ޗެލްސީ، އާސެނަލް، އަދި ލިވަޕޫލްއަށްވެސް މޮޅެއް

03 Dec 2018 | 09:46

ރޭ ޗެލްސީ، އާސެނަލް، އަދި ލިވަޕޫލްއަށްވެސް ޕްރިމިއަރ ލީގުގައި ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ފުލަމްއައި ދެކޮޅަށް ކުޅުނު މެޗު ޗެލްސީއިން ކާމިޔާބުކުރީ 2-0 ކުންނެވެ. ޕެޑްރޯ އަދި ލޮފްޓަސް ޗީކް ޗެލްސީގެ ލަނޑުތައް ޖަހައިދިން އިރު ފުލަމްވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

ކުރީގެ ލެސްޓާގެ ކޯޗް ރަނިއޭރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ފުލަމްވަނީ މި ސީޒަނުގައި އެޓީމުގެ ފަރާތުން ފެނުނު އެންމެ ރަނގަޅު ކުޅުން މި މެޗުގައި ދައްކާލާފަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އާސެނަލް އަދި ޓޮޓެންހަމް ބައްދަލު ކުރި ނޯތް ލަންޑަން ޑާބީ މެޗު 4-2 ކުން ކާމިޔާބުކުރީ އާސެނަލްއެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ކުރި ހޯދީ އާސެނަލްއެވެ. އެއީ ލިބުނު ޕެނަލްޓީއަކުން 10 ވަނަ މިނެޓުގައި އޮބާމެޔާންގް ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.

ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ޓޮޓެންހަމްގެ އެރިކް ޑައާ ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ ހެރީ ކޭން ލިބުނު ޕެނަލްޓީއަކުން ޖަހައިދިން ލަނޑާއެކު ޓޮޓެންހަމް ކުރީގަ އޮވެގެންނެވެ. ހެރީ ކޭންގެ މި ލަނޑާއެކު އޭނާވަނީ ނޯތް ލަންޑަން ޑާބީގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އަޑެބަޔޯ ހަދާފައިވާ ރިކޯޑައި އެއްވަރުކޮށްފައެވެ. އެއީ އަށް ލަނޑާއެކުއެވެ.

މުޅި މެޗުގައިވެސް އެޓޭކިން ރީތި ފުޓްބޯޅައެއް ކުޅުނު އާސެނަލް ހަމަލާއަކަށްފަހު ހަމަލާއެއް ފޮނުވާލުމުގެ ނަތީޖާއަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮބާމެޔާންގް ލަނޑެއްޖަހައި އަނެއްކާވެސް ނަތީޖާ އެއްވަރު ކުރުމެވެ.

22 ޝޮޓް އާސެނަލް މިމެޗުގައި ޓޮޓެންހަމް ކޮޅަށް ފޮނުވާލިއިރު އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް އަލުން ލީޑް ނަގައިދިނީ 74 ވަނަ މިނެޓުގައި ފްރާންސްގެ ތަރި ލަކަޒެޓްއެވެ. އޭގެ ހަތަރު މިނެޓް ފަހުން އާސެނަލްގެ ލީޑް ފުޅާކޮށްދިނީ ޓޮރެއިރާއެވެ.

މި މޮޅާއެކު ހުރިހާ މުބާރާތަކުން އާސެނަލް ބަލި ނުވާތާ 19 މެޗު ހަމަވީއެވެ. ކުރިއަށް އޮތް މެޗުގައި އާސެނަލް ބައްދަލު ކުރަން ޖެހޭނީ މެންޗެސްޓާ ޔުނައިޓެޑާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 6 ވަނަ ދުވަހުގަ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

މާސިސައިޑް ޑާބީގައި ލިވަޕޫލް އަދި އެވަޓަން ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ގަޑީގައި އޮރީގީ ޖަހައިދިން ލަނޑާއެކު މި މެޗް ކާމިޔާބުކުރީ ލިވަޕޫލުންނެވެ.

232 ވަނަ ފަހަރަށް މި ދެޓީމް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމެނިކޮށް ވެން ޑައިކް ފޮނުވާލި ހަމަލާ އެވަޓަންގެ ކީޕަރަށް ރަނގަޅަށް ސާފުކޮށް ނުލެވެނިކޮށް ގޯލު ތެރެއަށް ވައްދާލީ ބޯޅައަށް ހުށިޔާރުވެގެން ހުރި އޮރިގީއެވެ. މިމެޗުގައި ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލައި އަމާޒު ކޮށްލެވިފައިވަނީ މަދު ހަމަލާތަކެކެވެ.

މި މޮޅާއެކު ލިވަޕޫލް ވާދަވެރި އެވަޓަން އަތުން ބަލިނުވާތާ 18 މެޗް ހަމަވީއެވެ. މި 18 މެޗުގެ ތެރެއިން ލިވަޕޫލްވަނީ 9 މެޗު ކާމިޔާބުކޮށް 9 މެޗު އެއްވަރު ކޮށްފައެވެ.

31 ޕޮއިންޓާއެކު ޗެލްސީ ތާވަލުގެ ތިންވަނައަށް ޖެހިލިއިރު ޓޮޓެންހަމްގެ މައްޗަށް ލަނޑުގެ ތަފާތުން ކުރިހޯދައިގެން އާސެނަލްވަނީ ހަތަރުވަނަ މަގާމަށް އަރާފައެވެ. އެއްވަނައިގަ އޮތް މެންޗެސްޓާ ސިޓީއަށްވުރެ ދެ ޕޮއިންޓް މަދުން ލިބިގެން 36 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ދެވަނައިގައެވެ.  

Advertisement

ކޮމެންޓް