Advertisement

ޗައިނާ ރާއްޖެ ދަރަނި: މިނިސްޓަރާ ސަފީރުގެ ދަރަނި ހިސާބު ތަފާތު

03 Dec 2018 | 15:14

ދިވެހިރާއްޖޭގެ ފަރާތުން ޗައިނާއަށް މިހާތަނަށް ދަރާފައިވަނީ 21.6 ބިލިޔަން ރުފިޔާ (1.4 ބިލިޔަން ޑޮލަރު) ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މީޑިޔާތަކާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އެންމެ ގިނައިން ލޯނު ނަގާފައިވަނީ ޗައިނާގެ ފަރާތުން ކަމަށާއި، ޖުމްލަ 1.4 ބިލިޔަން ޑޮލަރަށް ސޮއިކޮށްފައިވާ ކަމަށެވެ.

"ޗައިނާ އިން ނަގާފައިވާ ލޯނުގެ ތެރެއިން މިހާތަނަށް ދައުލަތަށް ޑިސްބާރސް ކޮށްފައިވަނީ (ދޫކޮށްފައިވަނީ) 857 މިލިއަން ޑޮލަރު"، މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެން ކަމުން ރާއްޖޭގެ ޖުމްލަ ދަރަނީގެ 38 ޕަސެންޓް އޮތީ ޗައިނާއަށްކަން ފާހަގަކޮށްލެވެއެވެ.

ކުރީގެ ސަރުކާރުން ލޯނުގެ ގޮތުގައި 57 ބިލިޔަން ރުފިޔާ ނަގައިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ ނިސްބަތުން 53 ޕަސެންޓްގެ ދަރަންޏެކެވެ.

ނަމަވެސް މީގެ ކުރިން މީޑިޔާތަކާއި ވާހަކަދައްކަމުން ޗައިނާގެ ސަފީރު ވިދާޅުވީ ރާއްޖޭގެ ޖުމްލަ ބޭރުގެ ދަރަނި 1.2 ބިލިއަން ޑޮލަރުގައި ހުރިއިރު، އޭގެ ތެރެއިން ޗައިނާ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ އަދަދަކީ 600 މިލިއަން ޑޮލަރު ކަމަށެވެ. އަދި ކޮމާޝަލް ލޯނުގެ ގޮތުގައި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް އިތުރު 900 މިލިއަން ޑޮލަރު ކަނޑައެޅިފައިވާކަމަށްވެސް ސަފީރު ވަނީ ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވާފައެވެ.

Advertisement

ކޮމެންޓް