Advertisement

ޙަޤީޤީ ވާހަކަ: ހިތި 15

13 Feb 2021 | 15:53

ކައިވެނި ކުރަން އަހަރެން އެއްބަސްވި ނަމަވެސް، ކައިވެނީގެ ދަތުރު ފެށުމުގައި ދެމީހުންގެ ދިރިއުޅުމުގައި ވެސް ހުރި ގޮންޖެހުން ތަކުގެ ސަބަބުން ކައިވެނި ދިޔައީ ދުވަހެއް ދުވަހަކަށް ފަސްވަމުންނެވެ. އަހަރެން ވެސް އޭރު މަސައްކަތް ކުރަމުން ދިޔައީ އަލަށް ހުޅުވައިގެން އުޅުނު ޓީވީ ޗެނަލެއްގައެވެ. ވުމާއެކު ކުރަން ޖެހޭ މަސައްކަތް ގިނަ ވެފައި، ވަޒީފާއަށް ދޭންޖެހޭ ވަގުތު ގިނަވިއެވެ. ގިނަ ފަހަރު ހެނދުނު އޮފީހަށްދާ ގޮތަށް ގެއަށް އާދެވެނީ، ރޭގަނޑު އެގާރަ ނުވަތަ ބާރަ ޖަހާ ފަހުންނެވެ. މިކަމާއި އަހަރެންގެ މަންމަގެ ފަރާތުން ބައެއް ފަހަރު ޝަކުވާތަކާއިވެސް ކުރިމަތިލާން ޖެހެއެވެ. އަހަރެންގެ މަންމައާއި ބައްޕަ ޝަކުވާ ކުރި ކަމުގައިވިއަސް، އެމީހުންނަށް އަހަރެން ކުރާ މަސައްކަތަކީ ބުރަ މަސައްކަތެއްކަން އެނގެއެވެ. ދަރިންނާއި މެދު ވިސްނާ ފިކުރުކުރާނީ މައިންބަފައިން ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.

އަހަރެންނަށް އިނާންއަށް ދެވޭ ވަގުތު މަދުވާންފެށުމުން އޭނާވެސް ބައެއް ފަހަރު ޝަކުވާ ކުރެއެވެ. ނަމަވެސް އަހަރެން އޭނާއަށްވެސް ވިސްނައިދެވޭތޯ ބަލަމެވެ. އަހަރެންގެ ވަޒީފާގައި ޚަބަރު ލިޔުމާއި، ޚަބަރު ކިޔުމާއި، ޕްރޮގްރާމްތައް ހުށައަޅައިދިނުމުގެ އިތުރަށް ޕްރޮގްރާމް ޕްރޮޑިއުސް ކުރަން ޖެހެއެވެ. ނޫސްވެރިއެއްގެ ޒިންމާ ކިތަންމެހާ ވެސް ބޮޑެވެ. ކެމެރާ ހިފައިގެން އަމިއްލައަށް ވެސް އިވެންޓްތަކަށް ދާންޖެހެއެވެ. އުޅެން ޖެހޭލަށް ބުރަކަމުން ގިނަ ފަހަރު ކަނީ ވެސް މޭޒު ކައިރީ އިށީންދެގެންނެވެ. އަހަރެންގެ މަންމަ ކިތަންމެ ޝަކުވާއެއް ކުރި ނަމަވެސް، މަންމަ އުފާވާ އެއް ކަމެއް އޮވެއެވެ. އެއީ އަހަރެން ޓީވީއިން ޚަބަރު ކިޔާތަން ފެންނާތީއެވެ. އަހަރެންގެ ހުވަފެންތަކުގައި އަހަރެން ކުރި ބުރަ މަސައްކަތުން މިއަދު މިވަނީ ވަރަށް ރަނގަޅަށް ވެސް ކުލަޖެހިފައެވެ.

ދުވަސްތައް މިގޮތުގައި ހޭދަވަމުން ގޮސް، އިނާދުއާއި އިނުމަށް ތާރީޚެއް ކަނޑައަޅައި ދެ ފަރާތުގެ އާއިލާއަށް އެކަން އިޢުލާނު ކުރީމެވެ. އޭރު އަހަރެންނާއި އިނާދުއާއި ރައްޓެހިވެގެން އުޅޭތާ ވަނީ އަހަރެއް ވާން ކައިރިވެފައެވެ. ވުމާއެކު އަހަރެމެން ނިންމީ އެއް އަހަރުވާ ދުވަހު ކައިވެނީގެ ގޮށްޖެހުމަށެވެ. އަހަރެންގެ މައިންބަފައިން ކައިވެންޏަށް ދެކޮޅު ނެހެދި ނަމަވެސް، އެހާ ޅަ އުމުރުގައި މީހަކާއި އިންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް އެމީހުން ބޭނުންވީ އަހަރެން އުފަލުގައި ދިރިއުޅުމަށެވެ. ވުމާއެކު އެ ކަންބޮޑުވުންތައް އެއްފަރާތް ކުރުމަށްފަހުގައި އަހަރެންގެ ކައިވެންޏަށް މަރުޙަބާ ކިޔެވެ. އިނާދުވެސް އަދި އަހަރެންވެސް މާބޮޑު ޕާޓީއެއް ބާއްވާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން، ކައިވެންޏަށް ދައުވަތު ދިނީ ގާތްތިމާގެ މީހުންނާއި، ވަރަށް ގާތް އެކުވެރިންނަށެވެ.

ކައިވެނި ކުރުމަށްޓަކައި އަހަރެން ދުވަސްކޮޅަކަށް ދާއިރާއާއި ދުރަށް ޖެހިލީމެވެ. އެއީ ފެށުނު ޒަވާޖީ ހަޔާތައް ވަގުތު ދިނުމަށާއި، ކުރިއަށް ވުރެ ރަނގަޅު ޗެނަލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދުމަށެވެ. ކައިވެނީގެ ރޭ އަހަރެން ލީ ކަޅުކުލައިގެ ހެދުމެކެވެ. ހެދުމުގެ މަތީބައި ހުރީ ބޮޑެތި އެސްތަކެއް ބޭނުންކޮށްގެން ޖަރީކޮށްފައެވެ. އަހަރެން ކަޅު ކުލައިގެ ހެދުމަށް އިޚުތިޔާރުކުރުމުން ވަރަށް ގިނަ ބަޔަކު އެކަމާ ސުވާލު އުފެއްދިއެވެ. ނަމަވެސް އަހަރެންގެ ނަޒަރުގައި ކޮންމެ ކުލައަކީވެސް ރީތި ކުލައެކެވެ. ކަޅު ކުލައަކީ އަހަރެންނަށް ވަރަށް ރީތި ކުލައެކެވެ. އެދުވަހުގެ ހަވީރު އަހަރެންނާއި އިނާދުގެ ކައިވެނި ކުރެވުނެވެ. އަދި ޕާޓީ އެރޭ ބޭއްވުނެވެ. ޕާޓީ ނިމުނު އިރު ގަޑިން އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. އަހަރެން ހުރީ ކޮޅަށް ހުރެހުރެ ވަރުބަލިވެފައެވެ. ނަމަވެސް މިކަންވެސް މި ނިމުނީތާ އޭ ހިތަށް އެރިއެވެ.

ކައިވެންޏަށް ފަހުގައި އަހަރެން ދިރިއުޅުނީ އިނާދުގެ އާއިލާ އާއި އެކުގައެވެ. އިނާދުގެ އާއިލާގައި އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ދެ ފިރިހެން ކޮއްކޮއާއި އަންހެން ކޮއްކޮއެއް ހުރެއެވެ. އެއީ ކުޑަކުޑަ އުފާވެރި އާއިލާއެކެވެ. އިނާދުގެ މަންމަ އާއި ބައްޕަ އަހަރެންދެކެ ވަރަށް ލޯބިވެއެވެ. އަހަރެންނަށް އެފަދަ މަންމަ އަކާއި ބައްޕައެއް ލިބުނީތީ އުފާކުރީމެވެ. އިނާދު އަހަރެންނާއި މެދު ކަންތައްކުރަމުން އައީ ވަރަށް އޯގާތެރިކޮށެވެ. އަހަރެންނަށް އޭނާގެ ފަރާތުން ހިތްފުރޭ ވަރަށް ލޯބިދިނެވެ. އަހަރެންވެސް އޭނާއަށް ހަމަ އެ ލޯބި އެގޮތުގައި ދިނީމެވެ. އަހަރެންނަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް އުނިނުކުރެއެވެ. އިނާދު ކަހަލަ އޯގާތެރި ރަނގަޅު ފިރިއެއް ލިބުނީތީ އަހަރެން ހެއްދެވި ފަރާތަށް ޝުކުރުކުރީމެވެ.

އަހަރެމެންގެ ކައިވެނި ކުރެވުނު އިރު، އިނާދު އުޅުނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށްޓަކައި ކުޑަ އޮފީހެއް ހުޅުވައިގެން އެކަމުގެ ތެރޭގައެވެ. ކިތަންމެ ބިޒީކޮށް އޮފީހުގައި މަސައްކަތް ކުރި ނަމަވެސް، އަހަރެންނަށް ދޭންވާ ވަގުތު ބަރާބަރަށް ދެއެވެ. ކައިވެންޏަކާއި ހަމައިން ދިރިއުޅުން އަދި ފެށެނީއެވެ. އުޅެމުން އައީ ކުށްޔަށް ކަމަށްވުމާއެކު، ކުލި ދެއްކުމަށާއި، އެހެނިހެން ޚަރަދުތައް ކުރުމަށްވެސް ފައިސާ ހުންނަން ޖެހެއެވެ. އޭރު ގޭގެ ޚަރަދުތައް ބަލަހައްޓަމުން އައީ ރަށުގައި ހުރި އަހަރެންގެ ބަފައިބެއާއި، މަންމަ ކުނިކަހަން ގޮސްގެން ލިބޭ ލާރިންނާއި، އިނާދުއަށް ލިބޭ މަދު އެއްޗަކުންނެވެ. ވުމާއެކު އަހަރެންވެސް އަނެއްކާ ވެސް ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށީމެވެ.

އަހަރެން ވަޒީފާއަށް ދާން ބޭނުންވީ ޕާޓް ޓައިމްކޮށެވެ. ދިރިއުޅުމެއް ފެށުމާއެކު ތާ އަބަދު އޮފީހުގައި ނޫޅެވޭނެކަން އެނގޭތީއާއި، އަމިއްލަ ކަންކަމަށް ވަގުތު ދެމުން ކުރާހިތްވާ ކަމެއް ކުރެވޭނީ އޭރުން ކަމުގައި ވާތީ އެގޮތަށް ނިންމީމެވެ. އަހަރެން އަބަދުވެސް ކުރަން ބޭނުންވި ކަމަކީ ޚަބަރު ކިޔުން ކަމަށްވުމާއެކު، އެކި ޓީވީ ޗެނަލްތަކުގައި މަސައްކަތް ކުރާ ރައްޓެހިންގާތު އެ ވާހަކަ ބުނީމެވެ. އެންމެންވެސް ބުނީ އެ ވަގުތަށް ހުސް ވަޒީފާއެއް ނެތް ކަމަށާއި ނަމަވެސް ވަޒީފާއެއް ހުސްވިހާ އަވަހަކަށް އަންގާލާނެ ކަމަށެވެ. އަހަރެންނަށް ޖެހުނީ ކުޑަ ދުވަސްކޮޅަކަށް އަނެއްކާވެސް މަޑުކޮށްލާށެވެ. ކައިވެންޏަށް ގާތްގަނޑަކަށް ހަ މަސްވަންދެން އަހަރެންގެ ދިރިއުޅުން ދިޔައީ ވަރަށް އުފާވެރިކޮށެވެ. ނަމަވެސް އެ އުފާވެރި ދިރިއުޅުން މަޑުމަޑުން ބަދަލުވާ ކަމުގެ އިހުސާސް އަހަރެންނަށް ކުރެވެން ފެށިއެވެ. އިނާދު އަހަރެންނާއެކު ހޭދަކުރާ ވަގުތު މަދުވެފައި ގޭގައި އުޅޭ ވަގުތުވެސް ވަރަށް ބޮޑަށް މަދުވާން ފެށިއެވެ. އަހަރެންގެ ހިތާއި ސިކުނޑިއަށް ވިސްނައިދިނީ، އިނާދުގެ ވިޔަފާރި ކޮޅަށް ޖެހުމަށްޓަކައި އޭނާ ބުރަކޮށް މަސައްކަތް ކުރަނީ ކަމަށެވެ. ނަމަވެސް އެކުގައި ހޭދަކުރާ ވަގުތުތަކުގައި ވެސް އިނާދު ބަސް މަދުވެފައި އަހަރެންނާއި ދުރުހެން ހީވާންފެށިއެވެ. އަހަރެން އެތައް ފަހަރަކު އިނާދު އާއި ހުރިހާ ކަމެއް ރަނގަޅުތޯ އަހައި ސުވާލުވެސް ކުރަމެވެ. އަނތްބެއްގެ ފަރާތުން ދޭންވާ ހުރިހާ އެއްބާރުލުމެއް އަހަރެންގެ ފަރާތުން ދިނީމެވެ.

އެއް ދުވަހެއްގެ އިރުއޮއްސުނު ވަގުތެވެ. އިނާދު ގެއަށް އައި ގޮތަށް ވަނީ ކޮޓަރިއަށެވެ. އާއްމުގޮތެއްގައި އޭނާ އެގޮތަށް ގެއަށް އައިސް ކޮޓަރިއަށް ވަންނަނީ ނިދަން ބޭނުންވުމުންނެވެ. އޭރު މަޣްރިބް ނަމާދު ބަންގިދޭން ގާތްގަނޑަކަށް ހުރީ ދިހަވަރަކަށް މިނެޓަށް ވެފައެވެ. އިނާދު ބައެއް ފަހަރު ނަމާދަށް ފަރުވާކުޑަކުރާތީ އެ ވާހަކަ އަހަރެން އަބަދުވެސް އޭނާގާތު ދައްކަމެވެ. އަދި ކޮންމެ ހާލެއްގައި ނަމަވެސް، ނަމާދާއި ދުރުނުވުމަށް ނަސޭހަތްތެރިވަމެވެ. އޭނާ ގެއަށް އައި ވަގުތު އަހަރެން ހުރީ ހިކިފައި ހުރި އަންނައުނުތައް ފަތްޖަހަން ސިޓިންރޫމުގައެވެ. އަންނައުނުތައް ފަތްޖެހުމަށްފަހުގައި އެ ހިފައިގެން ކޮޓަރިއަށް ވަންނަން ހިގައިގަތްތަނާއި ބަންގިދޭ އަޑު އިވުނެވެ.

ކޮޓަރިއަށް ވަތްއިރު އިނާދު އޮތީ ތަޅުންގަނޑު މަތީގައި ނިދާފައެވެ. އެއީ އޭނާ އާއްމުކޮށްވެސް ކުރާ ކަމެކެވެ. އަހަރެން ފަތްޖެހި އަންނައުނުތައް އަލަމާރިއަށް ލުމަށްފަހުގައި އަވަސްވެގަތީ ނަމާދަށް ދިއުމަށް އޭނާއަށް ގޮވުމަށެވެ. އަހަރެން ދެތިން ފަހަރަކު އޭނާގެ ކޮޑުގައި ހިފައި ތަޅުވާލާފައި ތެދުވާށޭ ބުނީމެވެ. ނަމަވެސް އޭނާ މަޑުމަޑުން އަހަރެންގެ އަތް ދުރުކުރިއެވެ. އަހަރެން އިރުކޮޅަކު އޭނާއާއި ދިމާލަށް ބަލަން ހުރެފައި އަނެއްކާވެސް އޭނާއަށް ގޮވީމެވެ. މިފަހަރު އަހަރެން ކޮޑުގައި ހިފައި ތަޅުވާލީ ކުރިން ފަހަރަށްވުރެ ތަންކޮޅެއް ބާރަށެވެ. އިނާދު ކުއްލިއަކަށް އަހަރެންގެ އަތް ފޮޅާލުމަށްފަހުގައި ތެދުވިއެވެ. ތެދުވިއިރު އޭނާގެ ދެލޯ ހުރީ ރުޅިއައިސްގެން ރަތްވެފައެވެ.

"ބަންގިގޮވާތީވެ ނަމާދަށް ދާށޭ ބުނަންވެގެން މި ގޮވަނީ." ގަނެފައި ހުރި ބިރެއްގެ ސަބަބުން އަހަރެންގެ އަޑު ނިކުތީ ކިރިޔަ ކިރިޔާއެވެ. އަހަރެންނަށް އިނާދު އާއި ހަތަރުކަޅި ހަމަކުރާކަށްވެސް ނުކެރުނެވެ. ހަމަ އެވަގުތު އިނާދު އަހަރެންގެ ވާތު އަތުގައި ހިފައި ދަމައިގަތެވެ. އަދި އަތްތިލައިގެ ހުޅުކައިރިން އަތާއި ދިމާލުގައި ވަރަށް ބާރަށް ދަތް އެޅިއެވެ. އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ވީތަދުން އަހަރެން ގިސްލަގިސްލާފައި ރޯން ފެށީމެވެ. އިނާދު އަހަރެންގެ އަތުގައި ދަތް އެޅުމަށްފަހުގައި އަހަރެންގެ އަތް ފޮޅާލިއެވެ. އަދި އެނދަށް އަރައި ދެލޯ މަރައިގެން އޮށޯތެވެ. އަހަރެންގެ އަތުގައި އިނާދުގެ ދަތްތަކުގެ ނިޝާން ފެންނަން ހުއްޓެވެ. އޭރު އަތް ހުރީ ކުޑަކޮށް ނޫފައިގަންފައެވެ. އަހަރެން އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން ކޮޓަރިން ނިކުތީމެވެ. ޖެހުނީ އިނާދުގެ މަންމަގެ ކުރިމައްޗަށެވެ. އަހަރެން މަޑުމަޑުން އަތް ފުރަގަހަށްލީމެވެ. "ދަރިފުޅާ ކިހިނެއްވީ؟." އަހަރެންގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަން މަންމައަކަށް ސިއްރެއް ނުވިއެވެ. އަހަރެންނަށް ހުރެވުނީ ދެ ފިކުރާއެވެ. މަންމަ ގާތު އެ ވާހަކަ ބުނާނީ ބާއޭ ނުވަތަ އެކަން ސިއްރުކުރާނީބާއެވެ. 

Advertisement

ކޮމެންޓް