އިނގިރޭސިން ޗައިނާ ޓީވީ މަނާކުރުމުން ޗައިނާއިން ބީބީސީ މަނާކޮށްފި

12 Feb 2021 | 17:59

އިނގިރޭސިވިލާތުގައި ޗައިނާގެ ދައުލަތުގެ މީޑިއާ، ޗައިނާ ގްލޯބަލް ޓެލެވިޒަން ނެޓްވާކު، ސީޖީޓީއެން މަނާކުރަން އިނގިރޭސި ސަރުކާރުން ނިންމުމުން ބަދަލު ހިފުމުގެ ފިޔަވަޅެއްގެ ގޮތުން އިނގިރޭސި ދައުލަތުގެ މީޑިއާ ބީބީސީގެ ބީބީސީވޯލްޑްނިއުސް ޗައިނާގައި ދެއްކުން ޗައިނާ ސަރުކާރުން މަނާކޮށްފިއެވެ.

މީގެ އެއް ހަފްތާކުރިން އިނގިރޭސިވިލާތުގެ މީޑއާ ރެގިއުލޭޓަރ އޮފްކޮމް އިން ޗައިނާގެ ސީޖީޓީއެން އިންޓަރނޭޝަނަލްގެ ލައިސަންސް އުވައިލީ އެޗަނަލުން ފަތުރާ ކޮންޓެންޓުގެ އެޑިޓޯރިއަލް ރެސްޕޮންސިބިލިޓީ ބަލާނެ ގޮތެއް ނެތްކަމަށް ބުނެއެވެ. އަދި ސީޖީޓީއެންއަކީ ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓްޕާޓީގެ ކޮންޓްރޯލް އޮންނަ މީޑިއާއެއްކަމަށް ބުނެއެވެ.

މިހެންބުނުމުން ސީޖީޓީއެންއިން އެމީހުންގެ ލައިސަންސް ތިންވަނަ ޕާޓީއަކަށް ދޫކޮށްލުމުގެ ޕޮރޮޕޯޒަލެއް އޮފްކޯމް އަށް ހުށަހެޅިއެވެ. އެކަމަކު އެޕްރޮޕޯޒަލް އޮފްކޮމް އިން ރައްދުކުރީއެވެ. އިނގިރޭސިސަރުކާރުން މިފިޔަވަޅު އެޅިތާ ހަފްތާއެއްފަހުން ޗައިނާގެ މީޑިއާ ރެގިއުލޭޓަރ ބީބީސީ ވޯލްޑްނިއުސް ޗެނަލް އެގައުމުގައި މަނާކުރަމުން ބުނެފައިވަނީ އެޗެނަލުން ޗައިނާއާއިބެހޭގޮތުން ހަގީގަތާއި ޚިލާފް ދޮގު ޚަބަރުތައް ފަތުރައި އަދި ޗައިނާއާއިބެހޭގޮތުން ހަގީގަތް އޮޅޭގޮތަށް ވަކިއަތަކަށް ޖެހިގެން ޚަބަރުފަތުރަމުންދާކަމަށެވެ.

ޗައިނާގައި ބީބީސީ މަނާކުރުމުން ހޮންކޮންގގައިވެސް މަނާވާނެއެވެ.

ޗައިނާއިން މިފިޔަވަޅުއެޅުމުން އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ޗައިނާގެ މިފިޔަވަޅު ބަލައިނުގަނެވޭނެކަމަށެވެ. އަދި މިކަމުން ޗައިނާގައި މީޑިއާގެ މިނިވަންކަން ނިގުޅައިގެންފައިވާ ގޮތް ދުނިޔެއަށް ހާމަވެ، ޗައިނާގެ އަގު ދުނިޔޭގެ މީހުންގެ ކުރިމަތީގައި ވެއްޓުން ނޫންކަމެއް ނުވާނެކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިދާޅުވެފައިވެއެވެ.

މިއީ އިނގިރޭސިވިލާތުން ޗައިނާގެ ދައުލަތުގެ މީޑިއާ މަނާކުރުމުން ބަދަލު ހިފުމަށް އެޅި ފިޔަވަޅެއްކަމަށް ދެކޭކަށް އިނގިރޭސި ސަރުކާރުން ބޭނުމެއްނުވެއެވެ. މިއީ ބަދަލުހިފުމުގެ ފިޔަވަޅެއްކަމަކަށް ޗައިނާއަކުންވެސް ނުބުނެއެވެ.

Advertisement

ކޮމެންޓް