އެމްޕީއެލްގެ ބަޔާން: އެމްޕީއެލްއިން އެއްކޮޓަރި ފުލެޓު ވިއްކާލި ވާހަކަ ދޮގުނުކުރި!

20 Feb 2021 | 20:15

ހިޔާ މަޝްރޫޢުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފުލެޓު ވިޔަފާރީގެ އުސޫލުން ވިއްކާލާފައިވާކަމަށްބުނެ މިނޫހުން ލިޔެފައިވާ ޚަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ލިޔުމެއް ކަމުގައި އެ ކުންފުނިން ބުނެފިއެވެ. ނަމަވެސް އެމްޕީއެލްއިން 204 ފްލެޓް ވިއްކާލި ވާހަކަ ދޮގުކޮށްފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

އެކުންފުނިން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

“ކަން ހިނގާފައިވާގޮތާ ޚިލާފު މިފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައިނުވާނެކަމުގެ ޔަގީންކަން މި ކުންފުނިން އަރުވަމެވެ” އެމްޕީއެލްއިން ބުނެފައިވެއެވެ.

މިމައްސަލާގައި އެމްޕީއެލްގެ ބަހެއް ހޯދުމަށް މީޑީއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނު ނަގާފައިނުވެއެވެ.

އެމްޕީއެލްއިން ވޮއިސްގެ ޚަބަރު ދޮގުނުކުރި ނަމަވެސް ވޮއިސްގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެކަމަށް ބަޔާނުގައިވެއެވެ.

ވޮއިސް ނޫހުން ހިޔާ ފުލެޓުތަކާއި ބެހޭގޮތުން ގެނެސްދެމުން އަންނަ ޚަބަރުތަކާއި ގުޅިގެން ސަރުކާރުގެ އިސް އޮފިޝަލުންނާއި، ކުންފުނިތަކުގެ އިސްވެރިން ވޮއިސް ނޫހަށް މައުލޫމާތު ދެމުން އަންނަ އިރު މިފަދަ މަޢުލޫމާތަކީ މަޢުލޫމާތު ދޭފަރާތްތަކުގެ ވަނަވަރު ސިއްރުކުރުމަށް ޝަރުތުކުރެވި ވޮއިސްއާއި ހިއްސާކުރާ މަޢުލޫމާތުތައްކަން ފާހަގަކޮށްލަންޖެހެއެވެ.

ހިޔާ މަޝްރޫޢުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފުލެޓުތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން އެޅުމަށް ހަމަޖެހިފައިވާ 534 ފްލެޓްތަކުގެ ތެރެއިން އެ ކުންފުނިން އަޅާ ހިޔާގެ އެއްކޮޓަރީގެ 204 ފުލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާކަމަށް އެ ކުންފުނީގެ އޮފިޝަލެއް ވޮއިސްއަށް މައުލޫމާތު ދީފައިވާއިރު ވޮއިސްއާއި ދެކޮޅަށް އެމްޕީއެލްއިން ނެރެފައިވާ ބަޔާނުގައި މިވާހަކަތައް ދޮގުކޮށްފައިނުވުމުން މިއީ ހަބަރުގެ ސައްހަކަމާއި މެދު ސަރުކާރުގެ ކުންފުނިން ސުވާލު އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތެއްގޮތުގައި ބެލެވެއެވެ.

އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ހިޔާގެ އެއްކޮޓަރިއަށް ކުރީ ސަރުކާރުން ޚާއްޞަކޮށްފައިވާ 204 ފުލެޓު މި ސަރުކާރުން ގެނައި ޕޮލިސީ ބަދަލަކާއެކު ވަނީ ވިއްކާލާފައިކަމަށެވެ.

"ކުރިން މިއީ ހިޔާގެ އަލަތު ކައިވެނި، ދަފުތަރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މާލެ ރަށްވެހިންނަށް ޚާއްޞަ ކުރެވިފައިވާ ފުލެޓުތައް. ނަމަވެސް ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެ އުފައްދަވާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ވަނީ ސަރުކާރު ކުންފުނިތަކުން އަޅާ ހިޔާ ފުލެޓުތައް ބަދަލުކޮށްފައި. އަދި ހިޔާގެ ހުރިހާ އެއްކޮޓަރީގެ ފުލެޓު ކުރިން ސަރުކާރުން ނަގަން އޮތް އޮތުން ބަދަލުކޮށް ސަރުކާރުން ނަގައި އެ ފުލެޓުތައް ވިއްކުމަށް ވަނީ ނިންމާފައި." އެމްޕީއެލްގެ އޮފިޝަލް ވޮއިސްއަށް ކިޔައިދިނެވެ.

ހައުސިންގ މިނިސްޓްރީއިން އިއްޔެކުރި އިޢުލާނުގައި ބުނެފައިވަނީ 1 ކޮޓަރީގެ ފުލެޓުތައް ސަރުކާރު ކުންފުނިތަކުގެ ފުލެޓުތަކުން ދޫކުރާގޮތަށް 2018ވަނަ އަހަރު ހަމަޖައްސާފައިވާ ނަމަވެސް މިހާރު ގަންނަން ލިބުނީ އެންމެ 36 ފުލެޓު ކަމަށެވެ. އަދި އެއާއެކު 1،585 ފުލެޓު މަދުވުމާއި ގުޅިގެން 1 ކޮޓަރިއަށް ކުރިމަތިލީ 3 ކެޓަގަރީއެއްގެ ހުރިހާ ފުލެޓެއް މިއަދު ވަނީ ބާޠިލުކޮށްފައެވެ.

މީގެ ތެރޭގައި އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ޚާއްޞަކުރި ކެޓަގަރީއާއި، ޒުވާނުންނަށް ޚާއްޞަކުރި ކެޓަގަރީއާއި ދަފުތަރު ކެޓަގަރީ ހިމެނެއެވެ. އެހެންނަމަވެސް ދައުލަތުގެ ފައިސާ ޚަރަދުކޮށް ފުލެޓު ކޮމިޓީއިންވަނީ މި 3 ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައެވެ.

1 ކޮޓަރީގެ ފުލެޓުތަކާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމް 2020ވަނަ އަހަރުގެ ޖުލައި މަހުގެ 7ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ 1 ކޮޓަރީގެ އެއްވެސް ފުލެޓެއް އަޅާފައި ނެތްކަމަށެވެ. ނަމަވެސް އޭރުވެސް ހުޅުމާލޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބައި ފުލެޓުތަކުގެ ސްޓްރަކްޗަރވަނީ ނިމިފައެވެ. އާންމު ބައެއް ފަރާތްތަކުންވަނީ އެ އިމާރާތްތަކުގެ ފޮޓޯތައް އެދުވަހު މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

އެގޮތުން އެމްޕީއެލްގެ ފުލެޓުތައް ނިމެން ކައިރިވެފައިވާ އިރު ކުރީ ސަރުކާރުން ހިޔާއަށް ކަނޑަޅާފައިވާ އެއްކޮޓަރީގެ ފުލެޓުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެއްކޮޓަރިއަށް ކަނޑައަޅާފައިވަނީ ސަރުކާރުގެ ކުންފުނިތަކުން އަޅާ ފުލެޓުތަކުގެ ފުރަތަމަ 4 ފަންގިފިލާއެވެ.

ކަން މިހެން އޮތްނަމަވެސް އެންމެފަހުން ނިމިގެން މިދިޔައީ މަދުވި ފުލެޓުތައް ވުޖޫދުގައި ނެތްކަމަށް ބުނަމުން، ޒިންމާވާނެ އިދާރާއެއްވެސް ނެތިއެވެ. ދިރިއުޅެން ކަމުނުދާކަމަށްބުނެ 2019 ވަނަ އަހަރު ފެށި ސިޔާސީ ކެމްޕެއިންގެ ތެރެއިން ނިކުތް އާޚިރު ނަތީޖާއަކީ މިއެވެ. 

Advertisement

ކޮމެންޓް

Advertisement