ހިޔާ ފުލެޓު އެއްކޮޓަރީގެ އެމްޕީއެލް 204 ފުލެޓު ވަނީ ވިޔަފާރި އުސޫލުން ވިއްކާލަފައި: އެމްޕީއެލް

20 Feb 2021 | 07:57

ހިޔާ މަޝްރޫޢުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފުލެޓުތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން އެޅުމަށް ހަމަޖެހިފައިވާ 534 ފްލެޓްތަކުގެ ތެރެއިން އެ ކުންފުނިން އަޅާ ހިޔާގެ އެއްކޮޓަރީގެ 204 ފުލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފިއެވެ.

އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ހިޔާގެ އެއްކޮޓަރިއަށް ކުރީ ސަރުކާރުން ޚާއްޞަކޮށްފައިވާ 204 ފުލެޓު މި ސަރުކާރުން ގެނައި ޕޮލިސީ ބަދަލަކާއެކު ވަނީ ވިއްކާލާފައިކަމަށެވެ.

"ކުރިން މިއީ ހިޔާގެ އަލަތު ކައިވެނި، ދަފުތަރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މާލެ ރަށްވެހިންނަށް ޚާއްޞަ ކުރެވިފައިވާ ފުލެޓުތައް. ނަމަވެސް ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެ އުފައްދަވާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ވަނީ ސަރުކާރު ކުންފުނިތަކުން އަޅާ ހިޔާ ފުލެޓުތައް ބަދަލުކޮށްފައި. އަދި ހިޔާގެ ހުރިހާ އެއްކޮޓަރީގެ ފުލެޓު ކުރިން ސަރުކާރުން ނަގަން އޮތް އޮތުން ބަދަލުކޮށް ސަރުކާރުން ނަގައި އެ ފުލެޓުތައް ވިއްކުމަށް ވަނީ ނިންމާފައި." އެމްޕީއެލްގެ އޮފިޝަލް ވޮއިސްއަށް ކިޔައިދިނެވެ.

ހައުސިންގ މިނިސްޓްރީއިން އިއްޔެކުރި އިޢުލާނުގައި ބުނެފައިވަނީ 1 ކޮޓަރީގެ ފުލެޓުތައް ސަރުކާރު ކުންފުނިތަކުގެ ފުލެޓުތަކުން ދޫކުރާގޮތަށް 2018ވަނަ އަހަރު ހަމަޖައްސާފައިވާ ނަމަވެސް މިހާރު ގަންނަން ލިބުނީ އެންމެ 36 ފުލެޓު ކަމަށެވެ. އަދި އެއާއެކު 1،585 ފުލެޓު މަދުވުމާއި ގުޅިގެން 1 ކޮޓަރިއަށް ކުރިމަތިލީ 3 ކެޓަގަރީއެއްގެ ހުރިހާ ފުލެޓެއް މިއަދު ވަނީ ބާޠިލުކޮށްފައެވެ.

މީގެ ތެރޭގައި އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ޚާއްޞަކުރި ކެޓަގަރީއާއި، ޒުވާނުންނަށް ޚާއްޞަކުރި ކެޓަގަރީއާއި ދަފުތަރު ކެޓަގަރީ ހިމެނެއެވެ. އެހެންނަމަވެސް ދައުލަތުގެ ފައިސާ ޚަރަދުކޮށް ފުލެޓު ކޮމިޓީއިންވަނީ މި 3 ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައެވެ.

1 ކޮޓަރީގެ ފުލެޓުތަކާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމް 2020ވަނަ އަހަރުގެ ޖުލައި މަހުގެ 7ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ 1 ކޮޓަރީގެ އެއްވެސް ފުލެޓެއް އަޅާފައި ނެތްކަމަށެވެ. ނަމަވެސް އޭރުވެސް ހުޅުމާލޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބައި ފުލެޓުތަކުގެ ސްޓްރަކްޗަރވަނީ ނިމިފައެވެ. އާންމު ބައެއް ފަރާތްތަކުންވަނީ އެ އިމާރާތްތަކުގެ ފޮޓޯތައް އެދުވަހު މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

އެގޮތުން އެމްޕީއެލްގެ ފުލެޓުތައް ނިމެން ކައިރިވެފައިވާ އިރު ކުރީ ސަރުކާރުން ހިޔާއަށް ކަނޑަޅާފައިވާ އެއްކޮޓަރީގެ ފުލެޓުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެއްކޮޓަރިއަށް ކަނޑައަޅާފައިވަނީ ސަރުކާރުގެ ކުންފުނިތަކުން އަޅާ ފުލެޓުތަކުގެ ފުރަތަމަ 4 ފަންގިފިލާއެވެ.

ކަން މިހެން އޮތްނަމަވެސް އެންމެފަހުން ނިމިގެން މިދިޔައީ މަދުވި ފުލެޓުތައް ވުޖޫދުގައި ނެތްކަމަށް ބުނަމުން، ޒިންމާވާނެ އިދާރާއެއްވެސް ނެތިއެވެ. ދިރިއުޅެން ކަމުނުދާކަމަށްބުނެ 2019 ވަނަ އަހަރު ފެށި ސިޔާސީ ކެމްޕެއިންގެ ތެރެއިން ނިކުތް އާޚިރު ނަތީޖާއަކީ މިއެވެ. 

Advertisement

ކޮމެންޓް