ހަޤީޤީ ވާހަކަ: ހިތި 14

08 Feb 2021 | 18:03

އަހަރެން އާދައިގެ ހިނގުމެއްގައި ހިނގާފައި ގޮސް އިނާދު ކައިރިއަށް ހުއްޓުނީމެވެ. "މަށަށް ފާރަލަނީތަ؟." ހިތްހަމަނުޖެހުގައި ހުރި ރާގެއްގައި އަހަރެން އަހާލީމެވެ. "އާއެކޭ ބުނެފިއްޔާ؟." އިނާދު ވެސް ކުރީ ސުވާލެކެވެ. "ކީއްކުރަން ތި ފާރަލަނީ؟. މަށަށް ޕްރިންޓް ނަގަން ދިޔަ ތަނުން ވައްކަން ކުރެވުނީތަ؟." އަހަރެން އެހީމެވެ. "އާ... ވަރަށް އަގުބޮޑު އެއްޗެއް ވަގަށް ނަގައިގެން ދިޔައީ!." އިނާދު ހީލުމަށްފަހު ބުނެލިއެވެ. "އޭ!.. މަށެއް އެއްވެސް އެއްޗެއް ނުނަގަން. ކިހިނެއް ވެގެންތަ ތިއުޅެނީ؟." އަހަރެން އިތުރަށް ރުޅިގަދަވިއެވެ. "އަހަރެންގެ ހިތް ނެގީ. އެއީ އަގުބޮޑު އެއްޗެއް ނޫންތަ؟." އިނާދު އޭނާގެ ސައިކަލު ލޯގަނޑުގައި ހުރި ހަޑިތަކެއް ފިލުވަމުން ވާހަކަ ދެއްކިއެވެ. އަހަރެން އޭނާއާއި ދިމާލަށް އިރުކޮޅެއް ވަންދެން ބަލަން ހުރެފައި އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ހިނގައިގަތީމެވެ.

އޭރު އިނާދު ހުރެގެން އޭއްސޭ ކިޔައި އަހަރެންނަށް ގޮވައެވެ. އަހަރެން އަޑުއިވޭ ކަމަށްވެސް ނުހަދައި ގޮސް ގެއަށް ވަނީމެވެ. ގެއަށް ވަދެ އިރުކޮޅެއްވުމުން ބެލްކަނިން ސިއްރުސިއްރުން ބޯދިއްކޮށްލާ އޭނާ ހުރިތޯ ބަލާލީމެވެ. ފެންނާކަށް ނެތެވެ. ނަސީބެކޭ ހިތާ އަވަހަށް ގޮސް ގޭތެރެއަށް ވަނީމެވެ. އަހަރެންގެ މުޅި ދުވަސް ހޭދަވެގެން ދަނީ އޮފީހުގައާއި ކްލާސް ތަކަށް އެޓެންޑު ކުރުމުގައެވެ. ބައެއް ފަހަރު ރޭގަނޑުގެ ވަގުތުގައި ވެސް އޮފީހަށް ދާން ޖެހެއެވެ. އޮފީހުން ގުޅާތޯ ހުންނަން ޖެހެނޭ އެލާޓް ގައެވެ. މިގޮތުގައި ދުވަސްތައް ވޭތުވަމުން ދިޔައިރު، ދޭތެރެއަކުން އަހަރެންނަށް އިނާދު މަގުމަތިން ފެނެއެވެ. އޭނާ އަހަރެން ފެންނަ ކޮންމެ ފަހަރަކު އަހަރެންނާއި ވާހަކަ ދައްކަން މަސައްކަތްކުރެއެވެ. ނަމަވެސް އަހަރެން ބަލަނީ އަވަހަށް ފިލޭތޯއެވެ.

އެއް ދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އެއީ ހުކުރު ދުވަސް ކަމަށްވުމާއެކު އަހަރެން ހަވީރު ނިކުލެމީ ބޭރަށެވެ. ރައްޓެއްސަކާއެކު ކޮފީ އަކަށް ދިއުމަށެވެ. އަހަރެންގެ ރައްޓެހިން ފުދޭވަރަކަށް ގިނަވާނެއެވެ. ނަމަވެސް އެއިން މީހަކާއި ބައްދަލުވަނީ ހާލަކުން ފަހަރަކުއެވެ. އަހަރެން ކޮފީއަށް ދިޔައީ އަހަރެންގެ ރައްޓެހި ކުއްޖާ ބުނި ލޮކޭޝަނަށް ހިނގާފައެވެ. އަހަރެން ކޮފީ ޝޮޕަށް ވަންއިރު، ބޭރު ފެންނަގޮތަށް ހުރި މޭޒެއް ކައިރީ އަހަރެންގެ ރައްޓެހި ޝާން އިނެވެ. "އަދި އެބަ އާދޭ ޝާންގެ ފްރެންޑެއް." އަހަރެން މޭޒުކައިރީ އިށީންނަނިކޮށް ޝާން ބުންޏެވެ. "ޔާ. އައިމް އޯކޭ ވިތް އިޓް." އަހަރެން ގޮޑީގައި އިށީންދެ ހަމަޖެހިލީމެވެ.

އަހަރެންނާއި ޝާން އާއި އެހާ ޒަމާންކޮށްފައި ބައްދަލުވުމުން ލައްކަ ވާހަކަ ހިއްސާކުރީމެވެ. މިގޮތުގައި ދެމީހުން އޮލަ ވާހަކައިގައި ތިއްބާ ޝާންގެ ރައްޓެހި ކުއްޖާ އެތަނަށް އައެވެ. އަހަރެންގެ ފޯނަށް ހަމަ އެވަގުތު މެސެޖެއް އައުމާއެކު އަހަރެން އިނީ އެ މެސެޖު ކިޔާށެވެ. ކުށްލިއަކަށް ތަނަށް ވެރިވި ހަމަހިމޭން ކަމާއެކު އަހަރެންނަށް އިސްއުފުލާ ބަލާލެވުނެވެ. "ވަޓް!." ކުރިމަތީގައި ހުރި އިނާދުފެނިފައި ހައިރާން ކަމާއެކު އަހަރެންނަށް ބުނެލެވުނެވެ. "ޝަމް މީނަ ދަންނަންތަ؟." ޝާން ހައިރާންވެފައި ސުވާލުކުރިއެވެ. "އާ. ގެ ކައިރިންނާއި، މަގުމަތިންނާއި މުގޯލި އަޅާ މީހެއް ނޫޅޭނެ މީނޫނިއްޔާ." އަހަރެން ވަށްބަހުން ޖަހާލީމެވެ. "މުގޯލި އަޅާ ވަރުވީމަ މުގޯލިވެސް އަޅާނެތާ. އަހަރެން ވަރަށް ރީތިކޮށް ބުނިން އަހަރެން ހިތް ވަގަށް ނެގިއްޔޭ." އިނާދު އިށީންނަމުން ވާހަކަ ދެއްކިއެވެ. އަދި ޝާން އަށް ކުރުގޮތަކަށް ވެގެން އުޅޭ ގޮތް ސާފުކޮށްދިނެވެ. "ޝަމް، މިއީ ވަރަށް ބަރާބަރު މީހެކޭ. ޝަމް، އިނާދު އާއި އިންނަންވީނު." ޝާން ހީހީފައި ވާހަކަ ދެއްކިއެވެ. "[ކިހާ ރީތި. ހަމަ ތާކުން މީހަކު ދައްކާފަ ޝާންވެސް ތިބުނީ އިންނާށޭ. ތިހެން ބުނާހާ ފަސޭހައިން މީހުންނާއި އިނދެވޭތަ؟." އަހަރެން ޖެއްސުންކުރާ ރާގަކަށް ބުނީމެވެ.

"ކީއްވެ ނީދެވެންވީ؟. ޝަމް އަހަރެންނަށް ފުރުސަތެއް ދިނީމަތާ އެނގޭނީ އަހަރެންނަކީ ކާކުކަން. އަހަރެން ޝަމް އާއި އިންނަން ބޭނުން، ޝަމް އިންނަން ހުރިއްޔާ. މިއީ މަޖަލަކަށް ބުނި އެއްޗެއް ނޫން." އިނާދުގެ މޫނުމަތިން އޭރު ފެންނަމުން ދިޔަ ސީރިއަސްކަން ފެނިފައި އަހަރެން ހިންދިރުވާލީމެވެ. އޭނާ އަހަރެންނާއި ދިމާލަށް ކަޅި ޖަހާވެސް ނުލައި ބަލަންފެށިއެވެ. އަހަރެންނަށް ވެސް އިދެވުނީ އިނާދުއާއި ދިމާލަށް ބަލަހައްޓައިގެން ބުނާނެ އެއްޗެއް ނޭންގިފައެވެ. "އެކަމަކުވާ، ދެމީހުން ފިލްމެއް ކުޅެނީތަ ތި؟. ބަލަ މަވެސް މިތާ އެބަ އިނީމޭ." ޝާން އިނާދުގައި ގައިގައި ކަވިގޮތަކަށް ވިކައިގަންނަމުން ބުންޏެވެ. އިއްތިފާގުން ޝާން އާއި އިނާދަކީ އެއް ރަށެއްގެ ވަރަށް ގާތް ދެ އެކުވެރިންނެވެ.

އިރުއޮއްސި، އިރުގެ އަލިކަން ދުނިޔެމަތިން ގެއްލުނު ހިސާބުން އަހަރެމެން އެތަނުން ނިކުތީމެވެ. އިނާދު އަހަރެންގެ ފޯނު ނަންބަރަށް އެދި އާދޭސްކުރިއެވެ. ނަމަވެސް އަހަރެން އޭނާއަށް ދިނި އަހަރެންގެ ފޭސްބުކް އެކައުންޓެވެ. "ނަންބަރު ދީފިއްޔާ މި ފިރިހެންވެރިން ގުޅާވަރުން ހަމަ ނިދި ނުލިބޭނެ. އިތުބާރު ކުރެވުނު ދުވަހަކުން ނަންބަރު ދޭނަން. އެހަށް ފޭސްބުކް މެސެންޖާއިން ފުއްދާލާ. ދެން އަހަރެން ދަނީ." އަހަރެން އަވަސްވެގަތީ ގެއަށް ދިއުމަށެވެ. އެރޭ އިޝާ ނަމާދުކޮށްލައިގެން މަންމައާއި ދައްތައާއި އެކު ކާން މޭޒު ކައިރީގައި އިންދާ މެސެންޖާއިން މީހަކު ހައި ޖެހިއެވެ. ބަލާލިއިރު އިނާދެވެ. "ނޫނޭވާ ވަރުތަކެއް ވެފަހުރި ފިރިހެނެއްތާ މީ. ނިމުނީ ވާހަކަދައްކަމުން ދައްކަމުން ގޮސް ގަޔަށް އަރަން އުޅެފިއްޔާ." އަހަރެން ހިތާހިތުން ކިޔައީލީމެވެ.

އަހަރެންގެ ސިކުނޑިތެރޭގައި އަބަދުވެސް ރަގަބީލު އަޅާ ކަމަކީ އެއީއެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ ހަށިގަނޑުގައި ބީހުމުގެ ކުރިން އެމީހަކު އަހަރެންދެކެ ހަގީގަތުގައިވެސް ލޯބިވުމަށެވެ. އަދި އެ ލޯބި މުޅި އުމުރަށް ދެމިގެންދާނެހެން ގޮތް ޖަހާށެވެ. އެރޭ އިނާދު އަހަރެންނާއި ވަރަށް ގިނަ ވާހަކަތައް ހިއްސާކުރިއެވެ. އަހަރެންވެސް ދިރިއުޅުމުގެ ބައެއް ކަންކަން އޭނާއާއި ހިއްސާކުރީމެވެ. އިނާދު އޭރުވެސް އެދެމުން ދިޔައީ އޭނާއާއި ކައިވެނި ކުރުމަށެވެ. އަދި އެކަމާއި މެދު ފުންކޮށް ވިސްނުމަށް އެދުނެވެ. އަހަރެން އެހިސާބުން ނާޒިމްގެ ވާހަކަ އިނާދުއާއި ހިއްސާ ކުރީމެވެ. އިނާދު އަހަރެންނަށް ދިނީ ހިތްވަރެވެ. އަދި ދުނިޔޭގައި އުޅޭ ހުރިހާ ފިރިހެނުންނަކީ ނާޒިމް ކަމުގައި ނުދެކުމަށް އަހަރެންނަށް ނަސޭހަތްތެރިވިއެވެ. އެ ދުވަސް ވަރަކީ އަހަރެންގެ ކޯހުގެ އެންމެ ފަހު ދުވަސްތަކަށް ވުމާއެކު، ކިޔެވުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރީމެވެ. އޭގެ އަނެއްކޮޅުން އަހަރެންނާއި އިނާދުގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. އަހަރެންނަށް އަނެއްކާވެސް އާ އުއްމީދުތަކެއް ކުރެވެން ފެށިއެވެ. އިނާދަކީ އެހެން މީހުންނަށް ވުރެ ތަފާތު މީހެއްކަން އޭނާ ސާބިތުކޮށްދިނީ ހަމައެކަނި އޭނާގެ ވާހަކަތަކަކުންނެއް ނޫނެވެ. އޭނާގެ ބަހާއި އަމަލާއިވެސް ދިމާވެއެވެ. އިނާދު ބޭނުންވީ އަހަރެންގެ ކޯސް ނިމުނުހާ އަވަހަކަށް އަހަރެންނާއި ކައިވެނިކުރާށެވެ. ނަމަވެސް އަހަރެން އޭރު އެހާ އަވަހަށް އިންނަން ބޭނުން ނުވުމުން އެކަން ފަސްކުރީމެވެ.

އަހަރެން މަންމަ އާއި ބައްޕައަށް އިނާދު ތައާރަފުކޮށްދިނީމެވެ. އަދި އެއީ އަހަރެން މުސްތަގްބަލުގައި އިންނަން ބޭނުންވާ ކުއްޖާ ކަމުގައި ބުނީމެވެ. ކުރިއެކޭ އެއްގޮތަށް، އޭރުވެސް އަހަރެންނަށް އިނާދުއާއެކު މާގިނައިން ބޭރަށް ނިކުމެ އުޅުމުގެ ހުއްދައެއް ނޯވެއެވެ. ނަމަވެސް ދެމީހުންގެ ގުޅުން ބަދަހިވި ވަރަކަށް ހޭދަކުރެވޭ ވަގުތު ވެސް ގިނަވާން ފެށިއެވެ. މިކަމާއި މެދު މަންމަ ބައެއް ފަހަރު ހިތްހަމަވެސް ނުޖެހެއެވެ. ނަމަވެސް އަހަރެން ކޮންމެވެސް ގޮތަކަށް މަންމައަށް ވިސްނައިދެވޭތޯ ބަލަމެވެ. އަހަރެންގެ ބިޒީ ޝެޑިއުލްގެ ވަގުތު ހޭދަކުރުމަށް ވަގުތު ހޯދަނީ ވަރަށް ބޮޑަށް ރާވާލައިގެންނެވެ.

އިނާދު އާއެކު އަހަރެންގެ ހަޔާތަށް އައީ ބަހާރު މޫސުމެވެ. ލޯބީގެ ފުން ކަނޑުގައި ގެބެމުން ދިޔައިރު ސަލާމަތަށް އެދި އާދޭސްކުރަމުން ދަނިކޮށް އަހަރެންގެ އަތުގައި ހިފީ އިނާދެވެ. އަހަރެންނަށް އިނާދު ކަހަލަ މީހަކާއި ދިމާވީކަމަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރުކުރީމެވެ. އަހަރެންގެ ހިތި މާޒީގައި ހިނގާފައިވާ އެއްވެސް ކަމެއް އިތުރަށް ތަކުރާރުވާކަށް އިނާދު ބޭނުމެއް ނޫނެވެ. މިގޮތުގައި ދުވަހަކަށްފަހު ދުވަހެއް ކުރިއަށް ދަމުން ގޮސް، އަހަރެންގެ ކޯސް ނިމި ގްރެޖުއޭޝަން ދުވަސް ބޯމަތިވިއެވެ. ކޯހުން ހަމައެކަނި ފާސްވެގެން ގްރެޖުއޭޓްވީ އަހަރެންނާއި، ޖަޒްލީ އާއި އިބާނާގެ އިތުރުން މަނާލްއެވެ. އެދުވަހަކީ އަހަރެންގެ ހަޔާތަށް އައި އެންމެ އުފާވެރި އެއް ދުވަހެވެ.

ގްރެޖުއޭޝަން ހަފްލާގައި ސްޓޭޖް މަތިން އަހަރެންގެ ނަން ގޮވުމާއެކު، ސެޓްފިކެޓާއި ހަވާލުވުމަށް ތެދުވެ، މަންމައާއި ބައްޕައާއި ދިމާލަށް ބަލާލީމެވެ. އެމީހުންގެ މޫނުމަތިން ފެނިގެން ދިޔަ ހިތްގައިމު ކަމާއި، އުފާވެރިކަން ފެނިފައި އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޯލެވެލްގެ ނަތީޖާ ފަނޑުފުލުން ދިޔަ ނަމަވެސް، ކޯހުން ގްރެޖުއޭޓްވި މަދު ބައިވެރިންގެ ތެރޭގައި އަހަރެން ހިމެނިގެން ދިއުމަކީ އެމީހުންނަށް ލިބޭނެ ހިތްހަމަ ޖެހުމެއްކަން ކަށަވަރެވެ. އަހަރެން މާލެ އައި މަގުސަދު ކާމިބާޔު ކުރެވިއްޖެ ކަމުގެ އިހުސާސް އެދުވަހު ކުރެވުނެވެ. ދެން އޮތީ ދިރިއުޅުން އެހެން ހަރުފަތަކަށް ގެންދިއުމެވެ. އެދުވަހު އިނާދުއާއި ވީ އެންމެ އަވަހަކަށް ކައިވެނި ކުރުމަށް ނިންމީމެވެ. ނަމަވެސް އެދުވަހުން ފެށިގެން އެތައް އަހަރުތަކަކަށް އަހަރެންގެ ދިރިއުޅުން ވެގެން ދިޔައީ ހިތި އެއްޗަކަށެވެ. 

Advertisement

ކޮމެންޓް