Advertisement

އެއްކޮޓަރީގެ ފްލެޓް ކެޓެގަރީތައް ސަރުކާރުން ނައްތާލުމަކީ ވަރަށް ލަދުވެތިކަމެއް: އާންމުންގެ ޖަމިއްޔާ

18 Feb 2021 | 20:28

ހިޔާ މަޝްރޫއުގެ ދަށުން އިއުލާންކުރި ތިން ކެޓަގަރީއެއް އުވާލުމަށް ހައުސިންގ މިނިސްޓްރީން ނިންމުމާއި ގުޅިގެން އެކަމާއި މެދު އާއްމުންގެ އެކުވެރި ގުޅުން ޖަމްއިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފުލެޓު ގަންނަން ލިބެން ނެތުމުގެ ސަބަބުން ތިރީގައިވާ ކެޓަގަރީތައް އުވާލައި، އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލްކުރުމަށް ނިންމާފައިވާކަން އާންމުކޮށް އަންގައި އިޢުލާންކުރާކަމަށެވެ. އެ ކެޓަގަރީތަކަކީ:

H11- އަށާރަ އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)

H13- މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)

H15- އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮަޓަރި)

މިކަމާ ގުޅިގެން އާއްމުންގެ އެކުވެރި ގުޅުމުގެ ފަރާތުން ބުނީ 1 ކޮޓަރި ތަންތަނާއި ބެހޭ ގޮތުން ސުވާލު ކުރުމުން އެތަންތަން އަޅާފައިނުވާކަމަށް މިނިސްޓަރ އަސްލަމް މިދިޔަ އަހަރުގައި ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް ‏އިއްޔެ 1 ކޮޓަރި ތަންތަނާއި ބެހޭ ގޮތުން މަޖިލިސްގައި ސުވާލު ކުރުމުން 1 ކޮޓަރި ތަންތަން ނިންމުނީ MWSC އަށް އެކަނި ކަމަށާއި އެއީ 36 ފްލެޓު ކަމަށް އަސްލަމް ވިދާޅުވިކަމަށް އެ ޖަމްއިއްޔާއިން ވަނީ ފާހަަގަކޮށްފައެވެ.

އަދި މިއަދު ރައީސް އޮފީހުން ނެރުނު އިއުލާނުގައި ވަނީ 1 ކޮޓަރި ތަންތަން ބާތިލްކޮށްފައިވާކަމަށް ބުނެފައިވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އާއްމުންގެ އެކުވެރި ގުޅުމުން ބުނިގޮތުގައި ހިޔާ އެއް ކޮޓަރި ތަންތަނަކީ ސަރުކާރާއި SOE ތައް އެއްބަސްވުމެއްގެ ދަށުން ފެށުނު ތަންތަނެވެ. އެގޮތުން ސަރުކާރުގެ ކުންފުނި ތަކުން އަޅާ ބިނާ ތަކުގެ 1-4 ފަންގިފިލާ އެއީ ހިޔާ 1 ކޮޓަރީގެ ފްލެޓު ތަކަށް ހާއްސަ ބައިކަމަށް ވަނީ ބުނެފައެވެ. އެ ޖަމްއިއްޔާއިން ބުނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެގެން މަސައްކަތް ކުރިއަށް ނުގެންދެވި، ފްލެޓުތައް ނޭޅި ދެ އަހަރު ގޮސް، ނޭޅެނޭ ކަން ޔަގީން ވީމައި، އެ ފްލެޓުތަކަށް އެޕްލައި ކުރި މީހުންގެ ފޯމު ބާތިލްކޮށް، އެ ކެޓެގަރީތައް ނައްތާލުމަކީ ވަރަށް ލަދުވެތިކަމެއް ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޭން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓް ދިނުމަށް ހަމަޖެހިފައިވާ ބައެއް އިމާރާތްތަކުގެ ކޮންކްރީޓް ސްޓްރަކްޗަރ ނިމިފައިވަނިކޮށް، އެއްކޮޓަރީގެ ފްލެޓް އަޅަންނުފަށާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިނިސްޓަރު އަސްލަމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ދޭނެ ކަމަށް މިދިޔަ ސަރުކާރުން އިއުލާން ކުރި ނަމަވެސް ބައެއް ކެޓަގަރީތަކުގެ ފްލެޓްތައް އަޅަން ފަށާފައި ނުވާ ކަމަށެވެ.

"އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައެއް ނެތް. އިއުލާން ކުރި ނަމަވެސް ހަދަން ފަށާފައެއް ވެސް ނެތް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރ އަސްލަމް މިފައިން ހާމަކުރައްވާފައިވީނަމަވެސް، އެއްކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ހުޅުމާލެގައި ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެެޓްތަކުގެ ތެރޭގައި ކުރިއަށް އެބަދެއެވެ.

ހިޔާގެ ދަށުން އެއްކޮޓަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހިޔާ ފްލެޓް އެޅުމަށް ހަވާލުކޮށްފައިވާ ސަރުކާރު ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި އެމްޕީއެލް އަދި ސްޓެލްކޯގެ ފްލެޓްތަކުގެ ސްޓްރަކްޗަރ މަސައްކަތް ވަނީ ނިމިފައެވެ. މިކުންފުނިތަކުގެ ފުރަތަމަ 4 ފަންގިފިލާ ހާއްސަކުރެވިފައިވަނީ އެއްކޮޓަރިއަށެވެ. މިއީ މިހާރު ސަރުކާރުގައި ގެޒެޓް ކުރެވިފައިވާ އެއްކޮޓަރީގެ ހައްގުވެރި ފަރާތްތައް ވަނުމަށް ހަމަޖެހިފައިވާ ކޮޓަރިތަކެވެ. މިވަގުތު ހުއްޓިފައިވާ އެސްޓީއޯ، ޕީއެސްއެމް ފަދަ ކުންފުނިތަކުގައި ވެސް އެއްކޮޓަރިތައް ހިމެނޭނެއެވެ. މި ސަރުކާރު އައުމަށްފަހު މި ކުންފުނިތަކުގެ މަސައްކަތް ވެސް ވަނީ ނުފެށި ހުއްޓިފައެވެ.

Advertisement

ކޮމެންޓް