ރައީސް ޞާލިހްގެ ދައްތައަށް ފްލެޓް ހައްގުވާކަމަށް މެޑަމް ފަޒުނާ ވިދާޅުވެއްޖެ

14 Feb 2021 | 10:49

ވަކިމީހެއްގެ ދައްތައަކަށްވުމަކީ ލިބެންޖެހޭ އެއްޗަކުން މަޙްރޫމުވާންވީ ސަބަބެއް ނޫންކަމަށް ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައްތަ، އައިޝަތު މުޙައްމަދު ޞާލިޙަށް ހިޔާ މަޝްރޫއުއިން ފްލެޓެއް ލިބުމާއި ގުޅިގެން ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އައިޝަތު މުޙައްމަދު ޞާލިޙްގެ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލްކަން 2016ވަނަ އަހަރުން ފެށިގެން ކުރައްވަމުންގެންދަވާ، އަދި ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ އައިޝަތު ވަނީ އެހެން މީހުނަށް މާތް ﷲ ދެއްވަވާ ނިއުމަތްތަކަށް ހަސަދަވެރިވެ މީހުންގެ އަބުރު ވެއްޔާ މޮޑެލުމަށް މަސައްކަތް ކޮށް ތިމާއަށް މޮޅުގޮތްތަކާ ކުރިއެރުން ލިބޭނެކަމެއްކަމަށް ދެކެނީ މޮޔައިން ނޫން ކޮންބައެއްތޯ ސުވާލު އުފައްދަވާފައެވެ.

އަދި ހަސަދަވެރިކަމަކީ ތިމާގެ ހަލާކުކަމަށާއި އެއީ ޖަހަންނަމަޔަށް ކުރު މަގެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ޕޯސްޓަށް ކޮމެންޓްކުރައްވަމުން ފަސްޓްލޭޑީ ފަޒްނާ ވަނީ އައިޝަތުއަށް ފްލެޓް ހައްގުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ތައުލީމީ ދާއިރާގައި އޭނާ 38 އަހަރު ހޭދަކުރައްވާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި މީހެއްގެ ދައްތައަކަށްވުމުން ލިބެންވާ އެއްޗަކުން ޑިސްކޮލިފައިވެގެން ނުވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ފްލެޓް ލިބުނީ އައިޝަތުގެ ހިންމަތުން ނޫންކަމަށް ބުނުމަކީ ބަދުބަހެއްކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް