މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ސޯސަންވިލާގައި ޚާއްޞަ ހަރަކާތްތަކެއް!

19 Feb 2021 | 20:43

ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ނުވަތަ ސޯސަންވިލާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުން މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފިއެވެ.

އަންނަ އާދީއްތަ ދުވަހު ދުނިޔޭގައި ފާހަގަކުރާ ބައިނަލް އަޤްވާމީ މާދަރީ ބަހުގެ ދުވަސް އައުމުގެ ކުރިން ސޯސަންވިލާގައި ކިޔަވަމުން އަންނަ ދަރިވަރުން މިދުވަސް ފާހަގަކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ އާދީއްތަ ދުވަހަކީ ސްރީލަންކާގައި ސްކޫލު ބަންދު ދުވަހަކަށް ވާތީ ކަމަށެވެ.

އެމްއީސީސީން މަޢުލޫމާތު ދިންގޮތުގައި ކޮވިޑްގެ ސަބަބަބުން އޮންލައިންކޮށް ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި އެތަނުގެ ދަރިވަރުންގެ އިތުރުން ޓީޗަރުންވެސް ބައިވެރިވިއެވެ. އަދި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަރިވަރުން ކުރިޔާލައި ވަނީ ތައްޔާރުވެސް ވެފައެވެ.

މާދަރީ ބަހުގެ ދުވަހާއި ގުޅިގެން ސޯސަންވިލާގެ ދަރިވަރުންނާއި ޓީޗަރުން ގުޅިގެން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަ ދައްކައިއުޅޭ ތަފާތު ބަހުރުވަތަކުން ވާހަކަ ދެއްކުމާއި ބަސް ހެދުމާއި، ރައިވަރު ކިޔުމާއި ބަނދި ކިޔުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ބޭނުން ކޮށްފައިވާ ބަހުރުވަ ތަކަކީ އައްޑޫ ބަހާއި، ހުވަދޫ ބަހުގެ އިތުރުން ފުވައްމުލަކު ބަހެވެ.

ސޯސަންވިލާއަކީ ލަންކާގައި އުޅޭ ދިވެހި ކިޔަވާ ކުދިންނަށް ޚާއްޞަކޮށްގެން ދިވެހި ސަރުކާރުން ހިންގަމުން އަންނަ ތަނެކެވެ. އެތަނުގައި ދަރިވަރުންނަށް އާންމުކޮށް ކިޔަވައި ދެމުން އަންނަނީ ދިވެހި، އިސްލާމް އަދި ޤުރުއާނެވެ. މި މާއްދާތައް ކިޔަވައި ދެމުން އަންނަނީ ދިވެހި ޓީޗަރުންނެވެ.

Advertisement

ކޮމެންޓް