ހަޤީޤީ ވާހަކަ: ހިތި 16

20 Feb 2021 | 12:24

އަހަރެން އެއްވެސް ކަމެއް ނުވެއޭ ބުނެ އިސްދަށަށް ޖަހާލީމެވެ. އެހިނދު މަންމަ އަހަރެން ފޮރުވައިގެން ހުރި އަތުގައި މަޑުމަޑުން ހިފައި މަންމައަށް ފެންނާނެހެން ކުރިއަށް ނެރުނެވެ. "ސުބުޙާނަﷲ." އިނާދުގެ ދަތްތަކުގެ ތަތްގަނޑު އޭރުވެސް ފެންނަން ހުރުމާއެކު މަންމަ ހައިރާންވިއެވެ. ހަމަ އެވަގުތު އަތުގައި ހުރި ބާރެއް ލާފައި އަހަރުމެންގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފައި އަނބުރާލިއެވެ. އަދި ކޮޓަރިއަށް ވަދެ ނިދާފައި އޮތް އިނާދުއަށް ގޮވާ ހޭލައްވާލިއެވެ. "ކީއްވެ ޝަމްހާ އަތުގައި ދަތް އެޅީ؟." މަންމަ ހުރީ ރުޅިއައިސް ރަތްވެފައެވެ. އޭރު ދެލޯ ކަހަމުން އިނާދު އެނދުން ތެދުވަނީއެވެ. އޭނާ ހުރީ ވާނުވާގައެވެ. "އިނާދު ކައިރީގައޭ މަންމަ މި އަހަނީ!." މިފަހަރު މަންމަގެ އަޑު ތަންކޮޅެއް ބާރުވިއެވެ. "ގަސްތުގައެއް ނޫން." އެނދުން ތެދުވެ ދެފައި ތަގުޅިކޮށްލައިގެން އެނދުމަތީގައި އިށީންނަމުން އިނާދު ޖަވާބު ދިނެވެ.

"ގަސްތުގަ ވިއަސް، ގަސްތުގަ ނޫނަސް އެއްވެސް ކަހަލަ އަނިޔާއެއް ދެން މީގެ ފަހުން ކޮށްގެން ނުވާނެ. އަޑުއިވިއްޖެ." މަންމަ މިހެން ބުނުމަށްފަހުގައި ބާރުބާރަށް ހިނގާފައި ކޮޓަރިން ނިކުމެގެން ގޮސް މަންމަގެ ކޮޓަރިއަށް ވަނެވެ. އެވަގުތު އަހަރެން މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނީމެވެ. އަދި އެނދުގެ މަގަތުގައި މަޑުމަޑުން އިށީނީމެވެ. އެހިނދު އިނާދު ފަހަތުން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި އަހަރެންގެ ކަނާއަތު ކޮނޑު މަތީގައި އޭނާގެ ބޯ ބާއްވާލުމަށްފަހު އަހަރެންގެ ކޮލަށް ބޮސްދިނެވެ. "ސޮރީ. ގަސްތުގައެއް ނޫން. ދެން ދުވަހަކުވެސް އެ ކަހަލަ ކަމެއް ނުކުރާނަން. އޮޅިގެންވެސް. މަންމަ ކައިރީ ގޮސް ބުނީތަ؟." އިނާދު އަހަރެންނާއި ލޯބިކޮށްލަމުން އެހިއެވެ. "ނޫން. މަންމައަށް ފެނުނީ." އަހަރެން އިނާދު ގައިގައި ބައްދާލަމުން ބުނީމެވެ.

އަހަރެންނަށް އެހިސާބުން އަނެއްކާވެސް ރޮވުނެވެ. އެއީ އަހަރެންނަށް އެއްވެސް ހާލެއްގައި މީހެއްގެ ފަރާތުން އެއްވެސް ކަހަލަ ގޮތަކަށް އަނިޔާއެއް ލިބިފައި ނުވާތީއެވެ. އަހަރެންގެ ރުއިމުގެ އަޑާއެކު އިނާދުއަށް އެކަން އިހުސާސްވި ކަހަލައެވެ. އޭނާ އަހަރެންގެ ބުރަކަށީގައި ފިރުމަމުން މާފަށް އެދެމުން ދިޔައެވެ. އަހަރެން އިރުކޮޅުކު ރޯލުމަށްފަހުގައި ކަރުނަތައް ފޮހެލީމެވެ. އަދި މަޣްރިބު ނަމާދު ކުރުމަށް އަވަސްވެގަތީމެވެ. އިނާދުވެސް އަހަރެންނާއެކު ނަމާދު ކުރުމުގައި ބައިވެރިވިއެވެ. ދެމަފިރިން އެކުގައި އެގޮތަށް ނަމާދުކޮށްލުމަކީ ދެމީހުންގެ ގުޅުމަށް އެތައް ފައިދާއެއް ކުރާނެ ކަމެއްކަން އަހަރެންގެ މަންމަ އަބަދުވެސް ބުނެއެވެ. އެގޮތަށް ނަމާދުކުރެވޭ ކޮންމެ ފަހަރަކު އަހަރެން ވަރަށް އުފާވެއެވެ.

އެރޭ ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އަހަރެންގެ ސިކުނޑި ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ވުމާއެކު ނިދަން އެނދުގައި ޖައްސާލިތަނާ ވަރަށް އަވަހަށް ނިދުނެވެ. އެރޭ އިނާދުވެސް އަހަރެންނާއެކު ނިދިއެވެ. އަހަރެންނަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ހޭލެވުނު އިރު އިނާދު ކައިރީގައެއް ނެތެވެ. ގަޑި ބަލާލިއިރު މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. ސައިޑު ކަބަޑު މަތީގައި ހުރި ފެންޖަގުގައި ފެން ނެތުމާއެކު އަހަރެން ނިކުތީ ބޭރަށެވެ. އޭރު އިނާދު ސިޓިންރޫމު ސޯފާގައި ފޯނާ ކުޅެން އޮތެވެ. އަހަރެން ފެނުމާއެކު އޭނާގެ ހަރަކާތްތައް އަވަސްވިއެވެ. އަދި ފޯނު އެއް ފަރާތްކޮށްލުމަށްފަހު އަހަރެންނާއި ދިމާލަށް އައެވެ. "ހޭލެވުނީތަ؟." އިނާދު އައިސް އަހަރެންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. "އާނ. ފެންބޮވައިގަނެގެން ހޭލެވުނީ. ސޯފާގައި ކީއްތިކުރަނީ؟." އަހަރެން ޖަގު ހިފައިގެން ގޮސް ފެން އަޅަން ހުރެގެން ސުވާލުކުރީމެވެ. "ކަމެއް ނުކުރަން. އަހަރެންނަށް ވެސް ހޭލެވުނީމަ ނުނިދިގެން މިތާ އޮތީ ގޭމެއް ކުޅެން." އިނާދު ޖަވާބު ދިނީ އަހަރެންނާއި ދިމާލަށް ބަލާވެސް ނުލައެވެ. އޭނާގެ މޫނުމަތިން ބުނަމުން ދިޔައީ އެހެން ވާހަކައެކެވެ. އަހަރެން ޝައްކުކުރަން ބޭނުންނުވާތީ އިތުރަށް އެ ވާހަކަ ނުދައްކާ ހުއްޓާލީމެވެ.

ދުވަސްތައް ހޭދަވަމުން ދިޔައީ މާ އުފާވެރި ގޮތަކަށް ނޫނެވެ. އަހަރެންގެ ކަޒިން ދައްތަ ސަނާއާއި އަހަރެން ކޮންމެވެސް ވަރަކަށް ބައެއް ކަންކަން ހިއްސާކުރަމެވެ. އަބަދުވެސް ދެގޮތެއް ނުވެ އަހަރެންނާއި ބަރާބަރަށް ގުޅުން އޮންނަ މީހުންގެ ތެރެއިން ސަނާއަކީ އަހަރެންނަށް ވަރަށް ޚާއްޞަ މީހެކެވެ. އޭނާ އަބަދުވެސް ނަސޭހަތްތެރިވީ ކަންކަމާއި މާބޮޑަށް ނުހިފައި، ގޮތްދޫކޮށްލައިގެން އުޅުމަށެވެ. އަހަރެންނަކީ އޭރު ވަރަށް އަވަހަށް ގޮތް ދޫކުރާމީހެކެވެ. ވުމާއެކު އަހަރެންނަށް އެއީ ކުރަން ވަރަށް ފަސޭހަކަމެކެވެ. މިގޮތުގައި ދިރިއުޅުން ކުރިއަށް ދަނިކޮށް އަހަރެންނަށް އަނެއްކާވެސް ޓީވީ ޗެނަލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނެވެ.

މިފަހަރު ހަމަ އެކަނި ޕާޓް ޓައިމްކޮށް ޚަބަރު ކިޔުމަށާއި، ޕްރެޒެންޓު ކުރުމަށެވެ. އަހަރެން އިނާދުއާއި އެކަން ހިއްސާ ކުރުމަށްފަހު އޭނާގެ ރުހުން ލިބުމާއެކު، އެކަމަށް އެއްބަސްވީމެވެ. އަހަރެން ހުރީވެސް އެފަދަ ފުރުސަތަކަށް ބަލަބަލައެވެ. އަހަރެން ޙަޤީޤަތުގައި ނޫސްވެރިކަން ކިޔެވީ ޚަބަރު ކިޔުމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. އަހަރެންގެ ހުވަފެނަކީ ވެސް އަދި ހުރިހާ އުއްމީދެއްވެސް ގުޅިފައި ވަނި އެކަމާއެވެ. އަހަރެން ގިނަ ފަހަރު ސްޓޭޝަނަށް ލައިދީ ބަލާ އަންނަނީ އަހަރެންގެ މައިދައިތައެވެ. މަންމަ އަކީ ސައިކަލު ދުއްވާ މީހަކަށްވެފައި، އިނާދު އަތުގައި އޭރު ސައިކަލެއް ނުހުންނާތީވެއެވެ. މިގޮތަށް އުޅޭ އުޅުމުގައި އަހަރެންނާއި މަންމަ އާއި ދެމީހުން ވަރަށް ގިނައިން ބޭރުން ކައި ހަދަމެވެ. މިގޮތަށް ބައްދަލުވާ ފަހަރުތަކުގައި މަންމަ އިނާދު އާއި ގުޅޭގޮތުން ވަރަށް ސުވާލުކުރެއެވެ.

ނަމަވެސް އަހަރެން އިނާދުގެ ގޯސް އެއްވެސް ވާހަކައެއް ނުދައްކަމެވެ. އާޚިރުގައި ކަންކަން ވާނެގޮތެއް ނޭނގޭތީއެވެ. ޙަޤީޤަތުގައި އޭރު އަހަރެންނަށް އިނާދުއަށް ރަނގަޅަށް ކޮށްދެވޭ އެއްވެސް ކަމެއް ނެތެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައި އޭރު ވަނީ ފާރެއް ލެވިފައެވެ. ޒުވާބު ނުކުރާ ދުވަހެއް މަދުވާނެއެވެ. އަހަރެންގެ ހަމައެކަނި ޝަކުވާ އަކީ އަނތްބަކަށް ދޭންވާ ވަގުތާއި އަޅާލުން ނުލިބުމުގެ ޝަކުވާއެވެ. ނަމަވެސް އިނާދު އެ ހުރިހާ ޝަކުވާތަކަކަށް ދެނީ ބީރު ކަންފަތެކެވެ. އިނާދުއަށް ދުވަހަކުވެސް އޭނާގެ މަސައްކަތުން ސަލާމަތް ވެވޭ ވަރެއް ނުވެއެވެ. އަހަރެންގެ ޢާއިލާގެ މީހުންނާއިވެސް ބައްދަލުކޮށްލަން އޭނާއަށް ދެވެނީ މަދު ފަހަރެއްގައެވެ. ޝަކުވާ ކުރީމައި ހައްތަހާވެސް ގޯސްވަނީ އަހަރެންނެވެ. އަހަރެން ސިކުނޑި ސުމަކަށްދާ ވަރުވިއެވެ. ނަމަވެސް އަހަރެން އެ ހުރިހާ ކަމެއްގެ މައްޗަށް ކެތްތެރިކަން އިސްކުރީމެވެ.

މިގޮތުގައި އުޅެނިކޮށް އެ އަހަރުގެ ރޯދަމަސް އައިސް ބޯމަތިވިއެވެ. ގޭގައި ރޯދައަށް ތައްޔާރުވުމުގެ ގޮތުން، މުޅި ގޭތެރެ ސާފުކުރުމާއި، ގެއަށް ބޭނުންވާ ތަކެތި ހޯދުމުގައި އަހަރެންނާއި، މަންމަ ހަރަކާތްތެރިވީމެވެ. ހުރިހާ ކަމެއްހެން ނިންމީ އިނާދުގެ ކޮއްކޮމެންނާއި، އަހަރެންނާއި މަންމަ އާއެވެ. އިނާދު އެއްވެސް އެހީތެރިކަމެއް ނުލިބޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަހަރެންނަކީ ވަރަށް ބޮޑަށް ސައިނަސްގެ މައްސަލަ ހުންނަ މީހެކެވެ. އިނާދުއަށްވެސް އެކަން އެނގޭނެއެވެ. ނަމަވެސް އަހަރެމެން ދިރިއުޅޭ ކޮޓަރި ބޮޑު ސާފުކުރަން ޖެހުނަސް ކުރަނީ އަހަރެން އަމިއްލަ އަށެވެ. ވީއިރު ގޭތެރޭގައި އެގޮތަށް ކުރާ މަސައްކަތްތަކުގައި އިނާދުގެ އެހީތެރިކަން ނުލިބުމަކީ އަހަރެން ހައިރާންވާވަރުގެ ކަމެއް ނޫނެވެ.

އިނާދުއަށް ދެއިރު ދެދަޅައަށް ރައްޓެހިންނާއެކު ކޮފީއަށް ގޮސް، އޮފީހުގައި އުޅެފައި ބޭނުން އިރަކު ގެއަށް އާދެވުނީމާ އެ ނިމުނީއެވެ. އޭނާގެ ނަޒަރުގައި އެއީ އޭނާގެ އަމިއްލަ މިނިވަންކަމެވެ. އެކަމަކާއި އެއްވެސް މީހަކަށް ބަސް ބުނުމުގެ ޙައްޤެއް ނުވެއެވެ. ގިނަ ފަހަރު އަހަރެން ބަލިވެގެން ގޮސް ޑޮކްޓަރަށް ދައްކަން ދާން ޖެހެނީވެސް މަންމަ އާއި އެކުގައެވެ. ތަނެއްގައި ރިއްސިއަސް އެ ތަނެއްގައި ބޭސް އުނގުޅާދޭ ހަމަ އެކަނި ދެ އަތަކީ އިނާދުގެ މަންމަގެ ދެއަތެވެ. އެވަރުންވެސް އަހަރެން ކެތްތެރިވީމެވެ. ރޯދަމު އެހެން ގޭގެއެކޭ އެއްގޮތަށް އަހަރެންގެ ގޭގައި ވެސް ތަފާތު އެކި ކާތަކެތި ތައްޔާރުކުރަމެވެ. އަހަރެން އަބަދުވެސް އިނާދަށް މީރު އެއްޗެއް ތައްޔާރުކޮށްދެވޭތޯ ބަލަމެވެ. އޭނާއަށް މީރުކޮށް ކެވޭ ދުވަހެއްގައި ހީވާނީ ލޯބި އުތުރި އަރައިގެން އުޅޭހެންނެވެ. ނަމަވެސް ސްޓްރެސް ވެފައި ހުންނަ ދުވަހެއްގައި އެ ހުރިހާ ރޯޅިއެއް ބާލާނީ އަހަރެންނަށެވެ.

އެގޮތަށް އެރެއަކީ ވެސް އޭނާ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިގެން އުޅުނު ރެއެކެވެ. އަހަރެން އެތައް ފަހަރަކު ސުވާލުކުރުމުންވެސް ޖަވާބެއް ނުދިނެވެ. ބޮޑަށް ލަފާކުރެވެނީ މަސައްކަތުގެ މާހައުލުގައި ކަމެއް ގޯސްކޮށް ހިނގައިގެން އުޅޭ ކަމަށެވެ. އަހަރެން އެންމެ ފަހު ފަހަރަށް އިނާދު ގާތު ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމުގެ ގޮތުން ސުވާލުކުރީމެވެ. ނަމަވެސް އިނާދު ޖަވާބުދިނީ އަނގައަކުން ނޫނެވެ. އޭނާގެ އަތުން އަހަރެންގެ ކަންފަތް މަތީގައި ވިހެލި އެތިފަހަރަކުންނެވެ. "މިރޭ ނިދިއަކަވެސް ނުދޭނަން." އޭނާ އަހަރެންނާއި ދިމާލަށް ބުންޏެވެ. ތެދެކެވެ. އެރޭ އޭނާ އަހަރެން ކޮޓަރިން ވެސް ނިކުތަ ނުދިނެވެ. އަދި އަހަރެން ނިދިއައިސްގެން ނިދަން މަސައްކަތްކުރުމުން ވެސް ނިދިއަކަ ނުދިނެވެ. އަހަރެންނަށް ލޮލުފިއެއް ޖެހޭއިރަށް އަހަރެންގެ ގައިގައި މަޑުމަޑުން ތަޅައިގަނެވެ. ނޫނީ ވިކައިގަނެވެ. "ހެޔޮނުވާނެ. މިއީ ރޯދަމަހޭ. އަހަރެން މިހުރީ ދުވާލު ތެޅިތެޅި ވަރުބަލިވެފަ. އިނާދު ނުނިދަންޏާ ނުނިދަބަލަ." އަހަރެން ރޮއެ އާދޭސް ކުރީމެވެ.

ނަމަވެސް އަހަރެންގެ އާދޭސްތައްވީ އޭނާގެ ކުރިމަތީގައި ބޭކާރު އެއްޗަކަށެވެ. އަހަރެންނަށް އެވަރުގެ އަދަބެއް ދޭން ގޯސްކޮށް ކުރެވުނު ކަމެއްވެސް ނޭނގުނެވެ. އިނާދު އެގޮތުގައި އިރުއަރަންދެން އަހަރެން ނިދިޔަ ނުދީ ހިފެހެއްޓިއެވެ. އިރުއެރުމާއެކު، އޭނާ ނިދިއައިސް ނިދިއެވެ. އެކަމަކު އޭރު އަހަރެންގެ ނިދިވަނީ މުޅިންހެން ގެއްލިފައެވެ. އަހަރެންނަށް އިނދެވުނީ ގަބުކައިފައެވެ. އޭނާގެ ނިދި ރަނގަޅަށް ހަރުވުމުން އަހަރެން އެއްޗެހި ބަދަލުކޮށްގެން، އަހަރެންގެ މަންމަގެ ގެއާ ދިމާލަށް ހިނގައިގަތީމެވެ. އެއީ އަހަރެން އުޅޭ ގެއާއި ވަރަށް ކައިރިއެވެ. ސިނޑިން މައްޗަށް އަރައި ތިންވަނަ ފްލޯގެ ދޮރުގައި ޓަކި ދިނީމެވެ. އަހަރެންނަށް އޭރުވެސް މި ކުރެވެނީ ކީއްކަމެއް ނޭނގެއެވެ. އިރުކޮޅަކުން އެތެރެއިން ދޮރު ހުޅުވީ އަހަރެންގެ ކުޑާއެވެ. އެހާ ހެނދުނުގެ ވަގުތެއްގައި އަހަރެން ފެނުމުން އޭނާ ހުރީ ހައިރާންވެފައެވެ. 

Advertisement

ކޮމެންޓް