Advertisement

ފްލެޓް ޙައްޤުވެރިންނަށް ފްލެޓް ދީފައި އަތުލުމަކީ އަނިޔާވެރިން ނުކުރާ ޒާތުގެ ކަމެއް:ސަލީމް

24 Feb 2021 | 12:12

ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ޙައްޤުވެރިންނަށް ފްލެޓް ދީފައި އަތުލުމަކީ އެންމެ ބޮޑެތި އަނިޔާވެރިންވެސް ނުކުރާ ޒާތުގެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވެފައިވަނީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި އިއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގެވި ހިޔާ މަޝްރޫޢުގެ ދަށުން ބިނާކުރި 7،000 ފުލެޓު އޭގެ ޙައްޤުވެރިންގެ އަތުން އަތުލައި އެހެން ބަޔަކަށް ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައެވެ.

އެގޮތުން ފްލެޓުތައް އޭގެ ޙައްޤުވެރިންނަށް ވަގުތުން ވަގުތަށް ދިނުމަށާއި، ފުލެޓުތައް ޙައްޤުވެރިންގެ އަތުން އަތުލައި އެފަދަ ހަޑިމުޑުދާރު ޢަމަލު ނުހިންގުމަށްވެސް އޭނާވަނީ ސަރުކާރަށް ގޮވައިލައްވާފައެވެ.

"މިހާތަނަށް ސަރުކާރުން އެންމެ ގާބުރިއެއްވެސް ނުބާއްވާތީ، އެ ޕްލޭންތަކަށް ޢަމަލީސިފަ ނާންނާތީ، އެ ޕްލޭންތަކުގައި ކުލަޖެހެމުންނުދާތީ، ރައްޔިތުން ސަރުކާރަކަށް އިތުބާރެއް ނުކުރޭ. ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ. ބަދަލަކަށް ބޭނުންވެފަ."ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢެއް މި ސަރުކާރަށް ނުފެށޭތީ ރައްޔިތުން ތިބީ މާޔޫސްވެ ބަދަލަކަށް ބޭނުންވެފައި ކަމަށެވެ. އަދި ސަރުކާރަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ނުފެށިވާތީ އެކަމުގައި އިދިކޮޅު ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށްވެސް ސަލީމްވަނީ ގޮވާލައްވާފައެވެ.

Advertisement

ކޮމެންޓް