އެދުވަހު ވެއްޓުމުން، ތެދުވެ ދުއްވައިގަތީ ވަރަށް ބާރަށް!

07 Feb 2021 | 16:27

އެއީ 2012ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7ވަނަ ދުވަހުގެ މެންދުރުފަހެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ގްރީން ޒޯން ސަރަހައްދު އޮތީ ފުރިފައެވެ. ސިފައިންނާ ފުލުހުންނެވެ. އާންމުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނެވެ. މީޑިޔާތަކުގެ ނޫސްވެރިންނާއި، ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުން ތިބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާންމުކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ މާލަމުގައެވެ. ކުރިމަތީގައި ފެންނާން ތިބީ ދިވެހިރާއްޖޭގެ ފެހި ގާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ސަރުކާރުގެ ކެބިނެޓް މެންބަރުންނެވެ. އެ ކެބިނެޓް މެންބަރުންނާއި ޖެހިގެން މެދަށްވާ ގޮތަށް ހުރީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ޕޯޑިއަމްއެވެ.

ހިނގަން އުޅެނީ ކޮންކަމެއްކަން އެތަނުގައި ތިބި ފަރާތްތަކަށް، އެތަނުގެ ބޭރުގައި ތިބި ފަރާތްތަކަށް އަދި ޓީވީ ރޭޑިޔޯތަކުން އެ މަންޒަރު ލައިވްކޮށް ބަލަމުންދިޔަ ހުރިހާ ފަރާތްތަކަށްވެސް އެނގެއެވެ. ކުރިން އެނގިފައިވާ ގޮތާއި ޚިލާފަށް އެކަން ހިނގުމަކީ ނާދިރުކަމެއްކަން އެންމެންނަށްވެސް އޮތީ ވިސްނިފައެވެ. އެއީ އެއްބަޔަކަށް ވަރަށްވެސް ހިތްދަތި ވަގުތުކޮޅެކެވެ. އަނެއްބަޔަކަށް އެއީ ވަރަށްވެސް އުފާވެރި ވަގުތުކޮޅެކެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި މާލަމުގެ ކަނާތް ފަރާތުގައި ހުންނެވި ދޮރުން ނުކުމެ ވަޑައިގެން، ޕޯޑިއަމްގެ ކުރިމައްޗަށް އަރާވަޑައިގެންނެވީ އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. ދިވެހިރާއްޖޭގެ އެތައް ބައެއްގެ އުންމީދާއި ލޯތްބާއި އެކު ވެރިކަމަށް ވަޑައިގެންނެވި ސިޔާސީ ލީޑަރެކެވެ. އެހެނަސް އެވަގުތު ޕޯޑިއަމްގެ ކުރިމައްޗަށް އަރާވަޑައިގެންނެވީ ބާރުދެރަވެ، މަޖުބޫރީ ފަދަ ހާލަތެއްގައެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމަށެވެ.

"އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި، އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެނަމަ، ރާއްޖޭގެ ރައްޔިތުންނަށާއި އަދި ރާއްޖެއަށް އެތައް ގިނަގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން މިއަދުން ފެށިގެން އިސްތިޢުފާ ދީފިން"، އެމަނިކުފާނު ވިދާޅުވި މި ބަސްތައް އަދިވެސް ގިނަބައެއްގެ ހަނދާނުގައި އެބަހުއްޓެވެ. ކޮންމެ ނަޒަރަކުން ބެލިކަމުގައި ވިޔަސް އެއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ވަރަށްވެސް މުހިންމު ވަގުތުކޮޅެކެވެ. އެ ބަސްކޮޅާއި ރައީސް ނަޝީދު އެދުވަހު ނިންމެވި ނިންމުމަކީ އޭގެ އަސަރުތައް މިއަދާއި ހަމައަށްވެސް ފެންނާން ހުރި ކަންކަމެވެ.

އެ ހިސާބަށް ގައުމުގެ ސިޔާސީ މަޝްރަހު ފޯރީ އެތަކެއް މަރުހަލާތަކެއް ކަޑައްތުކުރުމަށްފަހުގައެވެ. އެކަންކަމަކީ ވަރަށް ދިރާސާކޮށްގެން އަދި ތަފްސީލްކޮށް ނޫނީ ނުގެނެވޭނެ ވާހަކަތަކެއްކަމުން، ފަހުން އެހެން ލިޔުމެއްގައި އެ ވާހަކަތައް ގެނެސްދެވޭތޯ ބަލާނަމެވެ. ސިޔާސީ ގަޑުބަޑު ފެށިގެންދިޔައީ "ވަތަން އެދޭ ގޮތަށް" އިއްތިހާދު ރޫޅިގެންކަމެއް ނުވަތަ 23 ޑިސެމްބަރގެ މުޒާހަރާއިންކަމެއް "ޕިންޕޮއިންޓް"ކޮށްފައި ދަންނަވާލުމަކީ ރަނގަޅަށް ދިރާސާނުކޮށް ދަތިކަމެކެވެ.

7 ފެބްރުއަރީގައި އެމްޑީޕީގެ ވެރިކަން ވެއްޓިދިއުމަށްފަހު، އެ ހިސާބުން އެޕާޓީއާ ރައީސް ނަޝީދުގެ ސިޔާސީ ތަރި އޮއްސުނީކަމަށް ބައެއް ފަރާތްތަކުން ދެކުނެވެ. އެހެނަސް ރައީސް މައުމޫންގެ ޒައާމަތުގައިވެސް އެމްޑީޕީން ދެއްކި ހަގީގަތަކީ ކިތަންމެ އަނިޔާއެއް ކުރިޔަސް ފަހަތަކަށް ނުޖެހޭނެކަމެވެ. މިއީ އެޕާޓީއަށް ތާއިދުކުރިޔަސް ނުކުރިޔަސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެމްޑީޕީގެ ލީޑަރޝިޕާއި ގްރާސްރޫޓަކީ މަގުމައްޗަށް ފަރިތަ، މުޒާހަރާ ކުރުމާއި ރައްޓެހި ބައެކެވެ. އެ އުސޫލު އެފަރާތްތަކުން 8 ފެބްރުއަރީގައިވެސް ދެއްކިއެވެ. އޭގެ ކުރީ ދުވަހު އިސްތިއުފާދެއްވި ރައީސް ނަޝީދު އިސްވެ ހުންނަވާ، ވެރިކަން ބަދަލުކުރީ ބަޣާވާތަކުންކަމަށްބުނެ އެމްޑީޕީން ނުކުތީ މަގުމައްޗަށެވެ. މާލޭގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެގޮތަށް ކަންކަން ހިނގައިގެންދިޔައެވެ.

ނަމަވެސް އެފަރާތްތަކާ ބައްދަލުކުރީ ފުލުހުންނާއި ސިފައިންގެ އަނިޔާވެރި މުގުރާއި، ވޭނީ ކަރުނަ ގޭހެވެ. ނަތީޖާއެއްގެ ގޮތުން މަޝްރަހު ވަރަށް ހޫނުވެ، އާންމު ތަންތަނަށް ގެއްލުންދިން ހިސާބަށްވެސް ބައެއް ރަށްރަށުގައި ދިޔައީއެވެ. އެއީ ދެފަރާތުންވެސް "ޖަޒުބާތުގައި" ޖެހިގެން ކުރިކަމެއް ކަމުގައި އަހަމެވެ. 

އެއަށްފަހުގައިވެސް އެމްޑީޕީގެ ހިތްވަރަށް ބަދަލެއް އައި މަންޒަރެއް ނުފެނުނެވެ. އެފަރާތްތަކުން ތުހުމަތުކުރި ބަޣާވާތުގެ ސަރުކާރާއި ދެކޮޅަށް މުޅި ރާއްޖެއާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކިގޮތްގޮތުން އަޑުއުފުލިއެވެ. ރަންރީނދޫ ލަޝްކަރުގެ ގަދަ ހިތްވަރު ދައްކާލިއެވެ. ރައީސް ވަހީދުގެ ސަރުކާރު ވަރަށް ޕްރެޝަރަށްވެސް ވައްޓާލިއެވެ. އެހެނަސް އެކި ސަބަބުތަކާހުރެ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލިދިޔައެވެ. އެވަރުންވެސް އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީން އިސްނަގާ، ރައީސް ޔާމީންގެ ސަރުކާރު ޒިންމާދާރުކުރުވަން ނުކުތެވެ. އެފަހަރު ނުކުންނަން ޖެހުނީ، އެބަޔަކު އިސްވެ ތިބެ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުގައި އެމްޑީޕީގެ ވެރިކަން ވައްޓާލަން ބަޣާވާތްކުރި އެކި މީހުންނާއި އެކުގައެވެ. އެތައް އަހަރެއް އެތައް މަސައްކަތަކުން އެބައިމީހުންނާއި އެކު މަސައްކަތްކޮށް، އެމްޑީޕީ އަނެއްކާވެސް މިއަދު އޮތީ ކޯލިޝަނާ އެކު ދިވެހިރާއްޖޭގެ ވެރިކަމަށް އެނބުރި އައިސްފައެވެ.

2012ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 7ވަނަ ދުވަހު ހިނގައިދިޔަ ކަންކަަމަކީ ކޮންމެ ނަޒަރަކުން ބެލިނަމަވެސް، ދިވެހި ސިޔާސީ ވެއްޓަށް ބަދަލުތަކެއް ގެނުވި ކަންތައްތަކެވެ. މިއަދު އެމްޑީޕީން ތިބީ، އެ ދުވަހު އެޕާޓީއާ ދެކޮޅަށް ނުކުތް ސިޔާސީ ހަތުރުން، މިތުރުންގެ ގޮތުގައި ބަަލައިގަނެ އެފަރާތްތަކާ އެކު ކޯލިޝަން ހަދައިގެންނެވެ. އިންތިގާލީ އިންސާފުގެ ބިލް ދާދިފަހުން މަޖިލީހުން ފާސްކޮށް، އެ ބިލް ތަސްދީގުކުރެވި ގާނޫނަކަށް ވަނީ ހެދިފައެވެ. ސުވާލަކީ އެ އިންތިގާލީ އިންސާފުން 7 ފެބްރުއަރީގެ ވާހަކަ ދައްކާނެތޯއެވެ؟ ކޯލިޝަންގައި ތިއްބެވި "ބާޣީން" އެންމެ ފަހުން "ޣާޒީން"ނަށް ވެދާނެބާވައެވެ؟

އެ ދުވަހު ވެއްޓުމުން ތެދުވެ ބާރުމިނުގައި ދުއްވައިގަތީ އިންސާފްގެ އުފާވެރި މަންޒިލަކާ ދިމާލަށްތޯ ނޫނީ ނާއިންސާފުގެ ވޭނީ އަވާމެންދުރަކާ ދިމާލަށްތޯ މިއަދު އެތައް ބަޔަކު ދަނީ ފިކުރުކުރަމުންނެވެ. އެ ސުވާލުތަކުގެ ޖަވާބެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ބަޔަކު އެބަތިބިކަމާ މެދު ޝައްކެއް ނެތެވެ!

Advertisement

ކޮމެންޓް