އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

21 Feb 2021 | 14:11

އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫސިޓީގައި ފެންހިންދާ ނިޒާމަކާއި އަދި ދެވަނަ ލިންކް ރޯޑަކާއި އަދި އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެ މަޝްރޫއު ހަވާލުކޮށްފައިވާ އެފްކޯންސް އިންސްފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝް އެވެ.

އެމަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅަން ހަމަޖެހިފައިވާއިރު ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީ.އެސް.ބީ) ލެއާ އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސީއެސްބީ ލޭޔާގެ މަގްސަދަކީ ގާއިމް ކުރާ ފެންހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމެވެ. ހަމައެއާއެކު މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 3.4 ކިލޯމީޓަރު މަގުގެ ރީސާފޭސިން މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ތަރައްގީ ކުރާ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ގާއިމް ކުރާނެއެވެ.

އޭގެ އިތުރުން ޑީޓުއާ 4 ލޭން ލިންކް ރޯޑް އަޅާނީ އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުން ދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާ ގުޅާލުމަށްޓަކައެވެ. މި މަޝްރޫއުގެ ދަށުން 1.463 ކިލޯ މީޓަރުގެ އާ 4 ލޭނުގެ ޑީޓުއާ ލިންކް ރޯޑެއް ގާއިމް ކުރާނެއެވެ.

އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ މިކަން ޙަވާލުކޮށްފައިވަނީ 730 ދުވަހުގެ މުއްދަތުގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.

Advertisement

ކޮމެންޓް