Advertisement

ސީޒަން 8 އާއިއެކު ބްރޫކްލިން ނައިން-ނައިން ނިންމާލަނީ!

12 Feb 2021 | 13:51

އެންބީސީން ދައްކަމުންދާ ދިވެހިންގެ ތެރޭގައި މަޝްހޫރު ކޮމެޑީ ސީރީޒެއްކަމަށްވާ ބްރޫކްލިން ނައިން-ނައިންގެ 8 ވަނަ ސީޒަންއާއެކު އެ ސީރީޒް ނިންމާލުމަށް ނިންމައިފިއެވެ.

މިކަން ކަށަވަރުކޮށްދީ އެ ޝޯވގެ ރަސްމީ ޓްވިޓަރ އެކައުންޓްގައި ވަނީ ޝޯވގެ އުފެއްދުންތެރިއެއްކަމަށްވާ ޑޭން ގޯރގެ ބަޔާނެއް ހާމަކޮށްފައެވެ. 

ޑޭން ގޯރ ބުނީ މި ޝޯވްގެ ޕައިލެޓް އެޕިސޯޑްގެ ވާހަކަ ޖޭކް ޕެރޯލްޓާގެ ރޯލް ކުޅޭ އެންޑީ ސެމްބާގަށް ހުށައެޅި އިރުގައި، މި ޝޯވގެ ވާހަކަ ގެނެވޭނީ 153 އެޕިސޯޑުންކަމަށް ބުނިކަމަށާއި، އެއީ އޭނާއާއި ޝޯވގެ އަނެއް އުފެއްދުންތެރިޔާކަމަށްވާ މައިކްވެސް ވިސްނި އެޕިސޯޑްގެ އަދަދުކަމަށެވެ. 

އޭނާ އިތުރަށް ބުނީ ޝޯވ ނިންމާލުމަށް ނިންމުމަކީ އުނދަގޫ ކަމެއްކަމަށާއި، ނަމަވެސް އެއީ ކެރެކްޓަރުންނާއި، ވާހަކަ އަދި ބެލުންތެރިންނަށް އޮތް އެންމެ ރަނގަޅުގޮތްކަމަށް ވިސްނުނުކަމަށެވެ. އަދި ޝޯވ އަވަހަށް ނިމޭތީ ބައެއް މީހުން ދެރަވާނެކަންވެސް އެނގޭކަމަށް ޑޭން ގޯރ ބުންޏެވެ.

އެހެންކަމުން މިއަަހަރު ދައްކާ ބްރޫކްލިން ނައިން-ނައިންގެ ސީޒަން 8 ވެގެންދާނީ އެ ޝޯވގެ އެންމެ ފަހު ސީޒަނަށެވެ. މި ސީޒަން ޚާއްސަވެގެންދާނީ ޕޮލިސް ރިފޯމް އަދި ބްލެކް ލައިވްސް މެޓަރ މޫވްމެންޓްގެ މައްޗަށްކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބްރޫކްލިން ނައިން-ނައިން ސީރީޒްއިން ދައްކުވައިދެނީ އެމެރިކާގެ ނިޔުޔޯކްގެ 99ވަނަ ޕޮލިސް ސްޓޭޝަންގެ ތެރޭގައި ހިނގައިދާ މަސައްކަތުގެ ތެރެއިންނާއި ބޭރުން ދިމާވާ މަޖާ ކަންތައްތަކެއްގެ ވާހަކައެވެ. މި ސީރީސްގައި އެމެރިކާގެ މުޖުތަމައުގެ ތެރޭގައި ހުރި ބައެއް ކަންތައްތަކަށް އަލި އަޅުވާލައި، ސީރީސްގައި ހިމެނޭ ތަފާތު ކެރެކްޓާތަކުގެ ދިރިއުޅުމުގެ މަޖާ ކަންތައްތައްވެސް ގެނެސްދެއެވެ.

މި ސީރީސްގެ އެންމެ ފަހުން ދެއްކި ސީޒަން 7 ނިމިގެންދިޔައީ އެންމެ މުހިންމު ދެ ކެރެކްޓާކަމަށްވާ ޑިޓެކްޓިވް ޖޭކް ޕެރޯލްޓާ އަދި ސާޖަންޓް އޭމީ ސަންޓިއާގޯގެ އަލަތު ދަރި އުފަންވުމާއި އެކުގައެވެ. 

Advertisement

ކޮމެންޓް