުންނަނިކޮށް އޭނާ އަހަރެންނަށް އެކްސްކިއުޒް އޭ ކިޔާ ގޮވާލިއެވެ. " އިނާދް." އޭނާ މިހެން ބުނުމަށްފަހު ހީލިއެވެ. "މަށަށް ވަރިހަމަ ތި ކޮންމެ ނާދަކަސް. އޯކޭ. ވަރަށް ސަލާން." އައިސްފައި ހުރި ރުޅީގައި އެތަނުން ނިކުމެގެން އެ ދިޔަ ބާރު މިނުގައި ހިނގާފައި ގޮސް ކޮލެޖަށް ވަނީމެވެ.

ކޮލެޖު ނިމުނުތަނާއި އަހަރެންގެ އެންމެ ގާތް ކަޒިން ދައްތަ ސަނާ އަހަރެންނަށް ގުޅިއެވެ. އަދި ދިމާނުވާތާ އެތައް ދުވަހެއް ވެފައިވާތީ އެކަމާއި ޝަކުވާކުރިއެވެ. ދައްތަ ސަނާއަކީ ވެސް އަހަރެންގެ ދިރިއުޅުމުގެ ވަރަށް މުހިއްމު ހިއްސާއެކެވެ. މަދުން އެކުގައި ވަގުތު ހޭދަކުރެވުނެއް ކަމަކު، އަހަރެންނަށް ކަމެއް ލައިގަނެގެން އެކަމެއް އޭނާއާއި ހިއްސާކޮށްފިނަމަ އަބަދުވެސް އެންމެ ގާތުގައި ހުންނަ އެކަކަކީ އެއީއެވެ. ޒަމާން ތަކަކަށްފަހު އަހަރެންނާއި ސަނާއާއި ބައްދަލުވިއެވެ. އެދުވަހު ލައްކަ ވާހަކަ ދެކެވުނެވެ. ދެމީހުންނަށް ރެއަކާލީ އިރުއޮއްސި މަޣްރިބު ނަމާދުގެ ބަންގީގެ އަޑަށެވެ. އެހިނދު ދެމީހުންވެސް އަވަސްވެގަތީ އަވަހަށް ގެއަށް ދިއުމަށެވެ. އަހަރެން ގެއަށް ވަނުމަށްޓަކައި ގޭގެ ތަޅުގައި ހިފާލި ވަގުތު އެއްލި ކަޅިއަކުން، މަގުގެ އަނެއް ފަރާތުން އަހަރެންނަށް އިނާދު ފެނުނެވެ. އޭނާ އަހަރެން ފެނުމާއެކު ހީލުމަށްފަހު ހަނާ އަޅާލިއެވެ. އޭނާއަށް އަހަރެން އުޅޭތަން އެނގުނީ ކިހިނެއް ހެއްޔެވެ. އަނެއްކާ މިއަދު މެންދުރުފެށިގެން އޭނާ އަހަރެންނަށް ފާރަލީހެއްޔެވެ. "މިއޮތީ ކަނޑުމަތި އަޅާފަ. އެހަކަށް ދުވަހު އެއް މުސީބާތުން މި ސަލާމަތްވީ. އަނެއްކާ އަނެއް ހަ ކަންތައް. މި ފަހަރު ދޫ ލަނޑެއް ނޫނީ ނުދޭނަން." އަހަރެން ހިތާހިތުން ކިޔާލީމެވެ. 

Advertisement

ކޮމެންޓް