Advertisement

1 ކޮޓަރީގެ ފުލެޓުތައް ދޫކުރުމަށް 2018ގައި ހަމަޖައްސާފައިވަނީ ކުންފުނިތަކުން އަޅާ ފުލެޓުތަކުން: ހައުސިންގ މިނިސްޓްރީ

22 Feb 2021 | 01:07

ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީއިން ގެޒެޓުކުރި އިޢުލާނުގައިވާގޮތުން 1 ކޮޓަރީގެ ފުލެޓުތައް ސަރުކާރު ކުންފުނިތަކުގެ ފުލެޓުތަކުން ދޫކުރާގޮތަށް 2018ވަނަ އަހަރު ހަމަޖައްސާފައިވާނަމަވެސް މިހާރު ގަންނަން ލިބުނީ 1621 ފުލެޓުގެ ބަދަލުގައި އެންމެ 36 ފުލެޓެވެ.

https://www.gazette.gov.mv/iulaan/view/144811

ކަން މިހެން އޮތްއިރު ސަރުކާރުގެ އެކި ކުންފުނިތަކުން އަޅާ އެކި ޓަވަރުތަކުގެ ސްޓްރަކްޗަރ ހުޅުމާލެ ފޭސް2 ގައި ނިމިފައި އެބަ ހުއްޓެވެ. އަދި މި ޓަވަރުތަކުގައި 1 ކޮޓަރީގެ ފުލެޓުތައްވެސް އެބަ ހުއްޓެވެ. އެގޮތުން އެމް.ޕީ.އެލް އިން އެޅި ޓަވަރުތަކުގައި 1 ކޮޓަރީގެ 204 ފުލެޓު ހުރިކަންވެސް އެކުންފުނިން ކޮށްފައިވާ އިއުލާނެއްގައިވެއެވެ. ނަމަވެސް މި ތަންތަން ސަރުކާރަށް މިހާރު ނުލިބެނީ ކީއްވެގެންކަމެއް ސަރުކާރަކުން ހާމައެއް ނުކުރެއެވެ.

އެމް.ޕީ.އެލްއިން ކޮށްފައިވާ އިއުލާނެއް

1 ކޮޓަރީގެ ފުލެޓުތަކުގެ ގޮތުގައި 2018 ވަނަ އަހަރު 1621 ފުލެޓު ދިނުމަށް ނިންމާފައިވާއިރު މި ބަދަލާއިއެކު 1،585 ފުލެޓު މަދުވުމާއި ގުޅިގެން 1 ކޮޓަރިއަށް ކުރިމަތިލީ 3 ކެޓަގަރީއެއްގެ ހުރިހާ ފުލެޓެއް ވަނީ ބާޠިލުކޮށްފައެވެ. މީގެ ތެރޭގައި އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ޚާއްޞަކުރި ކެޓަގަރީއާއި، ޒުވާނުންނަށް ޚާއްޞަކުރި ކެޓަގަރީއާއި ދަފުތަރު ކެޓަގަރީ ހިމެނެއެވެ.

އެހެންނަމަވެސް ދައުލަތުގެ ފައިސާ ޚަރަދުކޮށް ފުލެޓު ކޮމިޓީއިންވަނީ މި 3 ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައެވެ. ފުލެޓު އެވަރަށް ނެތްކަން ކުރީއްސުރެ އެނގޭނަމަ މިއީ ފުލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއަށް ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ކޮށްފައިވާ ބޭކާރު މަސައްކަތެކެވެ.

1 ކޮޓަރީގެ ފުލެޓުތަކާއި ގުޅޭގޮތުން މިނިސްޓަރ އަސްލަމް 2020ވަނަ އަހަރުގެ ޖުލައި މަހުގެ 7ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ 1 ކޮޓަރީގެ އެއްވެސް ފުލެޓެއް އަޅާފައި ނެތްކަމަށެވެ. ނަމަވެސް އޭރުވެސް ހުޅުމާލޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބައި ފުލެޓުތަކުގެ ސްޓްރަކްޗަރވަނީ ނިމިފައެވެ. އާންމު ބައެއް ފަރާތްތަކުންވަނީ އެ އިމާރާތްތަކުގެ ފޮޓޯތައް އެދުވަހުވެސް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

ސަރުކާރު ކުންފުނިތަކުން އަޅާ ޓަވަރުތަކެއްގެ ފޮޓޯ


Advertisement

ކޮމެންޓް

Advertisement