ސިޔާސީވެރިން، މައިބަދަ އަދި އިނގިރޭސިވިލާތް

11 Feb 2021 | 12:26

ދިވެހިރާއްޖޭގެ ތާރީޚްގެ ހާދިސާތަކަށް ބަލައިފިނަމަ ފެންނާނެ ވަރަށް ތަފާތު އެއްކަމަކަށް ވާނީ ސިޔާސީ ފަރާތްތަކަށް ބޮޑުކަމެއް ދިމާވުމުން ގައުމުން ބޭރަށް ވަޑައިގެންނެވުމެވެ. ގޮޅިއަކަށް ލެވޭފަދަ ކަމެއް ދިމާވެއްޖެނަމަ ނުވަތަ ގޮޅިއަކަށް ލެވިއްޖެނަމަވެސް، ފައުޅުގައާއި ސިއްރިއްޔާތުގައި ބޭރު ގައުމުތަކަށް ދަތުރުކުރުމަކީ އަބަދުވެސް ކޮށްއުޅޭ ކަމެކެވެ. މިފަދައިން ގައުމުތަކަށްގޮސް އެގައުމުތަކުގެ ހިމާޔަތް ހޯދުމަކީވެސް ހަމަ ހިނގާފައިވާ ކަމެކެވެ. މިކަމުގެ އެއް މިސާލަކަށް މަޝްހޫރު މޮޓަރުބޯޓު ގަޑުބަޑުވެސް ފުދޭނެއެވެ.

މީގެކުރިން ގިނަފަހަރަށް ސިޔާސީ ފަރާތްތަކުންނާއި ބޮޑުން، ކަންތައްތައް ހޫނުވުމުން ހިމާޔަތް ހޯއްދަވާފައިވަނީ އަވައްޓެރި އޮޅުދޫކަރައިންނެވެ. މިހާރު ދިވެހިރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ސިޔާސީ ޕާޓީއަކަށް އެމްޑީޕީ އުފެދިގެން އައިސް، އެޕާޓީ ދޮންވެ ފައްކާވެގެން ދިޔައީވެސް، ދިވެހިރާއްޖެއާއި ދުރުގައި އޮތްނަމަވެސް ދިވެހިންގެ ގާތުގައިވާ އޮޅުދޫކަރައިގެ މިނިވަން ޖައްވުންނެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރީވެސް، އޮޅުދޫކަރައިގައި ތިބި ބަޔަކުވެސް ކުރި ގިނަ މަސައްކަތްތަކަކާ އެކުގައެވެ.

އެހެނަސް ސިޔާސީ ކަންކަމަކީ އަބަދު އެއްގޮަތަކަށް ހިނގާނޭ ކަންކަމެއް ނޫންކަން ދިވެހިން ވަރަށް ރަނގަޅަށް ދަންނާނެއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ވަރަށް ގިނަ އާދޭހާއި އެކި ފަރާތްތަކުގެ ބުރަ މަސައްކަތަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ. މައިބަދައިގެ މައްސަލައެއް ހުރުމުން އޮޕަރޭޝަން ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް، ޑޮކްޓަރުންނާއި ހަވާލާދީ ވިދާޅުވުމަށްފަހުގައެވެ.

އެހެން ވިދާޅުވެ، އެމަނިކުފާނު ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. މީގެކުރިންވެސް އެގައުމެއްގައި އުޅުއްވައި، އެގައުމުގެ ސިޔާސީ ހިމާޔަތުގެ ދަށުގައި ހުންނެވި ގައުމަކަށެވެ. މިއާއި އެކު ގިނަބަޔަކު ލަފާކުރިގޮތަށް، އިނގިރޭސިވިލާތަށް ވަޑައިގެންނެވިތާ މަސްތަކެއްގެ ފަހުން އެމަނިކުފާނު ވަނީ އެގައުމުގެ ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ.

ސިޔާސީ ކަންކަމަކީ ބައެއް ފަހަރަށް އެއްގޮތަކަށް ހިނގާނެފަދަ ކަންތައްތަކެކެވެ. އެކަމުގެ މިސާލެއް މިއަދުވެސް މިވަނީ ފެނިގެން ގޮސްފައެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އަދި ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދަނިކޮށް، ޑޮކްޓަރުންގެ ލަފާގެ ދަށުން ބޭސްފަރުވާއަށް ކަމަށްބުނެ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުނީއެވެ. ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ދޫކޮށްލީ، މައިބަދައިގެ މައްސަލައެއް ހުންނާތީކަަމަށްބުނެއެވެ. ހަމަ ވަޑައިގެންނެވީ ރައީސް ނަޝީދުހެން އިނގިރޭސި ވިލާތަށެވެ. ހަމަ މީގެކުރިން އެގައުމެއްގެ ސިޔާސީ ހިމާޔަތުގައި ޢަލީ ވަޙީދުވެސް ހުންނެވި ގަައުމަކަށެވެ.

މިހާ ހިސާބުން ސުވާލު އުފެދެއެވެ. މިއީ ހައްތަހާވެސް އިއްތިފާގު ހެއްޔެވެ؟ ސިޔާސީ ކަންކަން އެއްގޮަތަކަށް ހިނގާނަމަ ޢަލީ ވަޙީދަށްވެސް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ދޭނެބާވައެވެ؟ ހިމާޔަތް ދޭނަމަ ދޭނީ ކޮން ހަމައަކުން ތޯއެވެ؟ ކޮންމެ ގޮތަކަށްވިޔަސް، މައިބަދަ އަދި އިނގިރޭސިވިލާތް މިއީ ސިޔާސީވެރިންނަށް އޮތް އާދަޔާ ޚިލާފު ކޮމްބޯއެކެވެ.

Advertisement

ކޮމެންޓް