ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

14 Feb 2021 | 16:04

ހުޅުމާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ހަރަކާތްތެރިވާ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންޑް ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނާއި ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ ދެއޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

މިތިން މީހުންގެ ތެރެއިން 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދޭކުން ގިނަ އަދަދެއްގެ ބަނގުރާ އަރުވައިގެން ވޭނެއް ހުޅުމާލެ ހިތިގަސްމަގުން ދުއްވާފައިދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މިފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުރޭ 22:06 އެހާކަންހާއިރުއެވެ. އަދި އެމީހާ ދުއްވި ވޭން ހުއްޓުވައި، ބަލައިފާސްކުރިއިރު އެކި ބްރޭންޑްތަކުގެ 45 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ޕެކެޓް ފެނިފައިވެއެވެ.

އަދި 22 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ފުޅިތަކެއް ހުރި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެރޭ 20:20 އެހާކަންހާއިރު ހުޅުމާލެ މެރީނާވިއު ރެސިޑެންސް ބިލްޑިންގ ކައިރިންނެވެ. އަދި އެ ދެމީހުން ހުއްޓުވައި، ސައިކަލު ފަހަތުގައި އިން 19 އަހަރުގެ މީހާ ހިފަހައްޓައިގެން އިން ދެ ފޮށިގަނޑު ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނިފައިވެއެވެ.

މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މިމައްސަލަތައް ހުޅުމާލެ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement