ލޮކްޑައުނަކަށް ނުދާނެ، އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަނީ

16 Feb 2021 | 15:24

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ނިންމައިފިއެވެ.

"ވޮއިސް"އަށް މަޢުލޫމާތުދެއްވި އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވި ޕޮލިސީ ބައްދަލުވުމެއް ރޭ އޮތްކަމަށާއި، އެ ބައްދަލުވުމުގައި ނިންމާފައިވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ. އަދި ލޮކްޑައުންއަކަށް ނުދާން މިވަގުތަށް ނިންމާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާގޮތުގައި އެ ބައްދަލުވުމުގައި ޞިއްޙީ ދާއިރާގެ ފަރާތްތަކުން ވަނީ ލޮކްޑައުންއަކަށް ދިއުމަށް އެދިފައެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ވަނީ އެކަމަށް މިވަގުތަށް ދެކޮޅު ހަދާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖެއިން ކޮންމެ ދުވަހަކު ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100އަށްވުރެ މަތީގައި ހުންނަތާ ދެހަފުތާ ވަނީ ވެފައެވެ. އަދި މިމަހުގެ މިހާތަނަށް އެ ބަލީގައި ހަ މީހަކު ވަނީ ނިޔާވެފައެވެ.

މިއީ ދިވެހިރާއްޖެއިން މިހާތަނަށް ތަޙައްމަލުކުރި ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅުކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް