Advertisement

ޖާމިނުކުރި ލިޔުމުގައި އަދި ކޯޓުއަމުރުގައި އޮތީ ތަފާތު ދެ ދުވަހެއް: ޝަމީމް

14 Feb 2021 | 20:57

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދަށް ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދެވޭގޮތަށް ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމްގެ ފަރާތުން އާ މަޢުލޫމާތުތަކެއް ހާމަކުރައްވައިފިއެވެ.

ކޯޓުއަމުރެއްގެ ދަށުން ޢަލީ ވަޙީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮއްވާ، އޭނާ ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ކަމަށްބުނެ ޕާސްޕޯޓް ދޫކޮށްލާފައިވަނީ މިމަހުގެ 9ވަނަ ދުވަހުގައެވެ. މިކަންކޮށްފައިވަނީ ދައުލަތުގެ ފަރާތުން މިކަމަށް އިއުތިރާޒުކުރަމުން ދަނިކޮށް ކަމަށް މި މައްސަލައިގައި ޕީޖީ އޮފީހުން މީގެކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވަނީ އޭނާގެ ބަދަލުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު ޢަލީ (އަޑުބަރޭ) ޖާމިނުކުރުމަށް ފަހުގައެވެ.

މި މައްސަލައާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް އެންގި އަމުރާއި ޖާމިނުކުރި ލިޔުން ނެރެފައި އޮތް ދުވަސް ތަފާތުކަމަށް ވިދާޅުވެފައެވެ.

"އަޑުއެހުން ބާއްވާ، އަމުރު އިޢުލާނުކުރީ 9 ފެބް 2021 ގައި. އަމުރު ލިބުނީ 11 ފެބް 2021 ގައި. އަމުރުގައި ތާރީޚެއް ކަމަށް އޮތީ 10 ފެބް 2021. ފުރައިގެން ދިޔަ ކަމަށްވަނީ (އަމުރުގައި އޮތް ތާރީޚުގެ ކުރިން) 9 ފެބް 2021 ގައި. ޖާމިނު ލިޔުމުގައި އޮތީ 9 ފެބް 2021 ގައި އަމުރު ނެރުނު ކަމަށް."، ޝަމީމް ވިދާޅުވިއެވެ. އެހެންކަމުން ކޯޓް އަމުރު ނެރުމުގެ ކުރިން ޢަލީ ވަޙީދު ފުރައިގެން ދިޔަކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ޢަލީ ވަޙީދު ފުރައިގެން ދިޔަ ޤައުމެއް މިހާތަނަށް ކަށަވަރުވެފައި ނުވާނަމަވެސް، ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާ ދަތުރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ.

ޢަލީ ވަޙީދަށް ވަނީ އޭނާ ޓޫރިޒަމް މިނިސްޓަރކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ފުރައްސާރަކުރަން އުޅުނުކަމުގެ ތުހުމަތުތަކެއް ކުރެވި ދައުވާ އުފުލިފައެވެ. އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.

Advertisement

ކޮމެންޓް