މާލޭ ސަރަޙައްދުގައި 65 އަހަރުން މަތީގެ ހުރިހާ ފަރާތްތަކުން ކޮވިޑް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފި

18 Feb 2021 | 05:54

މާލޭ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ހުރިހާ ފަރާތްތަކުން ކޮވިޑް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ކުރި އިޢުލާނެއްގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ހުރިހާ ބޭފުޅުން ވީހާވެސް އަވަހަށް ކޮވިޑް ވެކްސިން ޖެހުމަށް އިލްތިމާސްކުރާކަމަށެވެ. މި އުމުރުފުރައިގެ ފަރާާތްތަކަށް ވެކްސިންދޭން ތިރީގައިވާ ވެކްސިން ސެންޓަރުތައް ވަނީ ހުޅުވާލާފައެވެ.

ސޯޝަލް ސެންޓަރ އަދި ހުޅުމާލޭ ފްލޫ ކްލިނިކް- 9:00 އިން 17:00އަށް

ވިލިމާލެ ޒުވާނުންގެ މަރުކަޒު- 9:00 އިން 13:00އަށް

މީގެއިތުރުން މިވަގުތުތަކުގައި ވެކްސިން ޖެހުމަށް ދަތިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް އުސޫލުން ސެނަހިޔާ ހޮސްޕިޓަލްގައި ވެކްސިން ދެވޭނެގޮތް ވަނީ ހަމަޖައްސާފައެވެ. މިފަދައިން އެޕޮއިންޓްމެންޓް ހޯދުމަށް ގުޅަންޖެހޭނީ 1676އަށެވެ.

ދިވެހިރާއްޖޭގައި ފެށި ވެކްސިންދިނުމުގެ ކެމްޕެއިންގައި ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ، އެޤައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

މި ވެކްސިން އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ޑަބްލިޔުއެޗްއޯއިން ވަނީ ދީފައެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ޤައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 4 އަދި 6 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

Advertisement

ކޮމެންޓް