ލައިސެންސް ނެތި ޖޫރިމަނާކޮށްފައިވާ ކުދިންގެ މައްސަލައަށް ހައްލެއް ހޯދައިދޭނަން: ރައީސް

17 Feb 2021 | 11:38

ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރަށްވެހި ފަތިސް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތުގެ ތެރެއިން އަތޮޅުތަކުން ކައުންސިލްއަށް ކުރިމަތިލެއްވި މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، 18 އަހަރު ނުފުރޭ ކުދިން ލައިސަންސް ނުލައި ދުއްވައިގެން ޖޫރިމަނާ ކޮށްފައި އެބަހުރި ކަމަށާއި، ރަށްރަށުގެ އިތުރުން މާލޭގައި ވެސް މި މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، 18 އަހަރު ނުފުރޭ ކުދިން ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާގެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށާއި އެހެން ނަމަވެސް ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ލަސްތަކެއް ނުވެ އެ މަނިކުފާނު މިކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި އެކުދިންނަށް ލައިސަންސް ނެގިގެންދާނެ އިންތިޒާމް ވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށާއި، އެފަދަ މައްސަލަތަކުގެ ސަބަބުން ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި އުޅޭ މައްސަލަ ބޮޑުވުމަކީ ހައްލުކޮށްދޭންޖެހޭ މައްސަލައެއް ކަމަށެވެ.

ރަށްވެހި ފަތިސް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ކެނޑިޑޭޓުން ހުށަހަޅާފައިވާ ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement