ޗައިނާގެ ވެކްސިންތަކާމެދުވެސް އޮޅުވައިލުމެއްތަ؟

31 Jan 2021 | 08:55

ދުނިޔޭގައި ތައާރަފްވަމުންދާ ކޮވިޑްވެކްސިނާއިގުޅޭ ވަރުގަދަ ހަގުރާމަތަކެއް ހިގަމުންދާތަން އަޅުގަނޑުމެންނަށް ފެނެއެވެ. އެއް ހަގުރާމައަކީ ޔޫރަޕްގެ ފަސްގަނޑުގައި ވެކްސިނާހެދި އެބައިމީހުން އަމިއްލައަށް އެއްބަޔަކު އަނެއްބަޔަކަށް ކުރާ ހަގުރާމައެވެ. އިގިރޭސި-ސްވިޑިޝް ބޭސް ބޭސްއުފައްދާ އެސްޓްރާޒެނެކާއިން އިނގިރޭސިވިލާތަށް ބޭނުންވާ ވަރަށް ވެކްސިން ފޯރުކޮށްދޭއިރު ޔޫރަޕިއަން ޔުނިއަންއަށް ދޭން ވައުދުވި ވަރަށް ވެކްސިން ނުދީގެން ޒުވާބުތައް ވަރަށް މައްޗަށް ގޮސްފައިވާތަން ފެނެއެވެ. އަދި އެސްޓްރާޒެނެކާގެ ވެކްސިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދޭން ރައްކާތެރި ނޫންކަމަށް ފަރަންސޭސިން ބުނެގެން އެކުންފުނިން ޔޫރަޕަށް ވެކްސިން ފޯރުކޮށްދިނުމަށް މިހާރު އެހާވަރުން ނޫޅޭކަމަށްވެސް އަޑުފެތުރުފައިވެއެވެ.

ކޮވިޑް ވެކްސިން ތައާރަފްކުރީ އެމެރިކާ-ޔޫރަޕާއި ޗައިނާގެ ވެކްސިން އުފައްދާ ކުންފުނިތަކުންނެވެ. ވެކްސިން ތައާރަފްކުރުމާއެކު އެމެރިކާއާއި ޔޫރަޕްގެ މީޑިއާތަކުން ޗައިނާގެ ވެކްސިންތަކާއިދެކޮޅަށް ފާޑުފާޑުގެ ތިއަރީތަކާއި މައުލޫމާތު އޮޅުވާލައިގެން މީހުންގެ ހިތްތަކުގައި ޗައިނާގެ ވެކްސިންތަކާމެދު ޝައްކާއި ވަހުމް އުފެއްދުމުގެ ޕްރޮޕެގެންޑާއެއް ފެށިއެވެ. ހަމަ މިކަހަލަ ޕްރޮޕެގެންޑާތަކެއް ޗައިނާގެ މީޑިއާތަކުންވެސް ޔޫރަޕްގެ ވެކްސިންތަކާމެދު ފެތުރިއެވެ. އެކަމަކު މިޕްރޮޕެގެންޑާތަކާއެކުވެސް އޭޝިޔާގެ ގިނަގައުމުތަކުން ޗައިނާގެ ވެކްސިން ހޯދުމުގެ ރޭހެއްގެތެރެއަށް ވަދެފައިވެއެވެ.

ކޮންމެއަކަސް 21 ވަނަ ގަރުނުގައި ދުނިޔޭގެ ބާރުގަދަގައުމަކަށްވުމަށް އެމެރިކާއާއި ޗައިނާއާއިދެމެދު އުފެދިފައިވާ ވާދަވެރިކަމެއްގައި ދުނިޔޭގައި ކޮވިޑްވެކްސިނާއިގުޅޭ ވަރުގަދަ ޕްރޮޕެގެންޑާ ހަގުރާމައެއް މީޑިއާއިން ފަށައިގެން އުޅޭއިރު އަޅުގަނޑު އަޅައިގަތީ އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ ލީޑިން އެއްމީޑިއާކަމުގައިވާ މިހާރު ނޫހުގައި މިއަދު ޝާއިއުކުރި ރިޕޯޓަކާއިމެދުއެވެ. މިރިޕޯޓް ޚާއްސަކޮށްފައިވަނީ ރާއްޖޭގެ މައި އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްގެ އެއްވުންތަކުގައި އިންޑިއާގައި އުފައްދާ ޔޫރަޕްގެ އެސްޓްރާޒެނެކާގެ ކޮވިޝީލްޑާއިމެދު ދައްކަމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. މިރިޕޯޓި ކިޔާލުމުން ހިތަށް ގެނުވަނީ ޖަރނަލިސްޓު އެހެން ޕޯޑިއަމަކަށް ނަގުލުވެ ހުންނަވައި އިދިކޮޅު ޕާޓީއަށް ވަރުގަދަ ރައްދެއް ދޭހެންނެވެ. އޭނާގެ ރިޕޯޓްގައި ސިޔާސީ ވާހަކައެއްގެގޮތުގައި ލިޔުނެވެ.

" " ކޮވިޝީލްޑް" ވެކްސިންއާ މެދު ބިރުވެރިކަން އުފައްދަނީ އިންޑިއާގެ ކާރުހާނާއެއްގައި އުފައްދާތީ ކަމަށްވާ ނަމަ މިކަމާ ސިޔާސީ ގޮތުން ވެސް ވާހަކަދައްކާލެވިދާނެ އެވެ. ޗައިނާގައި ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިންތަކަކީ އަދި މިހާތަނަށް އުފެއްދި ހުރިޙާ ވެކްސިނެއްގެ ތެރެއިން ވެސް އެފިކަސީ ނުވަތަ ބަލިން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން އެންމެ ކުޑަ ވެކްސިންތަކެވެ. ޗައިނާގެ ވެކްސިންތަކުގެ ތެރެއިން އެންމެ ވެކްސިނެއްގެ ނޫނީ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ."

ޕީޕީއެމުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނާމެދު މީހުންގެ ހިތުގައި ޝައްކު އުފައްދަނީކަމަށް ރިޕޯޓްގައި ލިޔެފައިވާއިރު ޗައިނާގެ ކޮވިޑްވެކްސިންތަކާމެދު މިހާރުނޫހުންވެސް މިކުރީ އެއްބާވަތެއްގެ ކަމެކެވެ. އެނޫހުގެ ސީނިއަރ ޖާރނަލިސްޓަކު ޗައިނާގެ ވެކްސިންތަކާއިމެދު މީހުންގެ ހިތުގައި ރަނގަޅުނޫން މައުލޫމާތުތަކެއް ބޭނުންކޮށްގެން ޝައްކު އުފެއްދުމެވެ. ކޮވިޑް ވެކްސިން އުފެއްދި އެއްވެސް ކުންފުޏަކުން އެކުންފުނިތަކުގެ ފުރިހަމަ ޑާޓާއެއް އަދި ހާމައެއްނުކުރެއެވެ. ސަބަބަކީ ވެކްސިން ތަޖުރިބާކުރުމުގެ ފިޔަވަހި އަދި އެއްވެސް ވެކްސިނެއްގެ ފުރިހަމަ ނުކުރެވޭތީއެވެ. ޗައިނާގެ ވެކްސިންތަކަކީ ބަލިން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން އެންމެ ކުޑަވެކްސިންކަމަށް ބުނުމަކީ އޮޅުވައިލުމެކެވެ. ސިޔާސީ ދެނައިބުންގެ ދޮގުކަހަލަ ދޮގެކެވެ. ދުނިޔޭގެ އެކިގައުމުތަކުގެ ހެލްތު ރެގިއުލޭޓަރުން އެވެކްސިންތައް ހުއްދަކުރަނީ ބަލިން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން ހުރިކަން ފުރިހަމައަށް ޔަގީންކުރުމަށްފަހުއެވެ. ޔޫރަޕްގެ ފައިޒާއާއި އެސްޓްރާޒެނެކާގެ ޑާޓާތަކުގައިވެސް ތަފާތު އެބަހުއްޓެވެ. އެއްވެސް ވެކްސިނަކީ ސައްތައިން ސައްތަ ފުރިހަމަ ވެކްސިނަކަށް އަދި ނުވެއެވެ. ވެކްސިން އުފެއްދުމުގައި އިންޑިއާއާއި ޗައިނާއާއި އަޅުވައިކިއުމުގެ މާނައެއް މިހާރަކު ނެތެވެ. އިންޑިއާއަކީ ވެކްސިން އުފެއްދުމުގެ ބޮޑު ހިސްޓްރީއެއް އޮތްގައުމަކަށްވިޔަސް އެގައުމުގެ ސަރުކާރުން މިފަހަރު ގެންގުޅުނު ދޯހަޅި ސިޔާސަތުތަކެއްގެ ސަބަބުން ކޮވިޑް ވެކްސިން އުފެއްދުމުގައި އިންޑިއާ މިފަހަރު ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވެއެވެ. ވެކްސިން އުފެއްދުމުގެ މަރްހަލާތައް ފެށިލެއް ލަސްކަމުން އެހެން ގައުމުތަކުން ވެކްސިން ތައާރަފްކުރި އިރު އިންޑިއާގެ ވެކްސިންތައް އަދި ތިންވަނަ މަރްހަލާއާއި ހަމައަށް ކިރިޔާ ފޯރީއެވެ. އެހެންވީމާ ދުނިޔޭގެ ވެކްސިން މާރުކޭޓަށް އިންޑިއާގެ އަމިއްލަ ވެކްސިނެއް އަދި ނުނުކުމެއެވެ.

ވެކްސިން އުފެއްދުމުގައި ޗައިނާއިން މިފަހަރު ހޯދި ކާމިޔާބަކީ ފަގީރުގައުމުތަކުގެ ނަސީބަކަށް ނުވޭތޯއެވެ. އެހެންނޫންނަމަ ނިކަމެތި ގައުމުތަކާއިހަމައަށް ވެކްސިން ފޯރާނީ މުއްސަނދިގައުމުތަކުގެ ރައްޔިތުންގެ ގަޔަށް ޖަހައި ބާކީވާ އެތިކޮޅުކަން އެމެރިކާއާއި ޔޫރަޕުން ފެންނަ މަންޒަރުތަކުން ދޭހަވެއެވެ. އެމެރިކާއިން ވަނީ ކޮވިޑް ވެކްސިން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. ޔޫރަޕްގެ އިއްތިހާދުންވެސް މިހާރު ނިންމާފައިވަނީ ޔޫރަޕްގެ ވެކްސިން އެސްޕޯޓްކުރުން ގޮތަކަށް މަނާކުރާށެވެ. އެމެރިކާއާއި ޔޫރަޕްގެ ވެކްސިންތައް އަޅުގަނޑުމެންނާއި ހަމައަށް ފޯރާންއޮތް ހަމަ އެކަނިފުރުސަތަކީ މިފަހަރު ޗައިނާއެވެ. އެހެންގައުމުތަކަށް ޗައިނާއިން ވެކްސިންދީ މީހުންގެ ހިތްތައް ފަތަހަކޮށް ޗައިނާގެ ނުފޫޒުގަދަކޮށްފާނެކަމަށް އެމެރިކާއަށް ބިރެއް ނެތްނަމަ އެމެރިކާގެ ވެކްސިން އަޅުގަނޑުމެންނާ ހަމައަށް ފޯރާނެ ދުވަހަކަށް އޮތީ އިންތިޒާރުކޮށްކޮށް ތިބުމެވެ. ބަލިޖެހޭ މީހުން ބަލިޖެހި މަރުވާ މީހުން މަރުވެދާނީއެވެ. ވެކްސިން ނުލިބިގެން އިހަށްދުވަހު ކެނެޑާއިން އެމެރިކާގެ އާ ރައީސް އަރިހު އާދޭސްކުރިތަން ފެނުމުން އަޅުގަނޑުމެންގެ ނިކަމެތިކަމުގެ އިހްސާސް މާބޮޑަށް ކުރެވެއެވެ.

ޗައިނާގެ ވެކްސިންތަކަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފިޔަވައި ދެން އެންމެ ނަފުރަތުކޮށް މަލާމާތްކުރި ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ މިދިޔަ ހަފްތާގައި ބޭނުން ކުރެއްވި އިބާރާތް ނާއްސަވަމުތޯއެވެ. ޗައިނާގެ ވެކްސިން ( ސިނޮވަކް ކޮވިޑްވެކްސިން) އަކީ ބްރެޒިލްގެ ވެކްސިނެވެ.

ސިޔާސީ މީހަކު ދައްކާ ސިޔާސީ ވާހަކައަށް ރައްދުދިނުމަށް، ތައައްސުބުން ވަކިވެ ހަމަހަމަކަމާއި ވަކިފަރާތަކަށް ނުޖެހުމާއި ތެދުމައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ ބަޔަކު ކޮންމެހެން ސިޔާސީ މީހާގެ ދަރަޖައަށް ވެށްޓެންޖެހޭތޯއެވެ.

Advertisement

ކޮމެންޓް