Advertisement

ކެޔޮދޫގެ ފަސްގަނޑުގައިވާ މިނިސްޓަރ ޝާހިދުގެ އާއިލީ ފުން ހަނދާންތައް!

30 Jan 2021 | 14:31

ވ.ކެޔޮދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޝާހިދު އެރަށަށް ދަތުރުކުރެއްވި ދަތުރުފުޅަކީ ވަރަށް ޚާއްސަ ދަތުރުފުޅެކެވެ. އެބޭފުޅާއަކީ މީގެ ކުރިން އެތަކެއް ފަހަރަކު އެރަށަށް ޒިޔާރަތްކުރައްވާފައިވާ، އެ ދާއިރާގެ މަޖިލިސް މެންބަރުކަންވެސް އަދާކުރެއްވި ބޭފުޅެކެވެ. އެހެނަސް ކެޔޮދޫއާ ޝާހިދު ގުޅިވަޑައިގެންފައިވަނީ އެ ޝަރަފަށްވުރެ ބޮޑަށް، ހިތުގެ ފުންމިނުގައިވާ ހިތާމައަކާ ގިލަނަކުންނެވެ. އާއިލާގެ ލޯބިވާ ދެ މެންބަރަކު ފަސްދާނުލެވިފައިވަނީ އެރަށުގެ ފަސްގަނޑުގައެވެ.

މިނިސްޓަރ ޝާހިދުގެ އެއްބަނޑު އެއްބަފާ ދެ އަންހެން ކޮއްކޮ ކަމުގައިވާ ފާތިމަތު ޝާހިދާ އަދި އާމިނަތު ޝާހިދާއަކީ އެބޭފުޅާގެ ހިތުގައި އަބަދުމެ ޚާއްސަ މަގާމެއް ދެވިފައިވާ ދެފަރާތެވެ. މިއަދު އެ ދެ ފަރާތް މިދުނިޔޭގައި ނެތްނަމަވެސް، އެ ފަރާތްތަކުގެ އުފާވެރި ހަނދާންތަކާ ވަކިވެގެން ދިއުމުގެ މޮޅިވެރިކަން މިއަދުވެސް އެ އާއިލާގައި އެބައޮތެވެ.

ވ.ކެޔޮދޫއަށް ފާތިމަތު ޝާހިދާ އަދި އާމިނަތު ޝާހިދާ އާއިލާގެ އެހެނިހެން މެންބަރުންނާ އެކު ވަޑައިގެންނެވީ ސްކޫލް ޗުއްޓީއަކަށެވެ. 1980ވަނަ އަހަރުގެ ޖެނުއަރީމަހުގެ 26ވަނަ ދުވަހުގައި ފެށި އެ ދަތުރަކީ އޭރު މަޖީދިއްޔާ ސްކޫލްގެ ގްރޭޑް10ގައި އުޅުއްވި ޝާހިދަށް ބައިވެރިވެ ވަޑައިނުގެންނެވުނު ދަތުރެކެވެ. ފޮރިން މިނިސްޓްރީގެ ރަސްމީ އިމާރާތް ހުންނަ ސަރަހައްދުން ދޯނީގައި އާއިލާގެ މެންބަރުން ފުރާވަޑައިގެންނެވިއިރު، ޝާހިދު ހުންނެވީ އެ މަންޒަރު ބައްލަވަން ބައިސްކަލުގެ މަތީގައެވެ. ދެކޮއްކޮއާއި އެންމެފަހުން ދޯނިން ބައްދަލުވިއިރު، ޝާހިދުގެ މިޒާޖު ހުންނަގޮތުން ދެންނެވުނީ ސަމާސާ ބަހެކެވެ. އެބޭފުޅާ ނުލައި ދަތުރުދާތީ ސަލާން ނުކުރައްވާނެކަމަށެވެ.

ނަމަވެސް އެއީ ވަދާއީ ބަސްފުޅަށް ވާނެކަމަށް މިނިސްޓަރ ދުވަހަކުވެސް ހީފުޅެއް ނުކުރައްވައެވެ.

ކެޔޮދޫއަކީ ޝާހިދުގެ އާއިލާއާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ރަށެކެވެ. ސްކޫލް ޗުއްޓީ ދުވަސްވަރުގައި އެ އާއިލާއިން ވަރަށް ގިނައިން އެރަށަށް ގޮސްހަދައެވެ. އާމިނަތު ޝާހިދާ އަދި ފާތިމަތު ޝާހިދާވެސް ކެޔޮދޫއަށް ފޯރުމުން ބޭނުންވީ މޫދަށް އެރުމަށެވެ. އެހެންކަމުން އެ އެދުމާއި އެއްގޮތަށް އެ ދެބޭފުޅުންނާ އެކު މޫދަށް ވަޑައިގެންނެވީ ކެޔޮދޫ ރަންބުސްތާނުގެ ދަލޭކާނިކެއާ އެކުގައެވެ. ދަލޭކާނިކެއަކީ އެ އާއިލާއާ އެކު ދަތުރުގައި މާލެއިން ފުރާ ވަޑައިގެންނެވި ފަރާތެކެވެ.

އެ ތިން މީހުން މޫދަށް އެރެން ދިޔަތާ ގިނައިރުވީހެން އާއިލާއަށް ހީވާން ފެށުމުން، ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލު އަދި އާއިލާގެ އެހެން މެންބަރުން، އެ ތިން ފަރާތުން މޫދަށް އެރެންދިޔަ ސަރަހައްދަށް ދިޔައެވެ. ނަމަވެސް އެ މީހުން އެ ދިމާލުން ފެންނާން ނެތުމުން، ދެން ހޯދީ މޫދަށް އެރުމަށްފަހު ފެންވެރުމަށް ވަޅުގެ ހަދާފައިވާ ސަރަހައްދުތަކެވެ. ކަންބޮޑުވުން އިތުރުވީ އެތަންތަނުންވެސް އެފަރާތްތައް ނުފެނުނުމުންނެވެ.

އެއާއި އެކު، ރަށުގެ މީހުން ނުކުމެ އެމީހުން ހޯދަމުންދަނިކޮށް ފެނިގެންދިޔައީ ފުރާނަ ނެތް ތިން މަސްގަނޑެވެ. ދަލޭކާނިކެ، އާމިނަތު ޝާހިދާ އަދި ފާތިމަތު ޝާހިދާގެ ހަށިގަނޑުތައް ފެނުނީ މޫދަށް އެރޭ ސަރަހައްދުގައި އޮންނަ ވިލެއް ޖެހިހެން އޮންނަ ތިލައެއްގެ އަށެއްކަ ފޫޓު އަޑިންނެވެ. ނަމަވެސް އެ މަރުތަކަކީ ގެނބިގެން ހިނގައިދިޔަ ކަމެއްގެ ގޮތުގައި އެ އާއިލާއިން ގަބޫލެއް ނުކުރެއެވެ. އެހެނީ، އެ ތިން ފަރާތަށްވެސް ލޮނުބޮވިފައި ނެތުމުންނެވެ.

މި ހިތާމަވެރި ހާދިސާގެ ފުން ހަނދާންތައް އެ އާއިލާއާ އަދިވެސް ގުޅިފައިވެއެވެ. އެކަން މިނިސްޓަރ ޝާހިދުގެ ޓްވީޓުންވެސް ވަރަށް ރަނގަޅަށް އެނގި ހާމަވެގެންދެއެވެ. ކިތަންމެ ވަގުތެއް ވޭތުވެގެން ދިޔަޔަސް، ކޮއްކޮމެންނަށް އޮތް ލޯތްބާއި ގެއްލިގެން ދިއުމުގެ ހިތާމަ ކުޑަ ނުވާނެކަމަށް އެބޭފުޅާގެ ޓްވީޓްގައި ވިދާޅުވިއެވެ. މި ބަސްކޮޅާ އެކު، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދުގެ ކެމެރާގެ ލެންސުން ނެގިފައިވާ، ދެ ކޮއްކޮގެ މަހާނަ ކައިރީގައި މިނިސްޓަރ ހުންނެވި މަންޒަރުވެސް ހިއްސާކުރެއްވިއެވެ. އަދި 1993ވަނަ އަހަރު ނިޔުޔޯކަށް ކުރެއްވި ދަތުރެއްގައި މީހަކު ލައްވައި ކުރެއްސެވި ދެކޮއްކޮގެ ފޮޓޯއެއްވެސް ހިއްސާކުރެއްވިއެވެ.

އާއިލާގެ ލޯބިވާ މެންބަރަކު ވަކިވުމުގެ ހިތާމަ އާ ކުރައްވަމުންނެވެ. ކެޔޮދޫގެ ފަސްގަނޑުގައިވާ އާއިލީ ފުން ހަނދާންތައް އާ ކުރައްވަމުންނެވެ!

Advertisement

ކޮމެންޓް

Advertisement