Advertisement

ފައިސާ ދެއްކިކަން ޔަގީންކުރުމަށް ތާރޑް ޕާޓީ ވެބްސައިޓްތައް ބޭނުން ނުކުރަން އެދިއްޖެ

11 Feb 2021 | 14:49

ފައިސާ ދެއްކިކަން ޔަގީންކުރުމަށް ތާރޑް ޕާޓީ ވެބްސައިޓްތައް ބޭނުން ނުކުރަން ބޭންކް އޮފް މޯލްޑިވްސްއިން އެދިއްޖެއެވެ.

ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާރޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުންދާކަން ބޭންކަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން www.kashavaru.com ހިމެނޭހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާރޑް ޕާޓީ ޓްރާންސްފަރ ކޮންފަރމް ކުރާކަމަށް ވަނީ ބުނެފައެވެ. މިގޮތުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މަޢުލޫމާތު ފޯރުކޮށްދޭން އެދޭކަމަށާއި އެއަށްފަހު ކަސްޓަމަރަށް ކޮންފަރމޭޝަން ކޯޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ޔޫސަރ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދޭކަމަށްވެސް ވަނީ ބުނެފައެވެ

"އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ އިންޓަރނެޓް ބޭންކިންގެ މަޢުލޫމާތު މިފަދަ ސައިޓްތަކާއި އަދި އެެހެން އެއްވެސް ފަރާތްތަކާއި ހިއްސާ ނުކުރުމެވެ. އަދި ޕޭމަންޓް ކޮންފަރމް ކުރުމަށް މިފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް ވެސް އެދެމެވެ. ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތައް ޔަގީންކުރެވޭނެއެވެ"، ބީއެމްއެލްއިން ބުންޏެވެ.

ބޭންކުން އިތުރަށް ބުނީ ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާ އަކީ ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަންދޭ އެއް ކަމެއްކަމަށާއި، އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މަޢުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއްވެސް އަޅާފައިވާކަމަށެވެ.

ނަމަވެސް، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތަކާއި މިފަދަ ޒާތީ ސިއްރު މަޢުލޫމާތު ހިއްސާ ކުރުމުން މި މަޢުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރުކުރާކަމަށް ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް