Advertisement

އިންޑިއާއިން ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ހަދިޔާކޮށްފި

20 Feb 2021 | 17:14

އިންޑިއާއިން ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި މި ވެކްސިންތައް އިންޑިއާގެ ފަރާތުން ރަމްޒީކޮށް ހަވާލުކޮށްދެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަބާނިއަމް ޖައިޝަންކަރެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ވެކްސިންތަކާ ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރ ޝާހިދު އަދި ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ. މީގެކުރިންވެސް އިންޑިއާއިން ދިވެހިރާއްޖެއަށް ވަނީ ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ދިވެހިރާއްޖެއަށް ހަދިޔާކޮށްފައެވެ.

ދިވެހިރާއްޖޭގައި ފެށި ވެކްސިންދިނުމުގެ ކެމްޕެއިންގައި ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ، އެޤައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

މި ވެކްސިން އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ޑަބްލިޔުއެޗްއޯއިން ވަނީ ދީފައެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ޤައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާގެ މުއްދަތެއްގެ ތެރޭގައެވެ. މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

Advertisement

ކޮމެންޓް