އެއްކޮޓަރި ފުލެޓުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްޞަދު ހާސިލްނުވާނެ: ހައުސިންގ މިނިސްޓްރީ

20 Feb 2021 | 21:19

އެއްކޮޓަރި ފުލެޓުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްޞަދު ހާސިލްނުވާނެކަމަށް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވެފައިވަނީ އެމްޕީއެލް އެއްކޮޓަރި ފުލެޓުތައް ވިއްކާލި މައްސަލާގައި ރާއްޖެ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.

ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި، އެއްކޮޓަރީގެ އެޕަރޓްމެންޓުން ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވޭ ކަމަށެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްޞަދު ހާސިލްނުވާކަން އަކްރަމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް އަކްރަމް ފާހަގަކުރެއްވިގޮތުގައި ހިޔާ މަޝްރޫޢުގެ ތެރެއިން އެއްކޮޓަރީގެ އެޕަރޓްމެންޓްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށްވާތީ، އެފުލެޓުތަކަށް ހަދާނެ ގޮތް ނިންމަން ވެސް ކުންފުނިތަކަށް ދޫކޮށްލާފައިވާ ކަމަށެވެ.

އަކްރަމް މިހެން ވިދާޅުވެފައިވީނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން  ހިޔާ މަޝްރޫޢުގެ އެއްކޮޓަރި ހިމެނިފައިވަނީ ކުންފުނިތަކަށް ހަވާލުކޮށްފައިވާ ފުރަތަމަ ހަތަރު ފަންގިފިލާގައެވެ. އަދި ކުންފުނިތަކަށް ފުލެޓު އަޅަށް ދީފައިވަނީ ފުރަތަމަ ހަތަރު ފަންގިފިލާ އެއްކޮޓަރިއަށް ހެދުމަށްފަހު ސަރުކާރުން އެ ގަނެ ހިޔާ ފުލެޓުގެ އެއްކޮޓަރިއަށް ހޮވިފައިވާ ފަރާތްތަކަށް ހަވާލުކުރުމަށެވެ. ނަމަވެސް ރައީސް ޞާލިޙުގެ ސަރުކާރުން ވަނީ އެގްރިމެންޓްތައް ބަދަލުކޮށް، އެއްކޮޓަރި ފުލެޓު ސަރުކާރުން ނުނަގަން ނިންމައި އެ ފުލެޓުތައް ވިއްކާލާފައެވެ.

އެގޮތުން އެމްޕީއެލްއިން ވަނީ ހިޔާ މަޝްރޫޢުގެ އެއްކޮޓަރިއަށް ކަނޑައެޅިފައިވާ 204 ފްލެޓް ވިއްކާލާ، އެކަން އިޢުލާނުވެސް ކޮށްފައެވެ. މި މައްސަލާގައި ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުން އަންނަ އިރު މިހާތަނަށްވެސް ސަރުކާރުން އެއްކޮޓަރި ފުލެޓު ވިއްކާލި މައްސަލާގައި އެއްޗެކޭ ބުނެފައިނުވެއެވެ. އަދި މިހާތަނަށްވެސް ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވަމުން އައިސްފައިވަނީ އެއީ ވުޖޫދުގައި ނެތްއެއްޗެއްކަމަށެވެ.

Advertisement

ކޮމެންޓް

Advertisement