ހުވަދޫ އަތޮޅުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ގާއިމްކުރާނަން: ރައީސް ޞާލިޙް

21 Feb 2021 | 23:50

މި ސަރުކާރުން ހުވަދޫ އަތޮޅުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ގާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ތެރެއިން، ގއ.އަތޮޅަށް ޚާއްޞަކޮށްގެން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އަންނަ އަހަރު ހުވަދޫއަށް ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގެންނަވާނެކަމަށާއި، އޭގެ ތެރެއިން ކާގޯ އުފުލޭނެ ނިޒާމެއް ގާއިމްކުރެވިފައި އޮންނާނެކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރެއިން ހުވަދޫގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ގާއިމްކުރައްވާނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ނަމަވެސް އެކަން ކުރާނެ ވަކި ރަށެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުވަދޫ އަތޮޅުގައި މިވަގުތު އޮޕަރޭޓްކުރަމުންދަނީ ޖުމުލަ 2 އެއާޕޯޓެވެ. އެއީ ގދ.ކާޑެއްދޫ އެއާޕޯޓާއި ގއ.ކޫއްޑޫ އެއާޕޯޓެވެ. މީގެ އިތުރުންވެސް ގދ.މާވާރުލު އަދި ގދ.ފަރެސްމާތޮޑާގައިވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ހުވަދޫ އަތޮޅުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ހުޅުވި، އެ އެއާޕޯޓަށް ރާއްޖެއިން ބޭރުގެ ފްލައިޓްތައް ޖެއްސުމަކީ އެ ސަރަޙައްދުގެ ރައްޔިތުން ދެކެމުންެދާ ހުވަފެނެކެވެ.

Advertisement

ކޮމެންޓް

Advertisement