މިޔަންމާގައި އަސްކަރީ ބަޣާވާތެއް ހިންގައި، އަންގް ސަން ސޫކީ ސިފައިންގެ ހައްޔަރުގައި!

01 Feb 2021 | 12:33

މިޔަންމާގެ އާ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މިއަދު ފެށުމަށް ރޭވިފައި ވަނިކޮށް އެގައުމުގެ އަސްކަރިއްޔާއިން ބަޣާވާތެއް ހިންގައިފިއެވެ.

އެގޮތުން އެގައުމުގެ އަސްކަރިއްޔާއިން ވަނީ ސިފައިން ކޮންޓްރޯލްކުރާ ޓީވީ ޗެނަލް ފިޔަވައި އެހެން ޗެނަލްތައް ދުރަށް ދެއްކުން ހުއްޓުވައި، އެގައުމުގެ ބޮޑު ބަޔަކުން މުވާސަލާތީ ގުޅުންތައްވެސް ކަނޑާލާފައެވެ. އަދި މަގުމަތީގައި ގިނަ އަދަދެއްގެ ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިޔަންމާގައި މިވަގުތު ދައްކަމުންދާ ހަމައެކަނި ޓީވީ ޗެނަލްކަމަށްވާ ސިފައިންގެ ޓީވީން ވަނީ މިޔަންމާގެ ވެރިކަމުގެ ބާރުތައް ސިފައިންގެ އިސްވެރިޔާއާ ހަވާލުކުރެވިފައިވާކަމަށް އިއުލާންކޮށްފައެވެ. ބޭރުގެ ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އެގައުމުގެ އިންތިޚާބީ ލީޑަރުންނާ، ވެރިކަންކުރާ ނޭޝަނަލް ލީގް ފޮރ ޑިމޮކްރެސީގެ ގިނަ އިސްވެރިންތަކެއް ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރޭގައި މިޔަންމާގެ ރައީސް ވިން މިޔިންތު އަދި ސްޓޭޓް ކައުންސެލަރގެ މަގާމުގައި ހުންނެވި އެގައުމުގެ ޑިމޮކްރަސީގެ ބާނީ އަންގް ސަން ސޫކީ ފާހަގަކޮށްލެވެއެވެ. މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އެގައުމުގެ ވަގުތީ ރައީސްކަމަށް ކުރީގެ އަސްކަރީ ލެފްޓިނެންޓް ޖެނެރަލެއްކަމަށްވާ މިޔިންތު ސްވޭ އައްޔަންކޮށްފައެވެ.

މީގެކުރިންވެސް އޭނާ ވަނީ މިޔަންމާގެ ވަގުތީ ރައީސްކަން ދުވަސްކޮޅެއް ވަންދެން އަދާކޮށްފައެވެ. އޭނާއަކީ އެގައުމުގެ ތިންވަނަ ފުރަތަމަ ނައިބު ރައީސްކަމުގައި ހުރި ފަރާތްވެސް މެއެވެ.

މިޔަންމާގެ އަަސްކަރިއްޔާއިން މި ބަޣާވާތް ހިންގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގައި އެގައުމުގެ ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ބުނެއެވެ. އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުގައި އޮޅުވާލުމެއް ނެތްކަމަށް ބުނެފައެވެ. މި އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް އަސްކަރީ ބަޣާވާތެއް ހިންގަފާނެކަމުގެ އަޑުތައް ގަދަވަމުންދާތާ ވަނީ ހަފްތާތަކެއް ވެފައެވެ. އަދި އިންތިޚާބާ ގުޅޭ މައްސަލަތައް ނުބަލާނަމަ ބަޣާވާތެއް ހިންގަންޖެހިދާނެ ކަމުގެ އިންޒާރު އަސްކަރިއްޔާގެ ތަރުޖަމާނެއް މިދިޔަ ހަފްތާގައި ވަނީ ދީފައެވެ.

އެގައުމުގެ އާންމު އިންތިޚާބުގައި އަސްކަރިއްޔާގެ ޕާޓީއަށް ލިބިގެންދިޔައީ 476 ގޮނޑީގެ ތެރެއިން އެންމެ 33 ގޮނޑިއެވެ.

Advertisement

ކޮމެންޓް