އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގެ ތެރެއިން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ!

19 Feb 2021 | 15:27

މިމަހުގެ 20އިން 21ވަނަ ދުވަހަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެން ދާނެކަމަށް ހާމަކޮށްފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރގެ މިދަތުރުފުޅުގައި އެމަނިކުފާނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ ޝާހިދު އާއި ކެބިނެޓްގެ އެހެނިހެން މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ލީޑަރުންނާއިވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ހައިކޮމިޝަނުން މަޢުލޫމާތުދެއެވެ.

އަދި މި ދަތުރުފުޅުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތުގައި ރަށްފުށުގެ ތަރައްޤީ ކުރިއެރުވުމާއި، މީޑިއާ ކޯޕަރޭޝަން، މީހުން ބިނާކުރުން، އަދި ހައުސިން، މަގުތައް ތަރައްޤީކުރުން އަދި ކުޅިވަރު ތަރައްޤީކުރުން ފަދަ ދާއިރާތަކުން މަޝްރޫޢުތަކަށް ފައިނޭންސް ކުރުމާއި ގުޅޭ އެތައް އެގްރީމެންޓެއްގައި ދެޤައުމުގެ ފަރާތުން ސޮއި ކުރެވޭނެކަމަށް ވަނީ ބެލެވިފައެވެ.

މީގެއިތުރުން އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްހޭގައި ކުރިއަށް ގެންދެވޭ ބައެއް ކޮމިއުނިޓީ-ލެވެލް މަޝްރޫޢުތައް މިނިސްޓަރ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެއެވެ.

Advertisement

ކޮމެންޓް