ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އަންނަ ބުދަދުވަހު

22 Feb 2021 | 12:59

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ރިޔާސީ ބަޔާނަށް ޖަވާބުދެއްވުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުން ބުދަ ދުވަހު އޮންނާނެ ކަމަށެވެ.

އެހެންކަމުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު، މަޖިލީހުގެ ހުރިހާ މެންބަރުންވެސް މަޑުމައިތިރިކަމާއެކު ތިއްބެވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު، އެ ޖަވާބަށް ވަގުތުން ރައްދު ނުދެއްވުމަށްވެސް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ. ސަލީމަށް އެފުރުޞަތު ލިބިވަޑައިގަންނަވަނީ އެމްޑީޕީ ފިޔަވާ އެންމެ ގިނަ މެންބަރުން ތިއްބަވަނީ ޕީޕީއެމްގައި ކަމަށްވާތީއެވެ. 

Advertisement

ކޮމެންޓް

Advertisement