ހއ.އަތޮޅުގެ ރަށްތަކުގެ މަޝްރޫޢުތަކަށް 416 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

21 Feb 2021 | 10:49

ފާއިތުވި ދެ އަހަރުގެ ތެރޭގައި ހއ.ރަށްތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 416 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ''ރަށްވެހި ފަތިސް''ގެ ދަށުން ހއ. އަތޮޅުގެ ގޮނޑިތަކަށް ވާދަ ކުރާ އެ ޕާޓީގެ ކެނޑިޑޭޓުންނާ ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ހއ. އަތޮޅުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ޕީއެސްއައިޕީގެ ދަށުން 416 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތުގެ ތެރެއިން އެ އަތޮޅުގެ 668 ދަރިވަރުން އުނގެނެމުން ދާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ކޮވިޑް-19އާއި ގުޅިގެން ވަޒީފާގެއްލި، ވަޒީފާއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދެމުންގެންދާ އިންކަމް ސަޕޯޓް އެލަވަންސް، އެ މުއްދަތުގެ ތެރޭގައި އެ އަތޮޅަށް ނިސްބަތްވާ 864 މީހަކަށް ދެވިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެމީހުންނަށް އެލަވަންސްގެ ގޮތުގައި 13.4 މިލިއަން ރުފިޔާ ދޫކުރެވުނު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް އެހީތެރިވުމަށް ސަރުކާރުން ދޫކުރާ އެސް.އެމް.އީ ލޯނުގެ ގޮތުގައި 32 މިލިއަން ރުފިޔާ އެ އަތޮޅުގެ 18 ފަރާތަކަށް ދެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް