ރައީސް ޔާމީން މައްޗަށް އުފުލާ ދަޢުވާތަކަށް އެމަނިކުފާނު އިންކާރު ކުރައްވައިފި!

01 Feb 2021 | 05:34

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރާ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.

ރައީސް ޔާމީން އެދަޢުވާތަކަށް އިންކާރު ކުރައްވާފައިވާއިރު، ޝަރީޢަތުގައި ހެކި ނެގުމުގެ މަރުހަލާ ފަށާ އަޑުއެހުނ އަންނަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށް އެމައްސަލަ ބެއްލެވި ގާޒީ އަޙްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

މިއަދު ކްތިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެކަމިކުފާނުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ބައިވެރިވި، ޑރ.މުޙައްމަދު ޖަމީލް ވަނީ އެމަނިކުފާނު އެދަޢުވާތަކަށް އިންކާރު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް އެމަނިކުފާނު ޖަލަށްލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލުހުކުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ވަނީ ތާޢީދުކޮށްފައެވެ.

މި މައްސަލައިގައި ހައިކޯޓުން މިފަދައިން ނިންމާފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައެޅުމުން، އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗްގެ ތެރެއިން ދެ ފަނޑިޔާރުންގެ ތާއިދާ އެކުގައެވެ.

Advertisement

ކޮމެންޓް