Advertisement

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަލަށްތަރައްޤީކުރެވުނު ދެ ޒޯނެއް ރަސްމީކޮށް ހުޅުވައިފި

21 Feb 2021 | 07:36

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސެންޓްރަލް ޕާކުގައި އަލަށް ތަރައްޤީ ކުރެވުނު ދެ ޒޯނެއް ރަސްމީކޮށް ހުޅުވައިފިއެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ގާއިމުކުރެވުނު މި ދެ ޒޯން މިއަދު ހަވީރު އިފުތިތާހުކޮށްދެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަހަމާނިޔަމް ޖައިޝަންކަރު އާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދެވެ.

މިއަދު ހުޅުވާލެވިފައިވަނީ ރެކްރިއޭޝަން ޒޯނަކާއި އަދި އިންޓަރެކްޓިވް ޒޯނެކެވެ. މި ދެ ޒޯންގައި ހިމެނެނީ ސްކޭޓިންގ އޭރިޔާ، އައުޓްޑޯ ޖިމް، ވިއުއިންގ ޕްލެޓްފޯމް، ކުޑަކުދިން ކުޅޭ ސަރަޙައްދެއް، ޕާކިންގ ޒޯން އަދި ބައިސްކަލް ދުއްވުމަށް ޚާއްޞަ ރޫޓެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފް ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަޙައްދަކީ ހުޅުމާލެ ތަރައްްޤީ ކުރުުމުގެ ވަރަށް މުހިންމު އެއް ޕްރޮޖެކްޓް ކަމުގައި ފާހަގަކުރައްވާ އިންޑިއާ ސަރުކާރަށާއި އެގައުމުގެ ހައިކޮމިޝަނުން ވެދެއްވާ އެހީ ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި މީގެއިތުރުންވެސް މިގޮތަށް އާންމުންނަށް ހުޅުވާލެވޭ ސަރަޙައްދުތައް ހެޔޮގޮތުގައި ބޭނުންކުރެއްވުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުންވެސް މިއަދު ހުޅުމާލޭގައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުން މަރާމާތުކޮށްފައިވާ ޖެޓީ އޭރިޔާއެއްވެސް ރަސްމީކޮށް ހުޅުވާފައެވެ.

Advertisement

ކޮމެންޓް