Advertisement

މާދަރީބަހުގެ ދުވަސް: ދިވެހިބަސް އޮތީ ވެންޓިލޭޓަރުގައި؟

21 Feb 2021 | 12:17

މިއަހަރު ވެސް މާދަރީބަހުގެ ދުވަހަކާ ކުރިމަތިލަނީއެވެ. ކުރީ އަހަރުތަކުގައި މާދަރީބަހުގެ ދުވަސް ގިނަ ބަޔަކަށް ފާހަގަވަނީ ޤައުމީ ހެދުމޭ ކިޔޭ ޒާތެއްގެ ތަފާތު ރީތި ހެދުންތައް ލައިގެން ކުދިން ސުކޫލަށް ދާ ދުވަހެއްގެ ގޮތުގައެވެ. އެ ދުވަހު އެ ހިންގާ ހަރަކާތާ އެކު މާދަރީ ބަހުގެ ދުވަސް ނިމި ދިޔައީއެވެ. ދެން އަހަރުގެ ބާކީ ދުވަސްތަކަކީ އިނގިރޭސި ބަހުގެ ދުވަސްތަކެވެ. ފެނުކައްކާ ބޮލީގެ ޢިއްޒަތް ފަދައިން މާދަރީ ބަހުގެ ދުވަހެއް ދެން އަންނާނީ އެއް އަހަރު ފަހުންނެވެ.

މި އަހަރުގެ މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައެޅި ޝިއާރުގައި ވަނީ "ތަޢުލީމުގައާއި މުޖުތަމަޢުގައި ޝާމިލުވުން އިތުރުކުރުވުމަށް ޓަކައި ގިނަ ބަސްތައް ކުރިއެރުވުން" މިއެވެ. ޝިއާރު ކިތަންމެ މުހިންމު ނަމަވެސް މިއީ ގޮންޖެހުންތައް ބޮޑު ޝިއާރެކެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ މާދަރީބަހަށް ވެފައިވާ އިހުމާލެވެ. އަޅައިނުލެވި ވާ މިންވަރެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހި ބަސް ކަމަށް ވެފައި، ދިވެހި ބަސް ކުރިއަރުވާ ނެގެހެއްޓުމަށް ޤާނޫނުތަކެއް ހަދާފައިވީ ނަމަވެސް މާދަރީ ބަސް ދެމެހެއްޓުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ބަހެއް ދިރުވައި، އާލާކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރަން ޖެހޭ އެއް ފަރާތަކީ ބަހުގެ މާހިރުން ދެކެލައްވާ ގޮތުގައި ސުކޫލު މާހައުލެވެ. ނަމަވެސް ސުކޫލު މާހައުލުން ދިވެހިބަސް ފެންނަނީ އެއް ފަރާތްކުރެވި، އެއްލާލެވިފައިވާ އެއްޗެއްގެ ގޮތުގައެވެ. ސުކޫލުތަކުން ދެކޭ ގޮތުގައި ކުއްޖާ މޮޅުވާނީ އިނގިރޭސި ބަހަށް މޮޅުވުމުންނެވެ. އެހެންކަމުން ތަޢުލީމީ ނިޒާމުގެ ހުރިހައި ސިޔާސަތެއް ވެސް ރޭވިފައިވަނީ އިނގިރޭސި ބަހަށް ދަރިވަރު މޮޅު ކުރުމަށް ޓަކައި މާދަރީ ބަސް ބިތް ޖެއްސުމުގެ ބޭނުމުގައެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބަލާއިރު ރާއްޖޭގައި އޮތީ ދެބަހުން (ދެބައްސަ) ތަޢުލީމު ދޭ ނިޒާމެކެވެ. ބަހުގެ މާހިރުން ދެކެލައްވާ ގޮތުގައި ދެބަހުން ތަޢުލީމު ދޭ ނަމަ ދަރިވަރުގެ ތަޢުލީމު ފަށަން ޖެހޭނީ މާދަރީބަހުންނެވެ. އަދި ކުރިއަރަމުން ދިޔަ ވަރަކަށް ދެ ބަސް ހަމަހަމަ ކަމާއެކު ކިޔަވައިދޭން ޖެހޭނެއެވެ. އޭގެ ބޭނުމަކީ ދެވަނަ ބަހެއް ދަސްކުރާ ނަމަ ފުރަތަމަ ބަހުން ލިބުނު ހުނަރުތައް ބޭނުންކޮށްގެންނެވެ (ކަމިންސް، 2011). މި މައްސަލަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވަނީ ތަފާތު ފަހަރު މަތިން ގެނެވިފައެވެ. 2011 ވަނަ އަހަރުގެ ސެޕްޓެންބަރު 13 ން 24 އަށް ރާއްޖޭގެ ތަޢުލީމުގެ ސިޔާސަތުތަކާ ބެހޭ ދިރާސާއެއް ހެއްދެވި ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ، ކެރޯލް ބެންސަން އޭނާގެ ރިޕޯރޓުގައި ވެސް މިކަމަށް އިޝާރާތްކުރައްވާފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ތަޢުލީމީ ނިޒާމަކަށް މި ބަދަލެއް ނާދެއެވެ. މާދަރީ ބަހުން ކިޔަވައިދެނީ ދިވެހިބަހާއި އިސްލާމް އެކަންޏެވެ. މާދަރީބަހުން ކޮންމެހެން ކިޔަވައިދޭން ޖެހޭ ސޯޝަލް ސްޓަޑީޒް ވެސް އަދިވެސް ކިޔަވައިދެނީ އިނގިރޭސި ބަހުންނެވެ. ދިވެހިރާއްޖޭގެ ސަގާފަތާއި އާދަކާދައާއި ކާބަފައިންނާ ބެހޭ މަޢުލޫމާތު ހިމެނޭ މާއްދާއެއް އިނގިރޭސިން ލިޔެ ކިޔަވައިދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެނެއެވެ.

ކުރީގައި ދިވެހި މާއްދާއާ އެކު އަދަބިއްޔާތު ކިޔަވައިދެވެއެވެ. އޭގެ ތެރެއިން ގުރޭޑް 11 އަދި 12 ގެ ދަރިވަރުން ކުރީގެ ވާހަކަތަކުގެ ތެރެއަށް ވައްދައިދެވެއެވެ. ދަށް ގުރޭޑުތަކުގެ ކުދިންނަށް ޅެމާއި ރައިވަރު ފަދަ ތަކެތީގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވަދެވި، ބަސްކޮށާރަށާއި އަދަބީ އުސްލޫބުތަކުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވަދެވެއެވެ. އެހެންނަމަވެސް އަދަބިއްޔާތު ވަކި މާއްދާއެއް ގޮތަށް ކިޔަވައިދޭން ކަނޑައެޅުމަށް ފަހު އިޚުތިޔާރުކުރުމާ އެކު އަދަބިއްޔާތު ވެސް ވެފައިވަނީ "ބޮޑު ފޮށީގައި އޮތް ޚަތިމަކަށެވެ". އަދަބިއްޔާތު ކިޔަވަން ޖެހެނީ އިޚުތިޔާރީ މާއްދާއެއްގެ ގޮތުގައި ކަމަށް ވެފައި، ޖީސީއީ އޯލެވެލްއަށް ޅަ އިރުއްސުރެ ފައިވިއްދާލާފައިވާ ބަޔަކު އެ ކިޔަވާނެ އެއްވެސް ގޮތެއް އޮންނާނެހެއްޔެވެ؟

ދެން އޮތީ ދިވެހިބަސް ކިޔަވައިދިނުމުގެ ވާހަކައެވެ. ދިވެހި ބަހަށް މިހާރު އޮތް ކިރިޔާ ވެސް ތަސައްލީއަކީ ހުރިހައި ގުރޭޑެއްގައި ބަސް ކިޔަވައިދޭނެ ގަޑިތަކެއް ތާވަލުކޮށްފައިވުމެވެ. އެހެންނަމަވެސް މިދެންނެވި ގަޑިތަކުގެ ބޭނުން ވެސް ހިފެމުން ދަނީ އެދެވޭ ގޮތުގައި ކަމަށް ދެންނެވޭކަށް ނެތެވެ. ދަރިވަރުންގެ މުޤައްރަރުގައި ބަހުގެ މައިގަނޑު 4 ހުނަރު ކަމުގައިވާ ލިޔުމާއި ކިޔުމާއި ވާހަކަދެއްކުމާއި އަޑުއެހުމަށް އަމާޒުކޮށް މަގުޞަދުތައް ލިޔެފައި ވިޔަސް އިމްތިޙާނު ހަދަނީ ދެ ހުނަރަށް އަމާޒުކޮށް ކަމަށް ވާތީ ސުކޫލުތަކުގައި ކުލާސްތައް ގެންދަނީ ދެ ހުނަރު ދޫކޮށްލުމަށް ފަހު ހަމައެކަނި ލިޔުމަށާއި ކިޔުމަށެވެ. ނަތީޖާއަކަށް ވަނީ އަނެއްކާ ވެސް ވަރަށް މުހިންމު ދެ ހުނަރެއް ދަރިވަރުންގެ ކިބައިން ދޫވެގެން ދިއުމެވެ. އެއީ ވާހަކަދެއްކުމާއި އަޑު އެހުމުގެ ހުނަރެވެ. ހަގީގަތަށް ދަންނަވާނަމަ ކިޔަވައިގެން މުޖުތަމަޢަށް ނުކުންނަ ދަރިވަރަކަށް އެންމެ މުހިންމު ހުނަރުތަކަކީ ވެސް އެއީއެވެ. ނަމަވެސް އެސް.އެސް.ސީ އިމްތިޙާނާއި އެޗް.އެސް.ސީ އިމްތިޙާނުގައި އެ ދެ ހުނަރު އިމްތިޙާނު ނުކުރާތީ ސުކޫލުތަކުން ވެސް އެ ދެ ހުނަރަށް ސަމާލުކަމެއް ނުދެއެވެ. ސަމާލުކަން ދެނީ ކިޔުމާއި ލިޔުމަށެވެ. އޭގައި ވެސް ދަރިވަރުންގެ ކިޔުމާއި ލިޔުން ތަރައްޤީ ކުރުމަށް ވުރެ އިސްކަން ދެވެނީ ޕާސްޓްޕޭޕަރ ހެއްދުމަށެވެ. ނަތީޖާއަކީ އެ ދެ ހުނަރު ވެސް ތަރައްޤީ ނުވެ މުޤައްރަރުގެ "ވަސް ވެސް ދަރިވަރުންނަށް ރަނގަޅަށް ދުވާލާފައި" ނުވުމެވެ.

ސުކޫލުތަކުގެ މާހައުލު ބިނާވެފައިވާ ގޮތަކީ ވެސް ދެ ބަހުން ކިޔަވައިދޭ ސުކޫލެއްގައި ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ސުކޫލުގެ މާހައުލުން ވެސް ދިވެހިބަހަށް މާކަ ބޮޑު ސަމާލުކަމެއް ދޭ ތަނެއް ނުފެނެއެވެ. ސުކޫލުގެ އެސެމްބްލީތަކުގައި ގިނަ ފަހަރު ވާހަކަދައްކަނީ އިނގިރޭސި ބަހުންނެވެ. ނޯޓިސްއެއް ބެހެއްޓިއަސް އިނގިރޭސި ބަހުންނެވެ. ދިވެހި ނަސްލުގެ ޓީޗަރަކަށް، ދިވެހިބަހުން ދަރިވަރަކާ އެއްޗެއް ބުނެވޭ ތަނެއް ނާދެއެވެ. ސުކޫލު ވަށައިގެންވާ އެންމެހައި ލިޔުންތަކެއް ވެސް އިނގިރޭސިބަހުންނެވެ. ފޯމެއް ފުރިޔަސް އިނގިރޭސި ބަހުންނެވެ. މީގެ އިތުރުން ދަރިވަރުންނަށް ވިސްނައިދެވެނީ ދިވެހިބަހަކީ "ކަޑަ" ބަހެއް ކަމުގައެވެ. ޤަވާޢިދެއް ނެތް، ބުނަން އުޅޭ އެއްޗެއް ބުނެވޭނެ ގޮތެއް ނެތް ބަހެއްގެ ގޮތުގައެވެ.

ދެން އޮތީ މަތީތަޢުލީމުގެ ވާހަކައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލް ކުރާ ކުދިން، އެ ކުދިންގެ ޑިގްރީގައި މާދަރީބަހުގެ މާއްދާއެއް ކިޔަވަން ފުރުޞަތުދެއެވެ. ޚުދު ދިވެހިބަހުގެ އެކެޑަމީގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ދިވެހިރާއްޖޭގައި ކިޔަވައިދޭ އެންމެހައި މަރުކަޒުތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުން ހިންގާ 3 އަހަރަށް ވުރެ ދިގު މުއްދަތުގެ އަމިއްލަ ކޮންމެ ކޯހެއްގައި ވެސް ދިވެހިބަސް ނުވަތަ ދިވެހި ތާރީޚާއި ބެހޭ މަދުވެގެން 1 މާއްދާ (މޮޑިޔުލް) މަޖުބޫރު މާއްދާއެއްގެ ގޮތުގައި ދިވެހިބަހުން ކިޔަވައިދޭން ވާނެ ކަމުގައެވެ. މަތީ ތަޢުލީމުގައި މާދަރީ ބަސް ކިޔަވައިދިނުމުގެ ބޭނުމަކީ ވަޒީފާއަކަށް ނުކުންނަ އިރު ބޭނުންވާ ހުނަރާއި ތަމްރީނު ހޯދައިދިނުމާއި ބަސް ބޭނުންކުރާނެ ތަފާތު ގޮތްތައް ދަސްކޮށްދިނުމެވެ. އެހެންނަމަވެސް މިއަދު ވެސް މިއީ ހަމައެކަނި ލިޔެވިފައި އޮތް ޤާނޫނުގެ މާއްދާއެކެވެ. މި މާއްދާއަކަށް، ތަޢުލީމީ އެއްވެސް ވުޒާރާއަކުން، ކޮލެޖަކުން، ޔުނިވަރސިޓީއަކުން، އެކެޑަމީއަކުން އަދި ކީއްކުރަންތޯ؟ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަކުން ވެސް އިސްކަމެއް ނުދެއެވެ. އަދި މާއްދާއާ މެދު އެ ފަރާތްތަކުން ތިބީ "ލޯމަރާލައިގެން" ނެވެ. އެހެންކަމުން ޑިގްރީ ނިންމާލާފައި ނުކުންނަ ދަރިވަރު ވަޒީފާއަށް ގޮސް "އަޅުގަނޑުމެން މި ދުރުވަނީ ތިކަން ބައްލަވަމުންނޭ" ބުނުމުން އާޝޯޚުވާކަށް ނުޖެހެއެވެ.

މަޝްހޫރު ލިންގުއިސްޓް، ޑޭވިޑް ކުރިސްޓަލް ހާމަކުރައްވާ ގޮތުގައި ބޭރުބައެއްގެ ނުފޫޒުން ބަހެއް އުވިގެންދާއިރު މައިގަނޑު 3 މަރުޙަލާއެއް ކަޑައްތު ކުރެއެވެ. ފުރަތަމަ މަރުޙަލާގައި ތަފާތު އިޤްތިޞާދީ އަދި އިޖްތިމާޢީ ސަބަބުތަކަށް ޓަކައި ބޭރުބަހެއް ދަސްކުރުވަން ފަށައެވެ. ދެވަނަ މަރުޙަލާގައި އަމިއްލަ މާދަރީ ބަހާއި ބޭރުބަހާ ދެބަހުން ވާހަކަދައްކަން ފަށައެވެ. ތިންވަނަ މަރުޙަލާގައި ޒުވާނުން، މާދަރީ ބަހަކީ މާ މުހިންމު ބަހެއް ނޫން ކަމުގައިދެކި، ބޭރުބަހަށް އަހައްމިއްޔަތު ކަމެއް ދެއެވެ. އޭނަގެ މި މަރުޙަލާތަކުން ދިވެހިބަސް މި ކަޑައްތުކުރަނީ ފަހު މަރުޙަލާ ނޫންބާވައޭ ހިތަށް އަރައެވެ. ދިވެހިބަސް އޮތީ ވެންޓިލޭޓަރުގައި، ހުރީ ކިރިޔާ ހުވާސް ކަމުގައި މި ދެންނެވެނީ މި ސަބަބުތަކަށް ޓަކައެވެ.

އެޑިޓަރުގެ ނޯޓް: ލިޔުންތެރިޔާ ޢަބްދުﷲ ޖަމީލަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރަރއެކެވެ. އެބޭފުޅާ ވަނީ ދިވެހިބަހާއި ސަޤާފަތުގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ހައްދަވާފައެވެ.

Advertisement

ކޮމެންޓް

Advertisement